އަކުރުތައް ބަހުގައި އަދާކުރާ
ވަޒީފާ
1.
ފެށުން
އިންސާނީ
ބޭނުންތަކާއި، އެބައިމީހުންގެ ޚިޔާލާއި، ޝުޢޫރު ފާޅުކުރުމަށް ﷲ ސުބުޙާނަހޫ
ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ އެންމެ މުހިއްމު އެއްހަތިޔާރަކީބަހެވެ. މާތްﷲ
މިބިންމަތީގައި ޚަލީފާކުރެއްވި އިންސާނުންނާއި، އެހެނިހެން ހަޔަވާނުންނާ ތަފާތު ކުރުވާ އެންމެ ޚާއްޞަ އެއް
ވާޞިޠާއަކީވެސްއެއެވެ. މަދަނިއްޔަތާއި ތަހުޒީބުގެ ރޮނގުން އިންސާނާ ކުރިއަރާދިއުމުގެ
އަސްލުވެސް ހަމަބަހެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢިލްމުގެ
ކަނޑެއްލައްވާފައިވާއިރު އެކަނޑުގެ ތެރެއިން އިންސާނުންނަށް އެކަލާންގެ ދެއްވާފައިވަނީ
ވަރަށް ކުޑަމިންވަރެއްކަމެވެ. އެހެންކަމުން ބަސްއުފެދުނު ފުރަތަމަ ހިސާބުންފެށިގެން
އިންސާނުން އެބަހުން ލިޔެކިޔާ ހަދަން ނުފަށައެވެ. އެހެނަސް ފިޠުރީ
އުޞޫލާއެއްގޮތަށް ﷲ އިންސާނުންނަށް ދެއްވި ބުއްދިޔާ ޙިކުމަތުގެ ބޭނުންކޮށްގެން ޒަމާންތަކަކަށް
ފަހު ބަހުގެ އެހީގައި ލިޔެ ކިޔޭނޭ ގޮތް އެބައިމީހުން ހޯދިއެވެ. އެގޮތުން ތަފާތު
ކުރެހުންތަކާއި، ނިޝާންތަކާއި، އަކުރުތަކުގެ އެހީގައި އިންސާނުން ބަހުން ލިޔެ ކިޔާ
އަދި ފަހުން އަންނަން އޮތްޖީލުތަކާހަމަޔަށް އިންސާނީ މަޢުލޫމާތު ފޯރުކޮށްދޭ
ހަތިޔަރެއްގެ އެތަކެތި ހެދިއެވެ. އެހެނަސް މިއަދު އިންސާނުންގެ
މާއްދީ ބޭނުންތަކާއި، ޝުޢޫރުތައް ލިޔުމުން ފާޅުކުރުމަށް ބޭނުންކުރަނީ އެންމެފުރަތަމަ
އިންސާނުން ބޭނުންކުރިފަދަ ސިލަބަލްތަކެއް ސިންބަލް ތަކެއްނޫނެވެ. އެބަހެއްގެ
އަޑުތައް ރަމްޒުކޮށްދޭ އަކުރުތަކެކެވެ. އެގޮތުން ދުނިޔޭގައި އިންސާނުން ވާހަކަ
ދައްކާ ކޮންމެ ބަހެއްގައިވެސް އެބަހެއްގައި ހިމެނޭއަކުރު ތަފާތު މާނަތަކެއްގައި ބޭނުންކުރެވެއެވެ.
ދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްފަދައިން ދިވެހިބަހުގައިވެސް އަކުރު
ދެމާނައެއްގައި ބޭނުންކުރެވެއެވެ. އެއީ ދިވެހިބަހުގެ އަޑުތަކުގެ ރަމްޒުގެ ގޮތުގައި
ބޭނުންކުރާ "ހ،ށ،ނ،ރ،ބ" ގެ އަކުރުތަކާއި، ވަކިންއޮންނައިރު މާނަދޭހަނުވާ
އެހެނަސް އެހެންލަފުޒުތަކާއި، ގުޅުމުން މާނަދޭހަވާ އަކުރުތަކެވެ. އެގޮތުން މިލިޔުމުގައި ބަލައިލާނީ
ވަކިންއޮންނައިރު މާނަދޭހަނުވާ އެހެނަސް އެހެންލަފުޒުތަކާއި، ގުޅުމުން މާނަދޭހަވާ
އަކުރުތަކާއި، އެއަކުރުތައް ބަހުގައި އަދާކުރާ ވަޒީފާގެ މައްޗަށެވެ.
2. އަކުރަކީކޮބާ؟
ދުނިޔޭގައި
ވާހަކަ ދައްކާ ކޮންމެބަހެއްވެސް ލިޔެ ކިޔައި އުޅެނީ
އަކުރުގެ ޒަރީއާއިންނެވެ. އެގޮތުން ބޭނުންކުރެވޭ އަކުރުތައް ޢާއްމުގޮތެއްގައި
ބެހެނީ ދެބަޔަކަށެވެ. އެއީ ކޮންޓެންޓް ވަރޑްސްއާއި، ފަންޝަނަލް ވަރޑްސް ކަމުގައި
ޑަގްލަސް ބިބަރ، ސޫޒަން ސެންރާޑް، ގޮފްރީ ލީޗް (2003) ހާމަކުރައްވައެވެ.
މިބޭފުޅުން ވިދާޅުވާ ގޮތުގައި ބަހެއްގައި ބޭނުންކުރާ ފަންކްޝަނަލް ލަފްޒުތަކުގެ
ސަބަބުން އެބަހެއްގެ ޖުމްލަތަކަށް
ރީތިކަމާއި ފުރިހަމަކަން ގެނެސްދެއެވެ. މިގޮތުން އިނގިރޭސިބަހުގައި ބޭނުންކުރެވޭ
ފަންކްޝަނަލް ލަފުޒުގެގޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ޑިޓަރމިނަރސް،
ޕްރަނައުންސް، އޮގްޒިލިއަރީ، ވާރބްސް، ޕްރީޕޮޒިޝަންސް، އެޑްވަރބް އަދި
ކޯޑިނޭޓަރސްއާއި، ސަބްއޯޑިނޭޓަރސް ހިމެނެއެވެ. ދިރާސާ ކުރެވިފައިވާ ބަސްތަކަށް
ބަލާއިރު ބަހެއްގައި އަކުރަކީ އެންމެވަޒީފާއެއް އަދާކުރާއެއްޗެއް ނޫންކަމުގައި
ޒަހިޔާ ޒަރީރު (2009) ހާމަކުރައްވައެވެ.
މިއުސޫލުން
ދުނިޔޭގެ ގިނަބަސްތަކާ އެއްގޮތަށް ދިވެހިބަހުގައިވެސް އަކުރު ދެބަޔަކަށް ބެހެއެވެ.
އެއީ "ހ،ށ،ނ،ރ،ބ" ގެ އަކުރުތަކާއި، ލަފުޒު ވަކިން އޮންނައިރު މާނަ
ދޭހަނުވާ އަކުރު ތަކެވެ. ދިވެހިބަސްފޮތް (2000) ގައި ވާގޮތުން އަކުރު ބެހެނީ
ދެބަޔަކަށެވެ. އެއީ އަޑުތައް ލިޔުމުން ފާޅުކޮށްދިނުމަށް ބޭނުންކުރާ ފިލިނޫން އެހެން ނިޝާންތަކާއި، އެހެން ލަފުޒަކާއި ގުޅިގެން ނޫނީ މާނަ ދޭހަނުވާ
ލަފުޒުތަކެވެ. ހަމައެފަދައިން މުޙައްމަދު ޖަމީލު (1979) ވެސް
ވިދާޅުވަނީ ދިވެހިބަހުގައި އަކުރު ދެމާނައެއްގައި ބޭނުންކުރެވޭ ކަމުގައެވެ. އެއީ
ދިވެހިބަހުގެ ތަފާތު އަޑުތަކުގެ ފާހަގަ ތަކަށް ބޭނުންކުރާ އަޑުތައް ކަމުގައިވާ
"ހ،ށ،ނ،ރ" ގެ އަކުރުތަކާއި، ޖުމްލަތައް އުފެދެމުންދާއިރު ލަފުޒުތައް
ގުޅައިލުމުގައި ކޮންމެވެސް މާނައެއް ދޭހަވާގޮތުން ބޭނުންކުރެވޭ ލަފުޒުތަކެވެ. އެއީ
އެކަނި އޮންނައިރު މާނައެއް ދޭހަނުވާ ލަފުޒުތަކެވެ. މިސާލު: ގެ، ން، އިން، ގެން،
އަށް ފަދަ ލަފުޒުތަކެވެ.
