Sunday, June 28, 2020

އާދަކާދައިގެ ތެރެއިން އެދުރުގެ

އާދަކާދައިގެ ތެރެއިން އެދުރުގެ

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ




އެދުރުދައިތަ ކިޔަވައިދޭ

ގޭތެރެއިން ނިކުމެއްޖޯ

އެދުރު ކުނާ ފަތުރައިގެން

ކިޔަވައިދޭން އަތުވެއްޖޯ

ފާތުމަޔާ ކާސިމުވެސް

ފިލާލިޔަން ނިކުމެއްޖޯ

ޢަލީ އަލަށް ކިޔަވަންއައިސް

 ކުނާމަތީ އިއްތައްޖޯ

 

ކުދިން ކުދިން އެތުރިލާ

ބައިބައިވެސް ވަކިވެލާ

ވޮށުފިލާ އަޅާކުދިން

ކުނާމަތީ ރަމަތަވެލާ

ފިލާތައް ހިފައިގެން

ގޮނޑިތަކުގައި ހަމަޖެހިލާ

ޚަތިމުތަކުން ކިޔަވާތީ

ކުދިކުދިކޮށް ބައިވެލާ

  

ޢަލީ މިއަދު ފަށާބަލާ

ވޮށުފިލާގަ ޖަހާބަލާ

އަލިފުގަ އިބިފިލިޖަހާ

ރާގާ އުބުފިލިޖަހާ

ވާވުގަ އަބަފިލިޖަހާ

ރާއުބުފިއްޔަށްކިޔާ

ކިޔާ ކިޔާ ކިޔަންފަށާ

ބިސްމިން ފުރަތަމަކިޔާ

  

އަންބަން ފިލި ޖަހަންބުންޏެ

އާބާފިލި ކިޔަންބުންޏެ

އަނގަވަށްކޮށް ވާވުސުކުން

ހަ ފަހަރު ކިޔުމަށްބުންޏޭ

ތަސްދީދަށް ގަދަކޮށްފާ

ލާމު ސުކުން އެއްލާށޭ

އީބީ ފިލި އަންނާނީ

ޔާސުކުނާ އެކުގައްޔޭ

 

މިކަމަށް ފަރުވާވާށޭ

އިބިފިލި ޔާސުކުންކުރޭ

އުބުފިލި ވާވާއެކުގައި

 އޫބޫފިލި އަޑުނިކުމޭ

އަބަފިލި ޔާސުކުނެއްގައި

 އަނގަހާކޮށް ކިޔަންބުންޏެ

އެކުގައި ހުރިހާކުދިން

އެއްއަޑަކުން ކިޔާބަލާ 

 

ހުރިހާ އިރުޝާދެއްދީ

އެދުރު ދައިތަ ކިޔަންފެށިޔެ

ފަހަތުންވެސް ކިޔަންބުންޏެ

އަޑުހަރުކޮށް ކިޔަންބުންޏެ

ދެފަހަރު ކިޔަވައި ދީފައި

ފަހުފަހަރަށް އެކަނިކުރިއެ

މިގޮތަށް ކިޔަވައިދީފައި

ޢަސުރުން އަންނަން ބުންޏޭ

 

ޢަލީ އިހަށް އަޑުއަހާ

ރަނގަޅަށް ވިސްނާ އަހާ

ޤަވައިދުތައް ދަސްކުރަން

 އިހަށް މިތާ މަޑުކުރޭ

ކަނުލާ އަޑުއަހާށޭ

ރަނގަޅަށް ފަރުވާވާށޭ

ކެތްތެރިކަން އިސްކުރޭ 

ކިޔަމަންވާން ދަސްކުރޭ 

 

ހުކުރު ދުވަސްނޫނިއްޔާ

ތިންއިރު ކިޔަވަން އާދޭ

ގޭދޮށް ކުނިކަހަން ޖެހޭ

ދަރުވެސް ހޯދަން ޖެހޭ

އެދުރުދައިތަޔާއެކީ

ދަނޑު ހައްދަން ދާން ޖެހޭ

އެދުރު އޮގަރު މަސްގެންނަން

އަތިރިޔަށް ހިނގަން ޖެހޭ

 

މިމަސްކަނޑަން އެހީވަމުން

މަސްކާޅު ފަހަން ޖެހޭ

ނުވިތާކަށް މިގޭކުދިން

 ފެންވަރުވާ ތިއްތި ކުރޭ

މިކަންކަމަށް ފަރުވާކުޑަ

ކޮށްފިއްޔާ ވަކިކުރެވޭ

ކިޔެވުމުގައި ފަރުވާކުޑަ

ކުރަނީނަމަ އަދަބުދެވޭ

 

