ކުއްވެރިވަނީ
އަހަރެން އެކަނި ހެއްޔެވެ؟
މަރަށް ޙުކުމްކޮށް ޖަލުގައި ބަނދުކޮށްފައި ހުރި
ކުއްވެރިއަކަށް އޭނާ އިލެކްޓުރިކް ޝޮކްދީގެން ދަންޖެއްސުމުގެ ވަގުތު
ގާތްވެއްޖެކަމުގެ ޚަބަރުދިނެވެ. އަދި އެއަށްފަހު
އޭނާ މަރާލުމުގެ ކުރިން އެންމެފަހުން އެދޭ އެދުމަކީ ކޮބައިތޯ އޭނާއާ
ސުވާލުކުރެވުނެވެ. އެވަގުތު އޭނާ ބުންޏެވެ. އަހަރެންނަށް ގަލަމަކާއި ލިޔާނެ
ކަރުދާސް ގަނޑެއް ލިބިދާނެ ހެއްޔެވެ؟ އޭނާ ލިޔުނެވެ.
’’ލޯބިވާ މަންމާއެވެ.
ޤާނޫނުއެއީ ހަމަހަމަ އެއްޗަކަށްވީނަމަ މިއަދު މަންމަވެސް
އަހަރެންނާއެކު މި އިލެކްޓްރިކް ގޮނޑީގައި
ޖަންޖައްސަން ބައިންދާނެއެވެ. އެކަމަކު ޤާނޫނުގެ ލޯ ވަރަށް ބޮޑަށް މެރިފައިވުމުން
މިއަދު މިވަނީ މަންމައާއި އަހަރެންނާ ދެމީހުން ގުޅިގެން ކުރި ކުށްތަކުގެ ސަބަބުން
އަހަރެން އެކަނި ކުށްވެރި ވެފައެވެ.
މަންމާއެވެ.
މިކަންފެށިގެން އައިގޮތް ހަނދާންކޮށްބަލާށެވެ. އެކަންކަން
ހަނދާނަށް ގެނެސްބަލާށެވެ. އެންމެފުރަތަމަ އަހަރެން އަހަރެންގެ ޕްރީސްކޫލު
ރަޙްމަތްތެރިޔާގެ މެޓާތައް ސިއްރުންގެނައި ދުވަސް މަންމަ ހަނދާން
އެބަހުރިހެއްޔެވެ؟ މަންމަ އެދުވަހު އަހަރެންނަށް އެއްވެސް އަދަބެއް
ދިނިންހެއްޔެވެ؟ ރަޙުމަތް ތެރިޔާގެ މަންމަ އެވާހަކަ މަންމަގެ ގާތުގައި ބުނުމުން
މަންމަ ބުނީމު ނޫންހެއްޔެވެ؟ އަހަރެންނަކީ ކުޑަކުއްޖެކެވެ. ކުޑަކުދިން އެކަހަލަ
ކަންތައްވެސް ކުރާނެއެވެ.
މަންމާއެވެ.
ބައްބަގެ ވޮލެޓުން އަހަރެން އަހަރެން އެންމެ ފުރަތަމަ ލާރި
ސިއްރުންނެގި ދުވަސް މަންމަ ހަނދާން އެބަހުރިހެއްޔެވެ؟ މަންމަ އެކަންތައްތައް
ބައްޕަޔަށް ސިއްރުކުރީއެވެ. އެކަމަށް އެއްވެސް އަދަބެއް ދިނުމެއްނެތިއެވެ.
ކުޑަމިނުން އެއީ ގޯސްކަމެއްކަން އަހަރެންނަށް ބުނެވެސް ނުދީއެވެ. އެހާހިސާބުން
އެކަން އަހަރެންގެ އާދަޔަކަށް ހެދީމެވެ. އަހަރެންގެ މި ވިޔާނުދާ އާދަ ގޭގެ
ހަތަރުފާރު ފަހަނައަޅައި ގޭގެ ދޮރުން ބޭރަށް ނިކުތްދުވަސް ހަނދާން ކޮށްބަލާށެވެ.
އެއީ ޢުމުރުން ފަނަރަ އަހަރުގައި އަހަރެން އަވައްޓެރިއެއްގެ ބައިސްކަލް
ވަގަށްނަގައިގެން ގެނައިދުވަހެވެ. އެދުވަހު އަހަރެން އެބައިސްކަލު ގޭގެ ގަސްތަކުގެ
ތރޭގައި ފޮރުވިއިރު މަންމަ އެމަންޒަރުބަލަން އަހަރެންގެ ގާތުގައި ހުއްޓެވެ. އެންމެ
ކުޑަމިނުން ތިއީ ކާކުގެ ބައިސްކަލެއްތޯވެސް އަހައިނުލައެވެ. އެދުވަހުވެސް މަންމަ
އަހަރެން ޙިމާޔަތްކޮށް އަވައްޓެރިޔާޔަށް އެކަން ސިއްރުކުރިއެވެ. ދުވަސްކޮޅެއްގެ
ފަހުން އަހަރެން އެބައިސްކަލު ވިއްކާލީމެވެ. ބާއެއްޗެއްގެ ގޮތުގައެވެ. މަންމަ
އެއްކަމެއްވެސް ނުކުރެއެވެ.
މަންމާއެވެ.