މުޙައްމަދު
އަމީން (1360) އާއި ޢަބުދުﷲ ޞާދިގު (1993) ވިދާޅުވަނީ އަކުރަކީ އެލަފުޒުތައް
އަމިއްލައަށް ހުންނައިރު ފުރިހަމަ މާނައެއް ދޭހަނުވާ އެކަމަކު އެހެން ލަފުޒުތަކާ
ގުޅުމުން ފުރިހަމަ މާނައެއްދޭހަވާ ލަފުޒުތަކެވެ. މިސާލު: އަދި، އަށް، ގެ، އެކަމަކު
މިފަދަ ލަފުޒުތަކެވެ. ހަމައެފަދައިން ޙުސައިން ރަޝީދު އަޙުމަދު (1999) ވެސް
ވިދާޅުވަނީ އެހެންލަފުޒަކާ ގުޅުމުން ފުރިހަމަ މާނައެއް ދޭހަވާ ކޮންމެލަފުޒަކީ
އަކުރެއްކަމުގައެވެ. އެހެނަސް ދިވެހިބަހުގައި ބޭނުންކުރާ އަކުރާ ބެހޭގޮތުން
މޫސާފަތުޙީ، މުޙައްމަދުޖަމީލު، ޢަބުދުﷲ ޞާދިގު، ފާރޫޤު ޙަސަން (2004) ވިދާޅުވަނީ
ދިވެހިބަހުގައި އަކުރު ދެމާނައެއްގައި ބޭނުންކުރެވޭ ކަމުގައެވެ. އެއީ
"ހ،ށ،ނ،ރ" ފަދަ އަކުރުތަކާއި، ލަފުޒު ވަކިން އޮންނައިރު ފުރިހަމަ
މާނައެއް ދޭހަނުވާ އެހެނަސް އެހެން ލަފުޒުތަކާ ގުޅުމުން ފުރިހަމަ މާނައެއްދޭހަވަ
ލަފުޒުތަކެވެ. އެފަދަ ލަފުޒުތަކުގެ މިސާލަކީ އަށް، އިން، އަދި، ގެ މިފަދަ
ލަފުޒުތަކެވެ. އިބުރާހީމް ރުޝްދީ (1359) ވިދާޅުވަނީ އަކުރުގެ މިސާލަކީ
"ހ،ށ،ނ،ރ،ބ،ޅ" ގެއަކުރުތަކާއި، އަދި، ނަމަ، ފަހެ، ދެނ، ވެސް ފަދަ
އަކުރުތަކެވެ. އެހެންކަމުން ދެންނެވެންއޮތީ ދިވެހިބަހުގައިވެސް އަކުރު ދެރޯލެއް
އަދާކުރާ ކަމުގައެވެ. އެއީ އަޑުތަކުގެ ފާހަގަތައް ރަމްޒުކުރުމަށް
"ހ،ށ،ނ،ރ،ބ" ގެ ގޮތުގައި ބޭނުންކުރާ އަކުރުތަކާއި، ޖުމްލަތަކާއި،
ޕެރެގްރާފުތަށް ފުރިހަމަކުރުމަށް ބޭނުންކުރާ އަކުރުތަކެވެ. ކުރިންވެސް
ދެންނެވިފަދައިން މިފަދަ އަކުރުތައް ވަކިން އޮންނައިރު މާނަ ދޭހަނުވި
ކަމުގައިވިޔަސް އެހެން ލަފުޒުތަކާއި ގުޅުމުން ފުރިހަމަ މާނައެއް ދޭހަވެ،
ޖުމްލައަށް ފުރިހަމަކަމާއި ރީތިކަން ގެނެސްދެއެވެ. ތިރީގައިމިވަނީ
މިފަދައަކުރުތައް އަޅުގަނޑު ބައިކުރިގޮތާއި، އޭގެ ތަފްޞީލެވެ.
3.
އަކުރުތައް
ލިސްޓު ކުރުމުގައި ގެންގުޅުނު އުސޫލު
އަކުރުތައް ލިސްޓުކުރުމުގައި ބަލާފައި
ވާނީ ދުނިޔޭގެ ބަސްބަހުގައި އަކުރު އަދާކުރާ ދައުރާއި، ދިވެހިބަހުގެ ޤަވާޢިދުގައި
އަކުރުގެ ގޮތުގައި ބަލާ ހަމަތަކަށެވެ. އެގޮތުން ފާހަގަކުރެވުނު އަކުރުތަގެ
ލިސްޓުގައި 100 އަކުރު ހިމެނެއެވެ. އެ 100 އަކުރު ބަހާފައިވާނީ 15 ބަޔަށެވެ.
މިގޮތަށް ބަކުރި ކުރުމުގައި ބަލާފައިވާނީ ބަހުގައި އެއަކުރެއް އަދާކުރާ
ވަޒީފާތަކުގެ ތެރެއިން އެއަކުރެއްގެ މަސައްކަތާ އެންމެ ގުޅޭދާއިރާއަކައަށް
އެއަކުރެއް ފެއްތޭތޯއެވެ. މިކުރި މަސައްކަތުގައި ބައެއްއަކުރު އެއްވަތްގަނޑަށްވުރެ
ގިނަ ވަތްގަނޑަށް ވެސް އެޅިފައިވާނެއެވެ. އެއީ މަސައްކަތުގެ ގޮތުން
އެއްވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ އަކުރުތަކެވެ. އެހެނަސް މިޢަދަދު
މާގިނައެއް ނުވާނެއެވެ. ބައިކުރެވުނު ބައިތަކުގެ ތެރޭގައި ސަބަބު ބަޔާންކުރުމުގެ
އަކުރާއި، ގުޅުވާއަކުރާއި، ފުރިހަމަކޮށްދޭ އަކުރާއި، ވަގުތާޒަމާން ބަޔާންކުރާ
އަކުރާއި، ސުވާލުގެ އަކުރާއި، ޙައިރާންވުމުގެ އަކުރާއި، ނަފީކުރުމުގެ އަކުރާއި،
ނިސްބަތުގެ އަކުރާއި، ގަދަކޮށްލުމުގެ އަކުރާއި، އެއްފަދަ ކުރުމުގެ އަކުރާއި،
ގިނަކުރުމުގެ އަކުރާއި، ޝަރުތުގެ އަކުރާއި، އިޝާރާތުގެ އަކުރާއި، އިސްތިސްނާ ކުރުމުގެ
އަކުރުތަކުގެ އިތުރުން ލަފާކުރުމުގެ އަކުރުތައްވެސް ހިމެނެއެވެ.
އެގޮތުން ސަބަބު ބަޔާންކުރުމުގެ ބައިގައި
ހިމަނާފައިވާނީ ކަންވީގޮތް ނުވަތަ ކަންކުރި ނުވަތަ ނުކުރި ސަބަބު ބަޔާންކުރުމަށް
ބޭނުންކުރެވިދާނެ އަކުރުތަކެވެ. މިސާލު: "އޭނާކުޅެން ބޭނުންނުވާތީ ނުދިޔައީއެވެ."