ނާށިފަތި އަޅަންޖެހޭ

އަޅި ދެލި ކުރަހަންޖެހޭ 

ގޯނިގަނޑެއް އަނދެލައިގެން

 މުޅިރަށުގައި ހިނގަންޖެހޭ

މިޔޭ މިތާ ޤަވަޢިދަކީ

 މިކަމަށް ވިސްނަން ޖެހޭ

ޢަލީ ވަރަށް ވިސްނާފައި

މިކަމާ އެއްބަސްވިޔޭ

 

އަޅުގަނޑު އެއްބަސްވަމޭ

ބޯލަނބާ އަދަބުވަމޭ

އެދުރުގެއިން ދަސްކިޔަން

އެދިގެން އައިސް ވަންނަމޭ

އެދުރު ދައިތަ ޢަލީއަށް

ވޮށުފިލާ އަޅައިދިނޭ

ބިސްމިކިޔާ އިރުވަރުގައި

 ކިޔަވަން ފައްޓައިދިނޭ

 

ޢަލީ ވަރަށް ގަޔާވެގެން

 އަކުރުތައް ކިޔަންފެށިޔޭ

ހިނދުކޮޅަކުން އެދުރުދައިތަ

 ޚަދީޖަޔަށް ގޮވާލިޔޭ

އިއްޔެ ދެއިރު ކިޔަވަންނައި

ކަމެއް އަލުންބޮޑުވީތޯ

ވަރަށް ދެލޯ ބޮޑުކޮށްލާ

ޖަވާބަކަށް ހުއްޓިލިޔޭ

 

ޚަދީޖަ މަރިޔަނބާއެކީ

މަދުހޮވަން ހިނގައްޖެޔޭ

އާދަނު މޫދަށްއެރުނީ 

ހުކުރަކުނޫނޭ ބުންޏޭ

ދެކުދިން ނާށިފަތިއަޅާ

 ރަށުގައި ހިންގަން ބުންޏޭ

އެދުރު ދައިތަ އަމުރާއެކު

ނާށިފަތި އަޅަން ގެނައޭ

 

ޑަބިޔާ ބެރު ހޯދާށޭ

ދެނާށިވެސް ހޯދާށޭ

ކުށަށްގޮވާ އަޑުގަދަކޮށް

މުޅިރަށުގައި ހިންގާށޭ 

ދެނެތިބެ އަޑު އަހާށޭ

މިކުދިން ކުށްކޮށްފިޔޭ

މޫދަށްގޮސް ހަތަރުދަމު

އާދަނު އުޅެފާވެޔޭ

 

ޚަދީޖަ ކިޔަވަން ނައިސް

މަދު ވަލުގައި އުޅުނިއްޔޭ  

މިޔޭ މިކަން ވީގޮތީ

އަޑުއަހާށެ ދެނެތިބޭ

ރަށުގައި ހަތްބުރުއަޅާ

މިގޮވެލިފަތި ނިންމާލާ

އެދުރު ގެއަށް އައުމާއެކު

ތަފުސީލެއް އަރުވަތްޕޭ

 

އެދުރުދައިތަ ބަސްއިއްވާ

ބަސްހަރުކޮން އަމުރުކުރިއެ   

އެންމެ ރަނގަޅު ގެޔަށްދޭ

މިއަދަށް މިވަރުންފުދޭ  

މީގެ ފަހުން ބަސްއަހާ

ހަނދާންކުރަން ދަސްކުރޭ  

މިއީ އެދުރު ގޭތަކުގައި

ކަންތައްތައް ހިނގާގޮތޭ

 

އާދަކާދަ އެޒަމާނަށް

އޮންނަގޮތޭ ހިނގާގޮތޭ

ކިޔަވަން ބޭނުމިއްޔާ

މިކަންކަމަށް ރުހި އުޅެންޖެހޭ

ނުރުހެންޏާ ކިޔެވޭނޭ

އެހެން ގޮތެއްނޯވެޔޭ

ވީމާ މިޒަމާނުގައި

ކިޔެވޭތީ ޝުކުރުކުރޭ

 

ކިހާނަސީބެއްހެ މީ

ޙަމްދާ ޝުކުރުން ފުރޭ

ﷲ އަށް ޙަމްދުކުރޭ  

ޞަލަވާތުން ވެދުންކުރޭ  

ޖީލުގެ ހެޔޮ ނަސީބަށް

ހިތުގެއަޑިން ޝުކުރުކުރޭ  

މިހާތަނުން ވަކިވެލަން

ވައްސަލާމު ޢަލައިކުމް 

ވަރަޙުމަތުއްﷲ ކިޔަން!

 

 

·      ނޯޓު: މިއީ 2011 ވަނައަހަރު މާދަރީ ބަހުގެ ދުވަހު ހުށަހެޅުމަށް ތައްޔާރު ކުރެވުނު ބަނދި ތަކެކެވެ.


No comments:

Post a Comment