ކޮރޯނާ ވައިރަސް
ޝަކީލާ
ޙާމިދު
"ސެނެޓައިޒަރ"
އެބަހުރިތަ؟
އަހަރެން ފިހާރައިގެ ސޭޓުގާތުގައި
އަހައިލީމެވެ.
"ނެތް. ރޭ
މިފިހާރާގައި 60 ފުޅި ހުރި. މިހާރު އެންމެ ފުޅިޔެއްވެސް ނެތް. ކޮވިޑު19 އަށް
ދެމީހުން ޕޮޒިޓިވްވި ވާހަކަ އިޢުލާނު ކުރި ހިސާބުން މިރަށު މީހުން ހީވީ މޮޔަވެގެން
އުޅުނުހެން. އަންނަ ކޮންމެ މީހަކު ތިންހަތަރު ފުޅި ހިފައިގެން ދަނީ."
"ދެން
އެހާވަރަށް ނުދޭންވީނު. ގެއަކަށް ފުޅިއެއްދޭންވީނު."
ސޭޓު ދެއްކި
ވާހަކަޔަށް ޖަވާބުދިނީ ފިހާރަ ކުރިމަތީ މަޑުކޮށްފައި އޮތް ޕޮލިސް ޖިޕުން ފޭބި ތިން
މީހުންގެ ތެރެއިން އެކެވެ. އާދައިގެ ހެދުމެއްގައި ތިއްބަސް އެއީ ޕޮލިހުންކަން
އެނގެއެވެ.
"ކަމެއްވާއިރަށް
ދިވެހިން މިހިރަ ތެޅެގަންނަވަރެއް. ހީވަނީ އުޑުބޮލަށް ވެއްޓިގެން އުޅޭހެން.
އެހެންޏާ ދެ މީހުން ތިން މީހުން އުޅޭ ގޭގެޔަށް ވެސް އިއްޔެ ބަސްތަ ބަސްތާއިން ކާޑު
އުފުލި. މިދެން ބޮޑުވަރެއްނު."
"އާނ! ދިވެހިން އުޅެގަންނަނީ
މާއަވަހަށް."
ރުންކުރު ރާގެއްގައި ސޭޓުދެއްކި
ވާހަކަޔަށް މިފަހަރުވެސް ޖަވާބު ދިނީ ކުރިން ވެސް ޖަވާބުދިން މީހާއެވެ.
"އަހަރެމެން
އަވަހަށް ތެޅިގަންނަނީ ކަލޭމެން ފިހާރަވެރިން ކަންތައްކުރާގޮތުން. ކިރިޔާ
ކަމެއްވާއިރަށް ފިހާރަތަކުގައި ހުންނަ މުދާ ރަނަށް ވުރެވެސް އަގުބޮޑުވާނެ.
ރޯގާއެއް ކީއްކުރަން ވިއްސާރަ ވިޔަސް އެނިމުނީ. ޢަމުދުން މި ކަހަލަ ކަމެއްވެގެން ރަށް
ކަރަންޓީނު ވެއްޖިއްޔާ ދެން ކޮބާސަލާމަތެއް. ފިހާރަވެރިން ތިބެނީ ދަނޑިވަޅަށް
ބަލަބަލާ"
މި ދެމީހުންގެ ވާހަކަ
އަޑު އިވި ދަތްކުނޑި ވިކެމުންދިޔަ މެދުޢުމުރުގެ އަންހެނަކަށް ނުހުރެވިގެން
ޖަވާބުދިނެވެ.
"އެހެން ވީއިރު
މިފަހަރުވެސް އަގުބޮޑުކުރަންވީނު."
''ހޯހޯ މިފަހަރު ފުރަތަމަ
ކޮޅު ކަލޭމެންނަކަށް ފުރުޞަތެއް ނުލިބުނު. ޢާންމުން ތިބީ މާކުރީގަ.