މިޢިބާރާތުން އޭނާ ކުޅެން ނުދިޔަ ސަބަބު ހާމަވެއެވެ. ހަމައެއާއެކު
މިކަމަށް އިތުރު ހެކި ދެއްކުމުގެ ގޮތުން ޤަވާޢިދު ފޮތްތަކުގައިވާ ބުނުންތައްވެސް
ކޮންމެބައެއްގައި ވަކިވަކިން ހިމަނާފައި ވާނެއެވެ.
ގުޅުވާ އަކުރުގެ ގޮތުގައި ނަގާފައިވާނީ
އެއަކުރެއްގެ އެހީގައި ދޭދޭ ލަފުޒު ނުވަތަ ޖުމްލަތައް ގުޅުވަން ބޭނުންކުރެވިދާނެ
އަކުރުތަކެވެ. އެއަކުރުތަކުގެ އެހީއާއި ނުލާ ޖުމްލައިގެ ގުޅުން ފުރިހަމައެއް
ނުކުރެވޭނެއެވެ. މިސާލު: "އަހަރެން އެނާއާއި އެކުގައި
ދާނަމެވެ." މިޖުމްލައިގައިވާ މަތީގައިވަ ބުނުމުގައިވާ "އާއި،ގައި"
މިދެއަކުރު އުނިކޮށްލުމުން ލަފުޒުތަކުގެ ގުޅުމަށް ހުރަސް އަޅައެވެ.
ފުރިހަމަކޮށްދޭ އަކުރުގެ ގޮތުގައި
ނަގާފައިވާނީ އެއަކުރުގެ ސަބަބުން ލަފުރުތަކަށާޢި، ޖުމްލަތަކަށް ފުރިހަމަކަން
ގެނެސްދޭ އަކުރުތަކެވެ. މިސާލު: "ހިތިފަތެއް ކަހަލަ ބުމައެކެވެ."
މިޖުމުލައިގާވާ "ކަހަލަ"އިގެ ސަބަބުން ޖުމުލައަށް ރީތިކަމާ ފުރިހަމަކަން
ގެނެސްދެއެވެ. ހަމައެފަދައިން "އެވެ" މިއަކުރުގެ ސަބަބުން ޖުމުލަ
ނިންމައިދީ ފުރިހަމަ ކޮށްދެއެވެ.
ހަތަރު ވަނަ ވަތްގަނޑުކަމުގައިވާ
ވަގުތާއި ޒަމާން ބަޔާކުރާވަތްގަނޑުގައި ހިމަނާފައިވާނީ ވަގުތަ ޒަމާން ދެހަވާ
އަކުރުތަކެވެ. މިސާލަކަށް: "ހެނދުނުން ސުރެން ހަވީރާ ހަމައަށްވެސް
އަހަރެން އުޅެނީ އެމަސައްކަތުގައެވެ." މިޢިބާރާތުގައިވާ "ސުރެން"
މިއަކުރުގެ ސަބަބުބް އޭނާ އެމަސައްކަތުގައި ހޭދަކުރި ވަގުތު އެނގެއެވެ.
ތާވަލުފަހެއްގައި ހިމަނާފައިވާނީ
ސުވާލުގެ އަކުރުތަކެވެ. އެއަކުރުތަކުގެ އެހީގައި ޖުމުލަ މެދުވެރިކޮށް އެހެން
މީހުންނަށް ސުވާލެއް ކުރިމަތިކުރުވޭނެ އކުރުތަކެވެ. މިސާލު: މިތަނަށް އައީ ކޮންއިރަކު؟
މިޢިބާރާތުގައިވާ "ކޮން" މިއަކުރު އުނިކޮށް ލައިފިނަމަ ދެންނެވުނު
ފަދއިން ސުވާލެއްގެ ގޮތުގައި ނަގައެއް ނުގަނެވޭނެއެވެ. އެހެން ކަމުނަ މިބައިގަ
ހިމެނެނީ މިފަދަ އަކުރުތަކެވެ.
ތާވަލު ހައެއްގައި ހިމަނަފައިވާނީ
ޙައިރާނުގެ އަކުރުތަކެވެ. މިސާލު: "އަންމާ އެއޮތީ ހަރުފައެއް" މިޢިބާރާތުގައިވާ
"އަންމާ" ޢިބާރާތުން އުނިކޮށްފިނަމަ ޢިބާރާތުން ފާޅުކުރަން ބޭނުންވާ
ޙައިރާންކަން ފާޅެއްނުކުރެވެއެވެ. އެހެންކަމުން މިވަތްގަނޑަށް އަޅާފައިވާނީ މިފަދަ
އަކުރުތަކެވެ.
ތާވަލުހަތެއްގައި ހިމަނާފައިވާނީ
ނަފީކުރުމުގެ އަކުރުތަކެވެ. މިސާލު: "އަހަރެންނަކަށް ނޭގެއެވެ."
މިޢިބާރާތުގައިވާ "ނޭ" އުނިކޮށްލުމުން ޢިބާރާތް ފުރިހަމަޖުމްލައަކަށް
ބަދަކުވާނެއެވެ. އެހެންކަމުން މިބައިގާ ހިމަނާފައިވާނީ މިފަދަ އަކުރުތަކެވެ.
ތާވަލު އަށެއްގައި ހިމަނާފައިވާނީ
ނިސްބަތުގެ އަކުރުތަކެވެ. މިސާލު: "އެއީ މުޙައްމަދަށް އޮތް
ގަލަމެކެވެ." މިޢިބާރާތުގައިވާ "އަށް" މިއަކުރުގެ އެހީގައި ގަލަން
މުޙައްމަދަށް ނިސްބަކުރެވެއެވެ. މިބައިގަވެސް ހިމަނާފައިވާނީ މިފަދައިން ނިސްބަތް
ކުރެވޭ އަކުރުތަކެވެ.
ތާނަލު ނުވައެއްގައިވާނީ ގަދަކޮށްލުމުގެ
މާނައިގައި ބޭނުންކުރެވޭ އަކުރުތަކެވެ. މިސާލު: "ފިސާރި ތެދެއް
ބުނަންހެއްޔެވެ." މިޢިބާރާތުގައިވާ "ފިސާރި" މިއަކުރުގެ އެހީގައި
ޖުމުލައަށް ގަދަކަން ލިއްބައިދެއެވެ. މިބައިގައި ހިމަނާފައިވާނީ މިފަދަ އަކުރުތަކެވެ.
ތާވަލު ދިހައެއްގައި ހިމަނާފައިވާނީ
އެއްފަދަކުރުމުގެ އަކުރުތަކެވެ. މިބައިގައިވެސް އަކުރުތައް ނެގުމުގައި
ބަލާފައިވާނީ އެއަކުރުތަކުގެ އެހީގައި އެހެން އެއްޗަކާ ނުވަތަ ކަމަކާ އެއްފަދަ
ކުރެވިދާނެ އަކުރުތަކެއް ނެގުމަށެވެ. މިސާލު: "އޭނާގެ ޢިލްމު ވެރިކަން
ކަނޑެއް ފަދައެވެ." މިޢިބާރާތުގައި ބޭނުންކޮށްފައިވާ "ފަދަ"
މިއަކުރުގެ ސަބަބުން އޭނާގެ ޢިލްމުވެރިކަން ކަނޑާއެއްފަދަ ކުރެވެއެވެ. މިބައިގާ
ހިމަނާފައިވާނީ މިފަދަ އަކުރުތަކެވެ.
ތާވަލު އެގާރާގައި ހިމަނާފައިވާނީ
ގިނަކުރުމުގެ ގޮތުން ބޭނުންކުރެވިދާނެ އަކުރުތަކެވެ. މިބަޔަށް އަކުރުތައް ނެގީ އެކިގޮތްގޮތަށް ގިނަކުރެވިދާނެ
ކަމަށް ފެންނައަކުރުތަކެވެ. މިސާލަކަށް: "އަހަރެމެންނަކީ
މުސްލިމުންނެވެ." މިޢިބާރާތުގައިވާ "މެން" މިއަކުރުގެ އެހީގައި
އަހަރެން މިނަން ގިނަނަމަކަށް ބަދަލުވެގެންދެއެވެ.
