Monday, June 29, 2020

ހާދަހާ ދެރައެއްވެޔޭ!

ހާދަހާ ދެރައެއްވެޔޭ!

ޝަކީލާ ޙާމިދު 

 

ހާދަހާ ދެރައެއްވެޔޭ ޙުރުމަތް ކަނޑާކަން ހީވެފައި

                     އާދައެއް ކަމުގައި ހަދާ ޖެއްސުން ކުރާކަން ހީވެފައި

އިސްކޮޅުން ދެމިލާއިރަށް އަޑުހަރުކަމާއެކު ރުޅިހަދާ  

                    ފިސްވެހިތް އޮހޮރޭ ވަރަށް އަޑުގަދަ ކުރާކަން ހީވެފައި  

ބަސް ކިޔާގޮތް ނޭނގުމުން މަސްހުނި ދިވެހި އިނގިރޭސިކޮށް   

                     ފަސްނުޖެހި ހީފައި މަލާމާތް ކޮށްހަދާކަން  ހީވެފައި

އެކުއުޅޭ ގިނަރައްޓެހިންނާ ގުޅި ނަގާ މަޖަލުގެތެރޭ 

                     ކެކުޅުމޭ ލިބެނީ ހިތަށް މަގުއޮޅި ދަނީއޭ   ހީވެފައި

ކޮށްދެވޭ އެއްވެސް ކަމެއް ނެތިފައި ރަނގަޅު ފަހަކަށް އައިސް

                     ކޮށްލެވޭ ކަމަކުން  ވަރަށް ރުޅިގަދަވެދާކަން ހިވެފައި

އެކުއުޅޭ މިތުރުންގެ ހިތްހަމަ ނުޖެހުމަށް ކަންބޮޑުވެގެން

                     އެކުވެރިން  ތިއްބާ  ރޮވޭފަދަ ބަސްބުނާކަން ހީވެފާ

ކުނިހުތުރު ބަސްތައްގޮވާ ގޮތްދޫނުކޮށް އަޑުގަދަކުރުން

                     ދުނިޔެއިން ދަސްވީ ގޮތެއް ފަހެ ނޭނގެނީއޭ ހީވެފައި

ބަސްކިޔާއިރު ހީވަނީ އިސްމީހަކީ އޭނާ ހެނޭ

                     ރަސްދަރިން ފަދައިން މަށަށް ގެންގުޅެވުނީއޭ ހީވެފައި

ހާދަހާ އަސަރެއްކުރޭ ލަގަނނުން މަގޭއަތް ދޫވުމުން

                      ވާދެރައިން ކުސްކުސް ޖެހީމާ ދޫ ދެވުނުކަން ހީވެފައި

އޭރު އަހަރެންވެސް ގޮތެއްގައި ހަރުދަނާ ހިފެހެއްޓިނަމަ

                      ފާރުވަންދެން ލޯ މިއަދު  ރޯން  ނުޖެހުނީހޭ  ހީވެފައި

ހޯދި ބައިވަރު ރައްޓެހިންނާ މެދު އަޅައި ނުލެވުނުކަމުން

                      މޯހިރުންވެސް ހެޔޮކަމެއް ފެނިގެން ނުދާކަން   ހީވެފައި

ރީތި އުޅުމާ ހެޔޮ ނަމޫނާ ގޭތެރޭން ދައްކައި ދިނުން

                      ރީތި ކަމެކޭ  ގޭތެރޭން  މަންމަގެ  ދައުރެކޭ  ހީވެފައި

ނޭނގިގެން ކަންދެއްކުމަށް ކަނނު ލޯބި ދެވުނީމާ މިހެން

                      އޭގެ ގެއްލުން ޢުމުރުގައި އުފުލަން ޖެހުނުކަން ހީވެފައި

އެޅުނު ބިންގާ ކަތިވުމުން ވީގޮތް މިއީ ސުބުޙާނަހޫ

                      ފެޅުވުމަށް މޮޅު ރަނގަޅުއޮށް ވަޅުލެވުނު ނަމައޭ ހީވެފައި


No comments:

Post a Comment