ފިހާރަވެރިންނަށް ގޭނގެނީސް ޢާއްމުންނަށް އެނގިއްޖެ. ޢަމުދަކުން މިހާރު
ރުޅިގަދަވެގެން ތިއުޅެނީ ވެސް އެކަމާ. އަގުބޮޑު ނުކުރަނީހެން ކޮންމެހެން
ބޭނުންވާނެ ބައެއްތަކެތި ފިހާރައިން ހުސްވެގެން. އެހެންނޫންނަމަ ފިހާރައިގައި
ހުންނަ މުދާ އަވަހަށް ހުސްވަންޏާ ވާންވީ އުފަލެއްނު."
އަރައިގަތް ރުޅީގައި އަގުދެއްކި
ތަކެތި ހިފައިގެން އަންހެންމީހާ ނިކުމެގެން ދިޔައީވެސް ކުދިކިޔަމުންނެވެ.
އަހަރެން ފިހާރައިން
ނިކުމެ ގެއާ ދިމާއަށް މިސްރާބު ޖަހަމުން މާލޭގައި ހުރި ދަރިފުޅަށް ގުޅާލީމެވެ. ފާމަސީގައި
"ސެނެޓައިޒަރ" ހުރިއްޔާ ފުޅިޔެއް ފޮނުވައިދޭށޭ ބުނާށެވެ.
"ސެނެޓައިޒާރ" އޭ ބުނިއިރަށް ދަރިފުޅުބުނީ، ފާމަސީތަކަށާއި
ހަސްފަތާލުތަކަށް ނޫނީ ދޫނުކުރާގޮތަށް "ސެނެޓައިޒަރ" އެސް.ޓީ.އޯއިން ހިފަހައްޓައިފި
ކަމުގައެވެ.
ގެއަށްއައިސް ގަންނަން
ދިޔަ އަތްސާފުކުރާ ފުޅި ނުލިބުނު ވާހަކަޔާއި ރެއިން ރެޔަށް ހުސްވި ވާހަކައިގެ
އިތުރުން ކާޑުގެ ބާވަތްތައްވެސް މީހުން ގަނޑުކޮށް ގަންނަ ވާހަކަ ބައްޕަ ގާތުގައި ބުނީމެވެ.
ދެވަނަ
ބޮޑުހަނގުރާމައިގެ ދުވަސްތައް ފަދަ ދުވަސްތަކެއް ނުދެއްކެވިއްޔާ ކިތައްމެ ހައިވެސް
ރަނގަޅު ކަމުގައި ބައްޕަ ބުނުއްވިއެވެ.
އިތުރަށް ބައްޕަ ކިޔައިދެއްވި
ގޮތުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދަތިކަން ރާއްޖެއަށް ވެސް އިންތިހާއަށް ކުރިމަތިވިއެވެ. އޭރުވެސް ރާއްޖެއަކީ
އެއްވެސް މާނައެއްގައި ފުދުންތެރި ގައުމެއްނޫންނެވެ. ރާއްޖެއިން ބޭރަށް ކުރެވޭ
ދަތުރުތަކަށް ހުރަސް އެޅިއްޖެނަމަ ރައްޔިތުންގެ މުހުތާދުތައް ފުއްދޭނެ މާބޮޑު ގޮތެއް
އޭރަކުވެސްނެތެވެ. ބިންބޮޑު މާރަށްރަށުގައި ދިރިއުޅޭ މީހުންނަށް ރަށްފުށުތަކެތި
ލިބެއެވެ. ކަނޑުލާއި، ކައްޓަލަޔާއި، އޮޅުވަލަޔާއި، ބަނބުކޭލާއި، ދަނޑިއަލުތްވާއި،
ކަށިކޭލާއި، ފަޅޮލުގެ އިތުރުން ގޮވާމުގެ ބާވަތްތައް ކަމުގައިވާ ބިންބިއާއި،
ކުދިބަތާއި، ދޮނަޅަޔާއި، ޒުވާރި ފަދަ ތަކެއްޗެވެ.