ތާވަލުބަރައިގާ ހިމަނާފައިވާނީ ވަކިކަމެއްކުރުމަށް ނުވަތަ
ވަކިކަމަކަށް ޝަރުތުކަނޑައެޅުމުގެ ގޮތުން ބޭނުންކުރެވިދާނެ އަކުރުތަކެވެ. ނުވަތަ
ކަމަކާ އެކު ކަމެއް ފުރިހަމަ ކުރެވޭފަދަ އަކުރުތަކެވެ. މިސާލު: "އައިނަމަ
ލިބުނީހެވެ." މިއިބާރާތުގައި
ލިބެއް އެއަންނަނީ އައިމާކަމާ ނުލިބުނީ ނައިމާކަން ދޭހަވެއެވެ. އެހެންކަމުން
މިބައިގާ ހިމަނާފައިވާނީ މިފަދަ އަކުރުތަކެވެ.
ތާވަލު ތޭރައިގައި ހިމަނާފައިވާނީ ކަމަކަށް، އެއްޗަކަށް، ނުވަތަ މީހަކަށް
އިޝާރާކުރުމަށް ބޭނުންކުރެވިދާނެ އަކުރުތަކެވެ. މިސާލު: "މިތަނަށް
އަންނާށެވެ." މިޢިބާރާތުގައިވާ "މި" އަކުރުގެ އެހީގައި
ކޮންތަނެއްކަން އެބަ ދޭހަކޮށްދެއެވެ. އެހެންކަމުން މިބައިގައި ހިމަނާފައިވާނީ
މިފަދަ އަކުރުތަކެވެ.
ތާވަލުގެ ސާދަވަނަ ބައިގައި
ހިމަނާފައިވާނީ އިސްތިސްނާކުރުމުގައި ބޭނުންކުރެވިދާނެ އަކުރު ތަކެވެ. މިސާލު:
"މިފޮތް ނޫނީ ބޭނުމެއްނޫނެވެ." މިޢިބާރާތުގައިވާ
"ނޫނީ" މިއަކުރުގެ އެހީގައި މިފޮތްނޫން އެހެން ހުރިހާ ފޮތްތަކެއް
އިސްތިސްނާ ކުރެވެއެވެ. މިބައިގައި ހިމެނިފައިވާނީ މިފަދަ އަކުރުތަކެވެ.
ތާވަލުގެ ފަނަރަވަނަ ބައިގާ
ހިމެނިފައިވާނީ ލަފާކުރުމުގެ އަކުރުތަކެވެ. އެގޮތުން މިއަކުރުތަކުގެ އެހީގައި
ކުރިއަށް އޮތްތަނާބެހޭގޮތުން ލަފާކޮށްފައި ވަހަކަ ދެއްކިދާނެއެވެ. މިސާލަކަށް:
"މުޙައްމަދު ފަހަރެއްގައި އަތުވެދާނެއެވެ." މިބުނުމުގައި
"ދާނެ" މިއަކުރު ކުރިއަށްއޮންނަ ކަންތައްތައް ލަފާކުރާ ޖުމްލަތަކުގައި
ބޭނުންކުރެވިދާނެއެވެ. މިބައިގައި ހިމަނާފައިވާނީ މިފަދަ އަކުރުތަކެވެ. އަދި
މިއަކުރުތައް އަދާކުރާ ރޯލާމެދު ބަހުގެ ޢިލްމުވެރިން ދެކޭގޮތްވެސް ތަފާތެވެ.
4.
އަކުރުތައް ބަހުގައި އަދާކުރާ ވަޒީފާ ނުވަތަ ރޯލު
ބަހުގައި
ހިމެނޭ އަކުރު ތަކުގެ ތެރެއިން ވަކިންއޮންނައިރު މާނަދޭހަނުވާ އެހެނަސް
އެހެންލަފުޒުތަކާއި، ގުޅުމުން މާނަދޭހަވާ އަކުރުތައް ބަހުގައި އަދާކުރާ ރޯލު
ތަފާތުވެފައި ގިނަގުނައެވެ. މިފަދަ އަކުރުތައް ދިވެހިބަހުގައި އަދާކުރާ ރޯލުގެ
ތެރޭގައި ޖުމްލަތައް ފުރިހަމަކޮށްދިނުމާއި، ލަފުޒުތައް ގުޅުވައިދިނުމާއި،
އެއްލަފުޒު އަނެއްލަފުޒާއި އޮންނަ ގުޅުން ދޭހަކޮށްދިނުމާއި، ވަގުތާއި، ޒަމާން
ބަޔާންކޮށް ދިނުމާއި، ސުވާލާއި، އިޝާރާތާއި، ނަފީކުރުމާއި، ލަފާކުރުމާއި،
އެއްފަދަކުރުމާއި، އެއްބަސްކުރުވުމާއި، ގިނަކުރުމާއި، ގަދަކޮށްލުމާއި،
ގޮތްކަނޑައެޅުމާއި، ނިސްބަތްކުރުމާއި، އެދުންފާޅުކުރުމާއި، ލަފާކުރުމާއި، ޝަރުތުގެ
އަކުރުތަކުގެ އިތުރުން ޙައިރާނުގެ އަކުރުތައްވެސް ހިމެނެއެވެ. މިފަދަ އަކުރުތައް
އެހެން ލަފުޒުތަކާއި ގުޅުމުން ޖުމްލަތަކަށް ފުރިހަމަކަމާއި ރީތިކަން
ގެނެސްދިނުމުގެ އިތުރުން ބަހުގެ ބަލާޣާތާއި، އަސަރު އިތުރު ކޮށްދެއެވެ. ބައެއް
އެހެނިހެން ބަސްބަހާ ޚިލާފަށް ދިވެހިބަހުގައި މިދެންނެވިފަދަ އަކުރުތައް
ގިނަވެފައި އަދާކުރާ ރޯލުވެސް ތަފާތެވެ.
1. ސަބަބު ބަޔާން ކޮށްދޭ އަކުރުތައް
ލިސްޓްގައިވާ އަކުރުތަކުގެ ތެރެއިން ހުރެ، އަށް، ޓަކައި، ފަހެ މިއަކުރު ތަކަކީ
ސަބަބު ބަޔާން ކޮށްދޭ އަކުރުތަކެވެ. މިއަކުރު ތަކުގެ އެހީގައި ޖުމްލައިގައި
ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ޙަޤީޤަތް ނުވަތަ ވާހަކަ ދައްކާފައިވާ ކަމެއްގެ އަސްލު
ސަބަބު އޮޅުން ފިލާނެއެވެ. އެގޮތުން މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން
(2004) ނާއި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2009) އަދި ޢަބުދުﷲ ޞާދިގު (1993) ވިދާޅުވާގޮތުގައި މި4 އަކުރަކީ އޭގެކުރިން ވާހަކަދެއްކުނު
ޖުމްލަ ނުވަތަ ވާހަކަ ދައްކާޖުމުލައިގައި ކަމުގައިވިޔަސް ކުރިން ވާހަކަދެކެވުނު
ކަމެއްގެ ސަބަބު ބަޔާން ކުރުމަށް
ބޭނުންކުރެވޭ އަކުރުތަކެކެވެ. މިސާލު:
އަކުރު |
މިސާލު |
ހުރެ |
ވޯޓުގެ ކަންތަކާހުރެ ވަގުތުނުވީއެވެ. |
އަށް |
މިދަނީ ބައްދަލު ވުމަކަށްދާށެވެ. |
ޓަކައި |
މަހަށް ދިއުމަށްޓަކައި ފަތިހު ތެދުވީއެވެ. |
ބަހުގެ ލިއުންތަކުގެ ތެރޭގައި ހިމެނޭ
އަދަބީ ލިއުންތަކުންވެސް މިކަން ފާހަގަކުރެވެއެވެ. އެގޮތުން އިބުރާހީމް
ޙުޞައިންމަނިކު (2008) ލިއުއްވަނީ "ދޮންކަމަނަ ކުރިން އިންނަހިތުން އުޅުނީ
އެހެން މީހަކާއެވެ. ދޮންކަމަނަގެ ހިތް ޢަލީގެ މައްޗަށް އަނބުރާލީވެސް
ބަފައިބެއެވެ. ބަފައިބެ ދޮންކަމަނައަށް ދިންނަސޭޙަތް މިހާރުވެސް އައްޔަށް
އިވޭކަހަލައެވެ." މިޢިބާރާތް ތަކުން ދޮންކަމަނަ ކުރިން ހުރިގޮތާއި، އަދި
ފަހުން ދޮންކަމަނަގެ ވިސްނުނަބަދަލުވީ ސަބަބު ވަރަށް ރަނގަޅަށް ދޭހަވެއެވެ.
