Sunday, June 28, 2020

ވިހި ވިހި ދުނިޔެ މިއޮތީ ބިރުން ސިހިސިހި

    ވިހި ވިހި ދުނިޔެ މިއޮތީ ބިރުން ސިހިސިހި

                      ޝަކީލާ ޙާމިދު

                         

އަލުން އާ އުސްމިނެއް ހޯދޭ އަހަރަކަށް ކީ މި ރަން ވިހިވިހި

                ބަލަން  ތިއްބާ  އަހަރު  އައިއިރު  ދުނިޔެ މިއޮތީ ބިރުން ސިހިސިހި

އުފާވެރިކަމުގެ ހައްސާސާ ގުޅާ އުއްމީދު ރަންކުރިޔަސް     

               ދިފާޢު ވެވޭނެ  ގޮތްނެތުމުން  ދުނިޔެ  މިއޮތީ ބިރުން ސިހިސިހި

ބިނާކޮށް ބޮޑެތި ގަނޑުވަރުތައް ޚިޔާލުގެ އަސްދަނޑިން ބޭރުން  

               ފަނާރުގެ އަލިކަމެއް ނެތުމުން ދުނިޔެ މިއޮތީ  ބިރުން ސިހިސިހި

މިއަދު  ބާރާއި  ކެރިފޯރުން  އެބޯތޭ ގޮންޖަހާ ބުނަމުން

               ނިއަތުގައި ކަންފުޅެއް ނެތުމުން ދުނިޔެ މިއޮތީ ބިރުން ސިހިސިހި

އަވާމެންދުރު ދުރުންބަލަމުން ހަގީގަތަކަށް އެކަންހަދަމުން

               ހަވާނަފުސަށް  ތަބާވެވުމުން  ދުނިޔެ މިއޮތީ  ބިރުން ސިހިސިހި

ޚަޒާނާތައް ފުރާ އޮތުމުން ނަގާ މިންވަރު ނުވެސް އެނގުމުން

               ނަޒާޙާތްތެރިކަމެއް  ނެތުމުން  ދުނިޔެ މިއޮތީ ބިރުން ސިހިސިހި

އަލުން ހައްލެއް ލިބޭނެގޮތެއް ފުދުންތެރިކަން ލިބޭނެ މަގެއް  

               ކަލުންނަށް ނޭނގިފައި އޮތުމުން ދުނިޔެ މިއޮތީ ބިރުން ސިހިސިހި

ބޮޑާބަސްތައް ދުލުން ބުނަމުން ނުބައި ނުލަފާކަމޭ ބުނަމުން

               ފުޑާލާގޮތް ލޮލަށް ފެނުންމުން ދުނިޔެ މިއޮތީ  ބިރުން ސިހިސިހި

ކުރާ އަނިޔާތަކަށް ވިރިވިރި ބިރުން މުސްލިމު ތަކުން ތިއްބާ

               ކޮރޯނާއެއް އަލުން އައުމުން  ދުނިޔެ މިއޮތީ  ބިރުން ސިހިސިހި

ޒަމާނުގެ މޮޅު ޙަކީމުންނާ ސައެންސުގެ މާހިރުން ތިއްބަސް  

               އަމާންކަން އޮތްތަނެއް ނެތުމުން ދުނިޔެ މިއޮތީ ބިރުން ސިހިސިހި

                  27/6/2020

 


No comments:

Post a Comment