އެހެނަސް ފުށި
ރަށްރަށުގައި ދިރި އުޅޭ މީހުންނަށް ކަނޑުން ބާނާ މަސްކޮޅާއި، މާ ރަށްރަށުން ލިބޭ
އެއްޗެއް ފިޔަވާ ހައިހޫނުކަން ފިލުވާނެ އިތުރު އެއްޗެއް ގާތްގަނޑަކަށް ނުލިބޭނެއެވެ.
މަހައްދާ ޢުމުގެ ގިނަ ފިރިހެން ކުދިންނާއި، ފިރިހެނުން ބައެއްދުވަސްދުވަހު މަހަށް
ގޮސްއުޅެނީ ބަނޑުގައި ގަލާއި، ވެލި ބަނދެގެންނެވެ. އެއީ ހައި ހޫނުކަން ބޮޑުވެގެން
ކޮޅަށް ނުތިބެވިގެންނެވެ.
ގޭގައި ތިބޭ އަންހެން
ވެރިންނާއި ކުޑަކުދިން ކާނެއެއްޗެއް ނެތިގެން ތިން ހަތަރުމީހުން ދުވާލު ހަތަރުދަމު
ހަމަ އެންމެ ގަބުޅިޔަކުން ފުއްދާލައިގެން ތިބޭ ދުވަސް ވެސް މަދެއްނޫނޯލައެވެ. ބަނބުކެޔޮ
ތޮޅިއާއި، ބަނބުކެޔޮ ތޮއްޓާއި، ކަނޑޫ ތޮށިވެސް އޭރު ކައިއުޅުނެވެ. ގިނަފަހަރަށް
ބަނބުކެޔޮ ފުށްއަރަންދެއްވެސް ގަހުގައި ނުބެހެއްޓެއެވެ. ފަޅޯމަލާއި، ފަޅޯ
ގަސްގަނޑާއި، ފަޅޮލު ގޮނޑިޔަށް ދާންދެން ކައިއުޅުނެވެ. ފުށިރަށްރަށުގެ މީހުން
ހައިހޫނުކަން ފިލުވަން މަގޫފަތް ކައިގެން އަނގަ ހަލާކުވި އެތައްބަޔަކު އުޅުނުކަމަށްވެއެވެ.
ރަށްރަށަށް ދައުލަތުން
ފޮނުވާ މަދު ކާޑުކޮޅު ހުންނަނީ ކާޑުގޭގައި ރައްކާކޮށްފައެވެ. ކާޑުގެއިން ދުވާލަކު ގެއަކަށް
ދޭނީ ބައިލާހި ހަނޑުލެވެ. އެޒަމާނަކީ ތައްޔާރީ ކާނާއަށް ދިވެހިން އާދަވެފައިވާ ޒަމާނެއް
ނޫންކަމުން އިރު ކޮއްތުގެ ގޮތުގައި ގޮވާމާއި ފަލަމަޑީގެ ބާވަތްތަށް ބޭނުންކުރުމަކީ
އެޒަމާނުގެ ދިވެހިންނަށް އުނދަގޫ ކަމަކަށް ނުވިއެވެ.
ބައްޕަގެ ވާހަކަތައް
އަޑުއިވުމުން އަހަރެންގެ ހާސްކަން އިތުރުވިއެވެ.
ފިކުރު ކޮށްލެވުނީ މިޒަމާނުގައި
އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ އަހަރެމެންނާއި އަހަރެމެންގެ ކުދިންގެ
ޙާލާމެދުގައެވެ. މި ގެންގުޅޭ ޒާތްޒާތުގެ ތައްޔާރީ ބުއިންތަކާ ކިރުތައް ނުލިބި
އަހަރެމެންގެ ކުދި ޅަދަރިން ގެންގުޅޭނެ ގޮތަކާމެދުގައެވެ.