އެހެންކަމުން މިއީ ކުރިން ބަޔާންކުރެވުނު ފަދައިން ސަބަބު ބަޔާން ކުރުމުގައި
ބޭނުން ކުރެވޭ އަކުރު ތަކެއްކަން ސާބިތުވެއެވެ. އެހެނަސް މިއަކުރު ތަކުގެ
ވަޒީފާއަކީ ހަމައެކަނި ސަބަބު ބަޔާން ކުރުމެއް ނޫނެވެ. ބަހުގެ މިނޫން އެހެން
މަސްކަތްތައްވެސް މިއަކުރުތައް އަދާކުރެއެވެ. އެފަދަބައިތަކުގެ ވާހަކަ ދާއްކާނީ
އެބައެއް ވަކިވަކިންނެވެ.
2. ގުޅުވާ އަކުރުތައް
އަކުރުތައް ބައިބަޔަށް އެޅިއިރު އެންމެ ބައިބޯ
ވަތްގަނޑެއްގެ ގޮތުގައި ފާހަގަ ކުރެވުނީ މިވަތްގަނޑެވެ. އެގޮރުން މިވަތްގަނޑުގައި
އެކުޖުމްލަ 20 އަކުރުހިމެނެއެވެ. މިއަކުރުތައް ބަހުގައި އަދާކުރާ އެއް ވަޒީފާއަކީ
ލަފުޒުތަކާއި، ޖުމްލަތައް އެއްލަފުޒު އަނެއް ލަފުޒާއި، އެއްޖުމްލަ އަނެއްޖުމްލަޔާ
ގުޅުވުމެވެ. އެގޮތުން މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ
"އަދި، ފަހެ، ދެންފަހެ، ވެސް ފަދައަކުރު ތަކަކީ ދޭދޭ ލަފުޒުތަކާއި، ދެދޭ
ޖުމްލަތައް ގުޅާލުމުގެ ގޮތުން ބަހުގައި ބޭނުންކުރާ އަކުރު ތަކެއްކަމުގައެވެ.
މިސާލު:
އަކުރު |
މިސާލު |
އަދި |
ފަހުމީ އަދި އަންނާނެއެވެ. |
ދެން |
ފުރަތަމަ
ހުނިކޮޅު ގާނާށެވެ. ދެން ކިރު
ފެލާށެވެ. |
ފަހެ |
އަޅެ ފަހެ އަދިވެސް
ހަމަ ނުވިސްނެނީތަ؟ |
ދެންފަހެ |
މޫސާގެ
ފާނަށް ނިދާއެއްގެ އަޑުއިވިވަޑައިގަތެވެ. ދެންފަހެ އެކަލޭގެފާނު
އެދިމާއަށް ވަޑައިގެންނެވިއެވެ. |
މީގެ އިތުރުން އަދީބުންނާއި
އިލްމުވެރިންގެ ލިތުންތަކުނަވެސް މިކަން ސާބިތުވެއެވެ. މިސާލު: އިބުރާހީމް ޙުޞައިންމަނިކު
(2008) ލިއުއްވަނީ "އެދެމީހުންގެ އޮމާން ދިރިއުޅުން ގަޑުބަޑުވީ އައްޔަށް
އާރިފައާއި ހިތަވެވުމުންނެވެ."
3.
ފުރިހަމަކޮށްދޭ އަކުރުތައް
މިވަތްގަނޑުގައި ހިމެނޭ އަކުރުތައް ބަހުގައި އަދާކުރާ
ރޯލަކީ ޖުމްލަތައް ފުރިހަމަ ކޮށްދިނުމެވެ. އެގޮތުން މިއަކުރުތަކުގެ ސަބަބުން
ބަހުގައި ހިމެނޭ ޖުމްލަތަކަށް ރީތިކަމާއި ފުރިހަމަކަން ގެނެސްދެއެވެ. މިސާލަކަށް
"އާ،އެވެ." ފަދަ އަކުރުތަކަކީ ބަހުގެ ޖުމްލަތައް ފުރިހަކުރުމުގެ ދައުރު
އަދާކުރަ އަކުރު ތަކެވެ. މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި
ބައިވެރިން (2004) ވިދާޅުވަނީ މިފަދައަކުރު ތަކުގެ ދައުރަކީ ޖުމްލަތައް
ފުރިހަމަކުރުން ކަމުގައެވެ. މިސާލު
އަކުރު |
މިސާލު |
އާ |
އެއީ
މުނާސަބަތާ ގުޅުން ހުރި މަދަޙައެކެވެ. |
އެވެ. |
އެއީ
ވަރަށް އަވިގަދަ ދުވަހެކެވެ. |
މީގެ އިތުރުން އަދީބުންނާއި ޢިލްމުވެރިންގެ
ލިތުންތަކުންވެސް މިކަން ސާބިތުވެއެވެ. މިސާލު: އިބުރާހީމް ޙުޞައިންމަނިކު (2008)
ލިއުއްވަނީ މިއަދު ޢަލީއަކީ މުއްސަންޖެކެވެ. ރަށުގައި ބަސްވިކޭމީހެކެވެ.
4.
ވަގުތާއި ޒަމާން ބަޔާންކުރާ
އަކުރުތައް
ބަހުގައި
މިއަކުރުތަކުގެ ދައުތަކީ ޒަމާނުގެ ގޮތުންނާއި ތަނުގެ ގޮތުން ކަންވެ ނިމޭހިސާބާއި، ކަންވާން ފެށި ޒަމާނާއި، ވެތުވެ ދިޔަ ޒަމާނާއި، ހިނގަހިނގާ ހުރި ޒަމާނާ
ތަންބަޔާން ކުރުމެވެ. މިަކަން ސާބިތުވަނީ މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން
(2004) ވެސް މިކަމާއެއްބަސްވެ ވަޑައިގަންނަވާތީއެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ސުރެން |
ކަންވާން
ފެށި ޒަމާނާއި ތަންބަޔާން ކުރުމަށް |
އެއީ
ކުޑައިރުންސުރެން ބަސްއަހާކުއްޖެކެވެ. |
ދާންދެން |
ޒަމާނުގެ
ގޮތުންނާއި ތަނުގެ ގޮތުން ކަނވެ ނިމޭހިސާބު ބަޔާންކުރުމަށް. |
ފަތިސް
ވެއްޖައުމަށް ދާންދެން އޭނާ
އުޅުނީ އަޅުކަމުގައެވެ. |
އިރު |
ހިނގަހިނގާ ހުރި ޒަމާނާ ތަންބަޔާން ކުރުން |
އެއިރުވެސް
މިހާރުވެސް އެނާ ހަމައެއްގޮތެވެ. |
5.
