Monday, June 29, 2020

ދޮންގޮމަފުޅު

ދޮންގޮމަފުޅު


ނަން ރީތިވި ގޮމަފުޅޭ

އަތްހެލި އައިސާފުޅޭ

ރަން ގޮމަފުޅު އަރިއަހުން

ރުހުމަށް އެދި ހުރީމޭ

ރަށުގައި ބުރު ޖެހީ

ފަތިހުފިނީ ހިނގީމޭ

ފަސްމީރުވި ރަންކޮޅޭ

އެދިގެން އައިސް ހުރީމޭ

 

ހިތްޕުޅު ތިރި ގޮމަފުޅޭ

ނިޔަނެތި ދޮން ގޮމަފުޅޭ

ވަލަށް ފަރަށް ގޮސް އުޅޭ

ކާށި ހޮވާ އެއްކުރޭ

ދަރަށް ފަލަށް ހިނގާނޭ

ކަނޑޫ ހޮވާ ލިޔާނޭ  

ފަސްއިރު މިސްކިތަށް ދެޔޭ

އެކަމަށް ފަރުވާވެޔޭ


ދޮންގޮމަފުޅު ލިބުނިއްޔާ

މާވަހަރުންދުން އަޅާ

ބޮޑު ބުރުދާ ކިޔަވާނަން

ދޮންކޭލާ ކިރާނަން

ބޮޑު ކޭމެއް ކައްކައިގެން

ރަށްޔިތަށް ގޮވާލާނަން

ތުންބުރި ކުޑަ ކާޅަށްށާ

ހިކަނދި މީދަލަށް ދޭނަން

 

ގޮމަފުޅު ރުހެނީވިއްޔާ

ފެންވަރުވައި ވެސް ދޭނަން

ތެޔޮލައްވާ ހުވަނދުލާ

ގަހަނާ އަޅުވައިދޭނަން

ކައިވެނި ތިން ގަނޑެއްޗާ

އިތުރު ހެދުން ގަނނެދޭނަން

ރަން އުޅަޔާ ފައްޓަރާ

ތަކަހޮޅި ހޯދައިދޭނަން


ގޮމަފުޅު ހިތް ރުހެންޏާ

ލޯ ދެކިލަން ވަދެލާނަން

އާނބަސް ބުނެފީވިއްޔާ

ހެކިވެރިޔަކު ފޮނުވާނަން

  ކަންވެރިޔަކު ހޯދައިގެން   

އިރުވަރު މޮޅު ހޯދާނަން

އަތްދޮށްވާ ފައިދޮށްވާ

ރަންކިޔާ ޚަރަދު ދޭނަން


މައިން ބަފައިން ބަލާނަން 

ގެދޮރު އަޅައިވެސް ދޭނަން

ވަލުން ދަރުކޮށައި ދޭނަން 

މަސްކައްކާ ހިއްކާނަން

ރުކުރާ ބާލައިދޭނަށް 

ހިކިގުޑި ރާ ބޯންދޭނަން 

ރާކައްކާ ވަރުކޮށްދީ 

ހަކުރު ހިލައިވެސް ދޭނަން 





 


No comments:

Post a Comment