އެޒަމާނުގައި
ކަނޑުލާއި، ކައްޓަލަޔާއި، އޮޅުވަލަޔާއި، ބަނބުކޭލާއި، ދަނޑިއަލުތްވާއި،
ކަށިކޭލާއި، ފަޅޯ ފަދަ ތަކެތި ލިބުނަސް މިހާރު އެފަދަ ދުވަހެއް އައިއްސިނަމަ
އެތަކެތި ހެއްދޭނެ ގޮތެއްވެސް ހައްދާނެ ބަޔަކުވެސް ނެތެވެ. މިހާރު ގަހެއްހެދެނީ
އެތައްވައްތަރެއްގެ ބޭހެއް އަޅައިގެންނެވެ. ގަސްކާނާޔާއި، ބޭހަކީވެސް ރާއްޖޭގައި އުފައްދާ
ތައްޔާރުކުރާ ތަކެއްޗެއްނޫނެވެ.
އާނއެކެވެ
ބައްޕަބުނުއްވާ ފަދައިން އަހަރެމެން ދިވެހިން މިހާރުމިތިބީ ބޭރުންގެންނަ
ބޭރުތަކެއްޗަށް އާދަވެ ހޭނިފައެވެ. އެތަކެއްޗަށް ރޭރުވެފައެވެ. ކުދިޅަދަރިންނާއި
އަހަރެމެން ވެސް ހުރިހާ ގޮތަކުން މިތިބީ ނުކުޅެދިފައެވެ.
ޓީ.ވީ ހުޅުވާލެވުނީ
މަޖުލީހުގެ ޖަލްސާއެއްގެ މެދު ތެރެއަށެވެ. ވައްތަރީ ކުރީގެ ޖަލްސާއެއްގެ ތަކުރާރު
ކުރުމަކާއެވެ. ވާހަކަ ފުޅުދައްކަވަނީ ރާއްޖޭގެ ޢިތްޒަތްތެރި ރައްޔިތުންގެ
މަޖުލީހުގެ ރިޔާސަތުންނެވެ.
"އަޅުގަނޑު
ދެކޭގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީކީ ނުވެދާނެ ކަމެއްގެ
ގޮތުގައި ދެކެން ވަރަށް އުނދަގޫ. ރާއްޖެއަށް ވަކި ނާންނަ ބައްޔެއް ދުނިޔެއަކު
ނޫޅެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގައިވެސް
ނޫޅޭ."
ގައިންހީބިހި ނަގައިގެން
ދިޔައެވެ. ހީވީ ފައިދަށުން ބިންގަނޑު ފިރުކިގަތްހެނެވެ. އަނެއްކާ ރާއްޖޭގައި
ކޮރޯނާ ވައިރަސް (ކޮވިޑު19) އުޅެނީ ނޫންބާވައޭ ހިތަށްއެރިއެވެ.
އެއާއެކު
އެނައުސަރުގެ އަޑަށް ސަމާލުވެވުނެވެ. އެބޭފުޅާގެ ވާހަކަކޮޅު ފެއްޓެވީ ކުރިން
ވާހަކަ ދެއްކެވި ބޭފުޅާގެ ވާހަކަފުޅު ތަފްޞީލުކޮށް ދިނުމަކަށްވުރެ ތަފާތު
ރާގެއްގައެވެ.
އެގޮތުން ރާއްޖެއަށް
ނާންނަ ކިތައްމެ ބައްޔެއް ދުނިޔޭގައި އުޅޭކަމަށާއި، މިއީ މިފަދަ ބޭފުޅެއްގެ ވާހަކަފުޅު
ހުރުން ރަނގަޅު ރާގެއް ނޫންކަމަށް އެނައުސަރު ހާމަކުރެއްވިއެވެ. އޭގެބަދަލުގައި
"ދުނިޔޭގައި ފެތުރި ޢާއްމުވަމުންދާ ބައްޔެއް ރާއްޖެއަށް ވެސް އައުން
ގާތްކަމުގައި ވިދާޅުވެވިދާނެ ކަމުގައި ވެސް އެނައުސަރު ބުނުއްވިއެވެ. އެންމެ
ފަހުން އެނައުސަރުގެ ވާހަކަ ކޮޅު ނިންމާލެއްވީ ދުޢާއަކުންނެވެ.