ސުވާލުގެ އަކުރު
ސުވާލުގެ އަކުރުތަކުގައި ހިމެނޭ "ކީއް،ކިހާ،ކޮން"
ފިޔަވާ އަނެއް 3 އަކުރަކީ ސުވާލުގެ ޖުމުލަތަކުގެ ނިމުމުގައި ބޭނުންކުރާ ހަތަރު
އަކުރެވެ. "ކީއް،ކިހާ،ކޮން" މ ި3 އަކުރު ބޭނުންކުރަނީ ސުވާލުގެ
ޖުމުލަތަކުގެ ފެށުމުގައެވެ. އެހެން
"ކީއް،ކޮން،ދޯ،ތަ،ކިހާ،ތޯ" ފަދަ އަކުރު ތަކަކީ ސުވާލުގެ
އަކުރުތަކެވެ. މުޙައްމަދު
ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) ޙުސައިން ރަޝީދު އަޙުމަދު
(1999) ވެސް ވިދާޅުވަނީ މިފަދަ އަކުރު ތަކަކީ ސުވާލުގެ އަކުރު ތައްކަމުގައެވެ.
މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ތޯ |
ސުވާލުކުރުމުގެ
މާނަދޭހަކުރުމުގައި |
ދެންދާނީ
ކޮންއިރަކުންތޯ؟ |
ތަ |
ސުވާލުކުރުމުގެ
މާނަދޭހަކުރުމުގައި |
މިހާރު
ވޯޓްލައިފިންތަ؟ |
6. ޙައިރާންވުމުގެ
އަކުރުތައް
އެއަކުރުތަކެއްގެ
ސަބަބުން ޖުމްލައަށް ޙައިރާކަން ވެރިކުރުވާ އަކުރު ތަކެއްވެއެވެ. އެއީ "އަނހާ،
އަސްތާ، އައްދެ، އައްދޭ، އަނމާ/އަންމާ، ހާދަ، ތަ، ތޯ، ކިހާ" މިއަކުރު ތަކެވެ.
އެގޮތުން މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) އާއި
ޙުސައިން ރަޝީދު އަޙުމަދު (1999) ވިދާޅުވަނީ އަންތަރީހުގެ މާނައިގައި ނުވަތަ ޙައިރާންކަން ފާޅުކުރުމުގެ
މާނައިގާ ބޭނުންކުރެވއަކުރުތަކެއް
ވެސް ވާކަމުގައެވެ. އެފަދަ އަކުރުތަކުގެ މިސާލުކަމުގައި އެބޭބޭފުޅުން ވިދާޅުވަނީ:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
އަސްތާ |
ޙައިރާންކަން ހާމަކުރުން |
އަސްތާ އަޙުމަދު އެބައިތިންތަ؟ |
ތޯ |
ޙައިރާންކަން ހާމަކުރުން |
ދެންވީ
ކިހިނެއްތޯ؟ |
ތަ |
ޙައިރާންކަން ހާމަކުރުން |
އެއީ
ހަމަ މޫސަތަ؟ |
7. ނަފީކުރުމުގެ
އަކުރުތައް
ދިވެހި ބަހުގައި ނަފީ ކުރެވެއެވެ. އަދި
ނަފީކުރެވެނީ ވަކި އަކުރުތަކެއް ބޭނުންކުމުން ކަންވެސް އެނގެއެވެ. އެގޮތުން ނަފީގެ
އަކުރުގެ ގޮތުގައި ކަނޑައެޅޭ އަކުރުތަކަކީ: "ނު، ބަދު، ލާ، ނާ، ނޭ، ބޭ"
މިއެވެ. ި ޙުސައިން ރަޝީދު އަޙުމަދު (1999)
ވިދާޅުވަނީ އެއްބަހެއްގައި ނަފީގެ އަކުރު އެންމެ ގިނަ ބަހަކީ ދިވެހިބަސް
ކަމުގައެވެ. އެގޮތުން 13 އަކުރެއް ދައްކަވާފައިވެއެވެ. އޭގެތެރޭގައި
ބޭރުބަސްބަހުންވަދެ ދިވެހި ވެފައިވާ އަކުރުތައްވެސް ހިމެނޭ ކަމުގައި ވިދާޅުވެއެވެ.
މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ނު |
ނަފީކުރުން |
ނުދާނަމެވެ. |
ބަދު |
ނަފީކުރުން |
ބަދު
އަޚުލާޤީ ސިފަތަކުގެ ވެރިއެކެވެ. |
8.
ނިސްބަތުގެ އަކުރުތައް
ދުނިޔޭގެ ހުރިހާ ބަހެއްގައިވެސް
ކަންކަމާއި، މީހުންނާއި، ތަކެއްޗާއި، ތަންތަނަށް ނިސްބަތްކޮށް ބުނެއުޅޭ
ޖުމްލަތައްހުރެއެވެ. އެގޮތުން ދިވެހިބަހުގައިވެސް މިފަދަޢިބާރާތްތައް
ބޭނުންކުރެއެވެ. މިދެންނެވިފަދަ ޢިބާރާތްތަކުގައި ބޭނުންކުރުމަށް
ޚާއްޞަކުރެވިފައިވާ އަކުރު ތަކެއްވެސް ދިވެހި ބަހުގައި އެބަހުއްޓެވެ.
އެއަކުރުތަކަށް ކިޔަނީ ނިސްބަތުގެ އަކުރެވެ. މަތީގައި ބަޔާންކުރެވިފައިވާ ތާވަލު 8
ގައި އެވަނީ އެފަދައަކުރުތަކެވެ. ނިސްބަތުގެ އަކުރަކީ އެ އަކުރުގެ އެހީގައި ވަކި
މީހަކަށް، ވަކިތަނަކަށް، ވަކިކަމަކަށް، ނުވަތަ ވަކިފަރާތަކަށް ނިސްބަތް ކުރުމަށް
ބޭނުންކުރެވޭ އަކުރުތަކެވެ. މުޙައްމަދު
ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) އާއި ޙުސައިން ރަޝީދު
އަޙުމަދު (1999) ވިދާޅުވަނީ ގެ، ގައި ފަދަ އަކުރުތަކަކީ އެކަތި އަނެކައްޗާ
ނިސްބަތްވެ ގުޅިގެންވާ އަކުރު ތަކެއްކަމުގައެވެ. މިސާލު: ގަލަމުގެ ތުނޑު މިޖުމުލައިގައި
"ގެ" އެނިސްބަތް ކުރެވެނީ ގަލަމުގެ ތުނޑަށެވެ.
9.
ގަދަކޮށްލުމުގެ އަކުރު
ދިބެހިބަހުގައި ވެސް ބަސްގަދަކޮށް
ވަރުގަދަކުރުމަށް ބޭނުންކުރާ އަކުރު ތަކެއް ހުރެއެވެ. އެފަދައަކުރުތަކުގެ ތަރޭގައި
"ފިސާރި، މެ، ވިއްޔާ، ޏާ، ވިއްޔާ، ދޯ،
ފަހެ" ހިމެނެއެވެ. މުޙައްމަދު
ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) އާއި ޙުސައިން ރަޝީދު
އަޙުމަދު (1999) އާއި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2009) އަދި ޢަބުދުﷲ ޞާދިގު (1993) ވެސް ވިދާޅުވަނީ ބަސް ގަދަކުރުމުގެ ދިވެހިބަހުގައި ހުންނަކަމުގައެވެ. އެފަދަ ބައެއް
މިސާލުތައްކަމުގައި މިބޭބޭފުޅުން ވިދާޅުވާ އަކުރުތައް ތިރީގައި އެވަނީއެވެ.
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
މެ |
ބަސްގަދަކޮށްލުން |
ދަނޑުކޮށައި ގޮވާން ހެއްދީވެސް އޭނާމެއެވެ.
|
ފަހެ |
ބަސްގަދަކޮށްލުން |
އަޅެފަހެ
މިކިޔާ އެއްޗެއްގެ އަޑު ނީވެނީތަ؟ |
10.