އަހަރެން ސްކޫލު ގަޑިތަކަށް ޙާޟިރު ނުވާތީއާއި ސިނގިރޭޓު
ބޯތީ އަހަރެން ސަސްޕެންޑު ކުރިދުވަސް ހަނދާން އެބަހުރިހެއްޔެވެ؟ އެދުވަހު އެކަން
އެނގުމުން ބައްޕަ އަހަރެންނަށް އަދަބުދޭން އުޅުނެވެ. އެހެނަސް އެދުވަހުވެސް މަންމަ
އެކަން ހުއްޓުވީއެވެ. ކިހިނެއްކަމަށް ހެއްޔެވެ؟ އެދުވަހު މަންމަޔާއި ބައްޕަ ވަރަށް
ވަރުގަދަ ޒުވާބަކަށްދިޔައެވެ. މަންމަ ބުނަމުން ދިޔައީ އަހަރެން ރަނގަޅުކަމުގައެވެ.
ގޯސްހަދަނީ ޓީޗަރުންކަމުގައެވެ. ޓީޗަރުން އުޅެނީ އަބަދުވެސް އަހަރެންނާ
ޖައްސާލައިގެން ކަމުގައެވެ.
މަންމާއެވެ. އަހަރެން ޖަމީލުގެ ފިހާރަ ފަޅާލި ދުވަސް
ހަނދާން އެބަހުރިހެއްޔެވެ؟ އެދުވަހު އަހަރެންރުފިޔާތައް ހިފައިގެން ގެއަށްއައުމުން
މަންމަ ޕޮލިހަށް ރިޕޯޓުކުރިން ހެއްޔެވެ؟ ނުވަތަ މަންމަ އަހަރެން ޕޮލިހުންނާ ޙަވާލުކުރިންހެއްޔެވެ؟ އެންމެ ކުޑަމިނުން އެހުރިހާ ފައިސާއެއް އަހަރެން ހޯދީ
ކޮންތާކުންތޯވެސް ނާހައެވެ. އާނއެކެވެ. އަހަރެން އައީ ޖަލީލުގެ ފިހާރަ
ފަޅާލައިގެންކަން މަންމަޔަށް އެނގެއެވެ. ޕޮލިހުން އަހަރެން ހޯދިއެވެ. ވަރަށް
ހޯދިއެވެ. އެހެނަސް އެދުވަހުގެ ހަތަރުދަމު އަހަރެން ފިލާއޮތީ މަންމަގެ
ޙިމާޔަތާއެކު ގޭގައެވެ.
މަންމާއެވެ! މަންމަ އަހަރެންނަށް ހެޔޮނުބައި
ވަކިކޮށްދިނިން ހެއްޔެވެ؟ ހެޔޮމަގު ދައްކައި ދިނިން ހެއްޔެވެ؟ އޭރު އަހަރެންނަކީ
މަންމަގެ މަގުދެއްކުމާ އަޅާލުމަށް ބޭނުންވެފައިހުރި ޅަކުއްޖެކެވެ. މަންމަ
އިންތިހާއަށް އަހެރެންދެކެ ލޯބިވެއެވެ. މަންމަ އެދުވަހު އަހަރެންދެކެވީ ކަނުލޯބި
އަހަރެންނަށް މަގު އޮޅުވާލީއެވެ.
މަންމާއެވެ.
އެދުވަހު މަންމަ އަހަރެންދެކެވީ ކަނު ލޯބީގެ ސަބަބުން
މިއަދު މިހާރު އަހަރެން މިވަނީ ލަދުވެތި ހިތާމަވެރި ނިމުމަކާ
ކުރިމަތިލާންޖެހިފައެވެ. ކަރަންޓު ދީގެން ދަންޖައްސާ އިލެކްޓްރިކް ގޮނޑިޔާ
ކުރިމަތިލާން ޖެހިފައެވެ. އެއީވެސް މަންމަޔާ އަހަރެންނާ ދެމީހުން އެކުގައި ކުރި
ކުށްތަކަށް އަހަރެން އެކަނި ކުށްވެރިވެގެންނެވެ.
މަންމަގެ ލޯބިވާ ދަރިފުޅު."
ލޮބުވެތި ބެލެނި ވެރިންނޭ، މިއީ އަހަރެމެން އެންމެންނަށް
އޮތް ވަރަށްއަގުހުރި ފިލާވަޅެކެވެ. އަހަރެމެން އަހަރެމެންގެ ދަރީންނަށް
ދިރިއުޅުމުގެ ރަނގަޅު މަގު ދައްކަމާހިނގާށެވެ. ދަރިން ކުށެއްކޮށްފިނަމަ އެއީ
ކުށެއްކަން އަންގައިދޭށެވެ. އެފަދަކަންކަން ކޮށްގެން ނުވާނެކަންވެސް ބުނެދޭށެވެ.
އަދި އަދަބުދޭވަރުކަމެއްނަމަ އެކަމަށް އެކަށޭނަ އަދަބު ވެސްދެއްވާށެވެ.
ހެޔޮގޮތުގައި އެކުދިން ބޮޑުވުމަށް އެހީތެރިވެދެއްވާށެވެ. ރަނގަޅު މަގުން ހިނގުމަށް
ކުދިންނަށް އެއްބާރުލުން ދެއްވާށެވެ. އެކުދިންނަށް ކަނުލޯބިދީގެން
ހަލާކުނުކުރައްވާށެވެ. އިސްލާމީ ތާރީޚުން ރީތި ނަމޫނާ ދައްކަވާށެވެ.
No comments:
Post a Comment