"ހައްދަވާ
ގެންގުޅުއްވާ އިލާހް! ވިސްނާ ނުލައި ނަމަވެސް، ނުވަތަ ވިސްނާފައި ނަމަވެސް މިފަދަ ބަސްތައްބުނާ މީހުންގެ
ދުލުވިހައިންނާއި، ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން އަޅަމެންނާ
އެންމެހާ މީސްތަކުން ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން."
އަހަރެންނަށް ވެސް ހަށިފުރާ
މާނޭވާއެއްލެވުނެވެ. އެނައުސަރުގެ ވާހަކަތައްވެސް ގޯހެއްނޫނެވެ. އެހެނަސް
ޢިއްޒަތްތެރި ރިޔާސަތުން ވެސް ވިދާޅުވާން އުޅުއްވީ އެހެން ކަމަށް ވެދާނެއޭ
ހިތަށްއެރިއެވެ. ޢަމުދުން އެއްވެސް މީހަކަށް އަނެކާގެ ހިތުގައި އޮންނަ އެއްޗެއް
ނޭނގޭނެއެވެ. އިވޭނީ ދުލުން ހާމަކުރާ އެއްޗެއްގެ އަޑެވެ. މިފަހަރުމިވީ އެކަހަލަ
ގޮތަކަށްކަމަށްވެސް ވެދާނެއެވެ. އަހަރެންގެ ޚިޔާލީ ސިލްސިލާ މެދުކެނޑުނީ ބައްޕަގެ
އަޑުންނެވެ.
"ކީކޭ ދެން
ކިޔާނި. މިހާރުގެ ބައެއް ބޭބޭފުޅުންނަށް ބައެއްފަހަރަށް ވިދާޅުވެވެވޭ އެއްޗެއް އެނގިވަޑައި
ނުގަންނަވަނީ ކަމަށްވެސް ވެދާނެ."
ނުތަނަވަސް
ރާގެއްގައި ބައްޕަ ބުނުއްވިއެވެ.
''ބައްޕާ ޒަމާނަށް
އަންނަމުންދާ ބަދަލާއި ގުޅިގެން އިންސާނުންގެ ދިރިއުޅުމާ އެމީހުންގެ ވިސްނުމާ
ފިކުރު ވެސް މިދަނީ ބަދަލުވަމުން. ކޮރޯނާ ވައިރަހާ ގުޅިގެން މިހާރުވެސް ބާޒާރުގެ
އަގު އެވަނީ އިންތިހާޔަށް އުފުލިފަ. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު
ކަމެއްކުރަނީ. ހިތަށް އަރާހާ އެއްޗެއް ދުލުން ހާމަކުރަނީ. މި ދަނޑިވަޅުގައިވެސް
އެއްބަޔަކު އަނެއްބަޔަކަށް ބަހުން ހަމަލާދެނީ. އަނެއްބަޔަކު ލިބުރު ރަނުގެ
ފުރުޞަތުގައި ފިހާރަކުގައިހުރި މުދާ ރަނުގެ އަގުގައި ވިއްކޭތޯ ބަލަނީ"
އަހަރެން ބޭނުންވީ
ވާހަކަޔަށް ކުޑަ ފުރޮޅުމެއް ގެންނާށެވެ.
"އާނ. ކިރިޔާވެސް
ބާރެއްލިބޭއިރަށް ކޮންމެ ބަޔަކުވެސް ބަލަނީ އެބާރެއްގެ ބޭނުން ތިމާޔަށް ފައިދާހުރި
ގޮތަކަށް ލިބިގަނެވޭތޯ. އަނެކާއާއި މެދު ވިސްނާ މީހަކު ނެތް. ކޮންމެ މީހަކުވެސް
ބަލަނީ މަށަށް ގިނަކުރެވޭތޯ މަގޭ ގުޅި ފުރާލެވޭތޯ؟ ޖަވާބުދާރީވާން
ޖެހޭނެ ދުވަހެއް އޮތްކަން ހަނދާންހުރި އެކަކުވެސް ނެތްކަހަލަ."
އަނެއްކާވެސް ބައްޕަ
ސަމާލުވީ ޓީ.ވީ އަށެވެ.