އެއްފަދަކުރުމުގެ
އަކުރުތައް
އެއްފަދަކުރުމަކީ އެއްޗެއް އެހެން އެއްޗަކާ
އެއްފަދަ ކުރުމެވެ. ތާވަލުނަންބަރު 10 ގައިވާ އަކުރުތަކަކީ ދިވެހިބަހުގައި
އެއްފަދަކުރުމުގެ ގޮތުން ބޭނުންކުރެވޭ އަކުރުތަކެވެ. މުޙައްމަދު ޖަމީލު (1979)
އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ ދެއެއްޗެއް އެއްފަދަ ވެގެން
ވުމުގެ މާނަ ދޭހަކޮށް ދިނުނަމަށްޓަކައި "ހެން،ފަދަ،ކަހަލަ" މިއަކުރުތައް
ބޭނުންކުރާކަމުގައެވެ. މީގެއިތުރުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2009) އަދި ޢަބުދުﷲ ޞާދިގު (1993) ވެސް މިކަމާ އެއްބަސްވެލައްވައެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ހެން |
އެއްފަދަ ކުރުމަށް |
އަފީހީވަނީ ދޮން އަނބެއްހެންނެވެ.
|
ފަދަ |
އެއްފަދަ ކުރުމަށް |
އެއީ
ސާދަވިލޭރޭގެ ހަނދުފަދަ މޫނެކެވެ. |
ކަހަލަ |
އެއްފަދަ ކުރުމަށް |
ހުތްފެލާލައިފައިވާ
ލުނބޯހުތްކިބައެއް ކަހަލައެވެ. |
11.
ގިނަކުރުމުގެ އަކުރު
ތާވަލު 11 ގައި އެވަނީ ގިނަކުރުމަށް
ބޭނުންކުރެވޭ އަކުރުތަކެވެ. ދިވެހި ބަހުގައި 6 ގޮތަކަށް ނުވަތަ 6 އަކުރެއް
ބޭނުންކޮށްގެން ގިނަކުރެވެއެވެ. މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ
އެކަހެރިނަން ގިނަނަމަށް ބަދަލުކުރުމުގައި "އިން" މިއަކުރު ބޭނުންކުރަނީ
އިންސާނުންނަށް ރައްދުކުރެވޭ ނަންނަމުގައި ކަމުގައެވެ. ހަމައެއާއެކު
"ތައް" މިއަކުރު ބޭނުންކުރެވެނީ އިންސާނުންނޫން އެހެން ތަކެތި
ގިނަކުރުމަށެވެ. "ފަހަރު" ބޭނުކުރަނީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރު
ގިނަކުރުމަށެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ތައް |
އިންސާނުންނަށް ރައްދުކުރެވޭ ނަންނަންނޫން
އެހެންނަންނަން ގިނަކުރުމަށް |
މެހިތައް، ހަރުފަތައް
|
މެން |
އިންސާނުންނާއި، އެހެން ބައެއް
ދިރޭތަކެތި ގިނަކުރުމަށް |
އަހަރެމެން،
އެސޮރުމެން |
ފަހަރު |
ކަނޑުގައި ދުއްވާ އުޅަނދު ފަހަރު
ގިނަކުރުމަށް |
އޮޑިދޯނި
ބައްތެލިފަހަރު |
12.
ޝަރުތުގެ
އަކުރުތައް
ތާވަލު ނަންބަރު 12 ގައިވާ އަކުރުތަކަކީ ވަކި ކކަމަކަށް ނުވަތަ
ވަކިގޮތަކަށް ޝަރުތު ކުރުމުގެ ގޮތުން ބޭނުންކުރެވޭ އަކުރުތަކެކެވެ. މުޙައްމަދު
ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ
މިފަދައކުރުތަކުގެ އެހީގައި ޝަރުތުގެ މާނަ ދޭހަކޮށްދެއެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
މަ |
ކަމެއްކުރުމަށް ޝަރުތުކޮށް |
ގެޔަށް އައީމަ ދޭނަމެވެ. |
ނަމަ |
ކަމަކަށް ޝަރުތުކޮށް
|
ފާސްވެއްޖެނަމަ
ހަދިޔާއެއްދޭނަމެވެ. |
މިފަދަ ލަފުޒުތައް ހިތްވަރު
ދިނުމުގައިވެސް ބޭނުންކުރެވެއެވެ.
13.
އިޝާރާތުގެ އަކުރުތައް
މިބައިގައި ހިމެނެނީތާވަލުގެ 13 ވަނަ ނަންބަރުގައިވާ
އަކުރުތަކެވެ. މިއީ ކަމަކަށް، ތަނަކަށް، އެއްޗަކަށް އިޝާރާތް ކުރުމުގެ ގޮތުން
ބޭނުންކުރެވޭ އަކުރުތަކެވެ. މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ
އިޝާރާތުގެ އަކުރަކީ ވަކިމީހެއް، ނުވަތަ ވަކިއެއްޗެއް ފާހަގަކޮށް ދެއްކުމަށްޓަކައި
ބޭނުންކުރާ އަކުރުތަކެއް ކަމުގައެވެ. އެއީ މި، ތިޔަ، އެ ފަދައަކުރުތަކެވެ. މިސާލު
މިބޮއްކުރާ، ތިޔަކާރު، އެފޮތް ފަދަ މިސާލުތަކެވެ.
14.
އިސްތިސްނާގެ އަކުރުތައް
ތާވަލު 14 ގައި ހިމެނިފައިވާ އަކުރުތަކަކީ އިސްތިސްނާ
ނުވަތަ ދޫކޮށްލުމުގެ މާނައިގައި ބޭނުންކުރެވޭ އަކުރުތަކެކެވެ. މީގެތެރެއިން
"ނުވަތަ" ދެކަމެއްގެ ތެރެއިން އެއްކަމެއް ހޮވުމަށްވެސް ބޭނުން
ކުރެވިދާނެއެވެ. މުޙައްމަދު ޖަމީލު (1979) އާއި މޫސާ ފަތުޙީއާއި ބައިވެރިން (2004)
ވިދާޅުވަނީ މިއީ އިސްތިސްނަގެ އަކުރުތަކެއް ކަމުގައެވެ. ހަމައެއާއިއެކު ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު (2009) އަދި ޢަބުދުﷲ ޞާދިގު (1993) ވިދާޅުވަނީ މިއީ ދޫކޮށްލުމުގެ މާނައިގައި ބޭނުންކުރެވޭ އަކުރުތަކެއް
ކަމުގައެވެ. އެސްތިސްނާ ކުރުމާއި، ދޫކޮށްލުން އެއީ އެއްމާނައެއްކަމުގައި
ބެލެވިދާނެއެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
މެނުވީ |
އިސްތިސްނާކުރުމަށް |
ރާއިފްމެނުވީ ފާސްވިކުއްޖަކު ނެތެވެ. |
ނޫނީ |
އިސްތިސްނާކުރުމަށް |
މުޙައްމަދުނޫނީ އަދި ލިޔުމެއް ނުދެއެވެ. |
ނޫން |
އިސްތިސްނާކުރުމަށް |
އަޙުމަދުނޫން އެންމެންއައެވެ. |
ފުރަތަމަ މިސާލަށް ބަލާއިރު ރާފިޢު
އިސްތިސްނާ ކުރެވެއެވެ. ދެވަނަ މިސާލުގައި މުޙައްމަދު އަދި ތިންވަނަ މިސާލުގައި
އަޙުމަދު އިސްތިސްނާކުރެވެއެވެ. އެހެން ކަމުން މިއަކުރުތަކުގެ ވަޒީފާއަކީ
އިސްތިސްނާކުރުމެވެ. މީގެ އިތުރުން އަދީބުންނާއި ޢިލްމުވެރިންގެ ލިތުންތަކުންވެސް
މިކަން ސާބިތުވެއެވެ. މިސާލު: "ވެރިއަކު އޭނާގެ ވެރިކަމުގައި ނޫން އެހެން
ވެރިކަމެއްގައި ބިނާކޮށްފައިވާ ތަނެއް ހުރުމަކީ އޭނާގެ ހައިބަތުކުޑަވެދާނެ ކަމެއް
ކަމަށް ހީކޮށް ހަލާކުކޮށްލާފައިވާ ތަންތަންވެސް ރާއްޖޭގައި އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ."