އޭރު އެނައުސަރު
ކޮރޯނާ ވައިރަހާ ގުޅޭގޮތުން މަޢުލޫމާތު ދެނީއެވެ. އަޑާ ލިޔުމާއި ފޮޓޯޔާވެސް
އެކުގައެވެ.
"ކޮރޯނާ
ވައިރަހަކީ ކޮބާ؟
ކޮރޯނާ ވައިރަހަކީ އިންސާނުންނާއި، ޖަނަވާރުންގެ މެދުގައި ބަލިޖައްސާ
ވައިރަހެއް.
އާދައިގެ އަރިދަފުސް ރޯގާ، މާސް، އަދި ސާސް ފަދަ ބަލިތައް މި ވައިރަހުން
ޖެހޭ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކާ
ޢަމަލުތައް ބަހައްޓާނީ ކިހިނެތް؟
ދޫނިސޫފާ ސޫފި ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން.
މި ވައިރަސް ޖެހިފައިވާ މީހުންނާ މަޖުބޫރު ޙާލަތެއްގައި މެނުވީ 3 ފޫޓަށްވުރެ
ކައިރިނުވުން.
ގިނަގިނައިން ސައިބޯނިލައިގެން އޮތްދޮވުން.
ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން.
ބިސް އަދި އެއްގަމު މަސް ކައްކާ ރަނގަޅަށް ރޯފިލުވައިގެން ކެއުން."
ކުރު އެހެނަސް
މުހިއްމު މަޢުލޫމާތުކޮޅެކެވެ.
އެނައުސަރުގެ
ވާހަކައިން އެގުނު ގޮތުގައި މިއީ ފަސޭހައިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އެހެނަސް
އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވެ ރައްކާތެރިވެގެން އުޅެފިނަމަ
މާބޮޑުނުރައްކަލެއް ނެއްކަމަށްވެސް ވިދާޅުވިއެވެ. ވީމާ މިވަގުތަކީ ހުރިހާ އެންމެން ވެސް އަމިއްލަ ސަލާމަތާއި
ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުން މުހިއްމު ވަގުތެއް ކަމަށާއި، މި
ދަނޑިވަޅުގައި ލިބޭ ސައްޙަ މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެސް
އެނައުސަރު އެދިލެއްވިއެވެ. މީގެއިތުރުން ރައްޔިތުން ހާސްވެ ބިރުނުގަތުމަށް ހެލްތު
ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހެލްތު މިނިސްޓްރީ އާއި ރެޑް ކްރެސެންޓުންވެސް
އެދޭކަމުގައި އެނައުސަރު ވިދާޅުވިއެވެ.
ހިނދުކޮޅަކު ހިމޭނުން
އިންނެވުމަށްފަހު ބައްޕަ ވެސް ބައްޕައަށް ފެނިލައްވާ ގޮތް ބުނުއްވިއެވެ.
"ވީމާ މިއީ
އެއްގޮތަކަށްވެސް ކަންބޮޑުވާންވީ ވަގުތެއްނޫން. މި ދުނިޔޭގެ ކޮންމެ ކަމަކީވެސް
އިމްތިޙާނެއް. މުޅިދުނިޔެއަށް ބިރުވެރި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުން
އަންނަ ކަމީވެސް އިމްތިޙާނެއް. މި އިމްތިޙާނުން ފާސްވުމަށްޓަކައި އަހަރެމެން
އެންމެންވެސް ވީ ގަދައަޅާ މަސައްކަތް ކުރާން. ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވެ
ގިނަގިނައިން އަސްތަޣުފާރު ކުރާން. އެކަލާނގެ ވަޙީކުރައްވަނީ މިފަދައިން.
"އަދި އެއުރެން އަސްތަޣުފާރު ކޮށްކޮށް ތިއްބައި ﷲ އެއުރެންނަކަށް ޢަޒާބެއް
ނުދެއްވާނެތެވެ."
(ނިމުނީ)
No comments:
Post a Comment