ދިވެހިބަހާ ތާރީޚައް ޚިދުމަތްކުރާ ޤައުމީމަރުކަޒު (އޭޕްރީލް 2009) ން ހާމަވެއެވެ.
15.
ލަފާގެ އަކުރު
ތާވަލު ފަނަރައިގަ ހިމެނިފައިވަނީ އަންނަންއޮތް
ޒަމާނުގައި ކަމެއް ވާނެކަން ލަފާކޮށްފައި ބުނާބުނުންތަކުގައި ބޭނުންކުރާ
އަކުރުތަކެވެ. މޫސާ ފަތުޙީއާއި ބައިވެރިން (2004) ވިދާޅުވަނީ އަންނަންއޮތް
ޒަމާނުގައި ކަމެއް ހިނގާފާނެކަން އަންގައި ދިނުމަށްޓަކައި ވާނޭކަމުގެ ފަހަތައް
"ފާނެ،ދާނެ" ބޭނުންކުރާކަމުގައެވެ. މިފަދަ ބުނުންތަކަކީ ލަފާގެ
ބުނުންތަކެވެ. މިސާލު:
އަކުރު |
އަކުރު ބަހުގައި އަދާކުރާ ވަޒީފާ |
މިސާލު |
ފާނެ |
ލަފާގެބުނުންތައް |
އަޙުމަދު ފަހަރެއްގައި އެފޮތް ލިޔެފާނެއެވެ. |
ދާނެ |
ވާނޭ ކަމެއް ލަފާކުރުން |
މުޙައްމަދު މާދަމާ މަހަށް ހިނގައިދާނެއެވެ.
|
"ދިވެހިބަހާ ތާރީޚައް ޚިދުމަތްކުރާ
ޤައުމީމަރުކަޒު (އޭޕްރީލް 2009) ހާމަކުރައްވާގޮތުގައި ބައެއްވެރިން އެމީހުންގެ ހައިބަތު ކުޑަވެދާނެ ކަމަށްހީކޮށްވެސް
ބައެއްތަންތަން ހަލާކޮށްފާނެއެވެ." މިބުނުމުގައި ވަހަކަ ދައްކާފައި
އެވަނީވެސް ލަފައެއްގެ މައްޗަށެވެ. އެހެން ކަމުން ލަފަގެ އަކުރުގެ ބައިގައި ފާނެ
ދާނެ ހިމެނޭނެއެވެ. ސަބަބަކީ މިދެއަކުރަކީވެސް ވަކިންއޮންނައިރު ފުރިހަމަ މާނައެއް
ދޭހަނުވާ އެހެނަސް އެހެން ލަފުޒު ތަކާގުޅުމުން ފުރިހަމަ މާނައެއްދޭހަވާ
އަކުރުތަކެއްވެސް މެއެވެ.
ނިންމުން
ފިޠުރީ
އުޞޫލާއެއްގޮތަށް ﷲ އިންސާނުންނަށް ދެއްވި ބުއްދިޔާ ޙިކުމަތުގެ ބޭނުންކޮށްގެން
ބަހުގެ އެހީގައި ލިޔެ ކިޔޭނޭ ގޮތް އެބައިމީހުން ހޯދީ އެބައިމީހުންގެ މާއްދީ ބޭނުންތައް
ފުއްދުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ އިންސާނުން ލިޔެކިޔަން ބޭނުންކުރީ ސިލަބަލްއާއި، ސިންބަލްގެ އެހިގައި ކަމުގައިވިޔަސް ފަހުން އެބައިމީހުން ލިޔެކިޔުމަށް
އެބަހެއްގެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތަކެއް ބޭނުންކުރަން ފެށިއެވެ. އަކުރަކީ
ހަމައެކަނި އެބަހުގެ އަޑުތައް ރަމްޒުކޮށްދޭ ނިޝާންތަކެއްނޫނެވެ. ދުނިޔޭގައި
އިންސާނުން ވާހަކަ ދައްކާ ކޮންމެ ބަހެއްގައިވެސް އަކުރު ތަފާތު މާނަތަކެއްގައި
ބޭނުންކުރެވެއެވެ. އެގޮތުން އެހެނިހެން ބަސްބަހެކޭ އެއްފަދައިން
ދިވެހިބަހުގައިވެސް އަކުރު ދެމާނައެއްގައި ބޭނުންކުރެވެއެވެ. އެއީ ދިވެހިބަހުގެ
އަޑުތަކުގެ ރަމްޒުގެ ގޮތުގައި ބޭނުންކުރާ "ހ،ށ،ނ،ރ،ބ" ގެ އަކުރުތަކާއި،
ވަކިންއޮންނައިރު މާނަދޭހަނުވާ އެހެނަސް އެހެންލަފުޒުތަކާއި، ގުޅުމުން މާނަދޭހަވާ
އަކުރުތަކެވެ. މިދެންނެވި އަކުރުތައް ބަހުގައި އަދާކުރާ ރޯލު ތަފާތުވެފައި ގިނަގުނައެވެ.
އޭގެތެރޭގައި ޖުމްލަތައް ފުރިހަމަކޮށްދިނުމާއި، ލަފުޒުތައް ގުޅުވައިދިނުމާއި،
އެއްލަފުޒު އަނެއްލަފުޒާއި އޮންނަ ގުޅުން ދޭހަކޮށްދިނުމާއި، ވަގުތާއި، ޒަމާން
ބަޔާންކޮށް ދިނުމަށް ބޭނުންކުރާ އަކުރުތަކާއި، ސުވާލާއި، ޖަވާބާއި، އިޝާރާތާއި،
ނަފީކުރުމާއި، ލަފާކުރުމާއި، އެއްފަދަކުރުމާއި، އެއްބަސްކުރުވުމާއި، ގިނަކުރުމާއި
ގަދަކޮށްލުމާއި، ގޮތްކަނޑައެޅުމާއި، ނިސްބަތްކުރުމާއި، އެދުންފާޅުކުރުމާއި،
ލަފާކުރުމާއި، ޝަރުތުގެ އަކުރުތަކުގެ އިތުރުން ޙައިރާނުގެ އަކުރުތައް ހިމެނެއެވެ.
މިފަދަ އަކުރުތައް އެހެން ލަފުޒުތަކާއި ގުޅުމުން ޖުމްލައަށް ފުރިހަމަކަމާއި
ރީތިކަން ގެނެސްދީ ބަހުގެ ބަލާޣާތާއި، އަސަރު އިތުރު ކޮށްދެއެވެ. އެހެނަސް ހޯދުނު
ހޯދުންތަކުގެ އަލީގައި ދެންނެވެންއޮތީ ބަހުގައިހިމެނޭ މިފަދަ އަކުރުތައް
ކަނޑައެޅުމުގަޔާއި، އެއަކުރުތައް ބަހުގައި އަދާކުރާ ރޯލު ނުވަތަ ވަޒީފާ ކަނޑައެޅުމުގައި
ދިވެހިބަހުގެ ޤަވާޢިދުހައްދަވާ ބޭފުޅުންގެ ޚިޔާލުތައް ތަފާތުވެފައިވާކަމެވެ. ހިތާމަޔަކީ
ބަހުގައި މިފަދަ މުހިއްމު ދައުރެއް އަދާކުރާ އަކުރާބެހޭގޮތުން މިހާހިސާބަށްވެސް
އެކަށީގެންވާ ރަނގަޅު ޤަވާޢިދެއް ހެދިފައި ނެތްކަމެވެ. ބަސްބަހެއްގެ ގޮތުގައި ބޭއްވުމަށްޓަކައި
މިކަމަކީ ވަރަށްބޭނުންތެރި އެހާމުހިއްމު ކަމެއްވެސްމެއެވެ. އެހެންކަމުން
ފުންނާބުއުސް ބަހަވީ އެދުރުން މިފަދަ ޤަވާޢިދުތަކެއް އެކަށައެޅުމަކީ ދިވެހި
މާދަރީބަހުގެ ދުލުން އެދެމުންދާއެދުމެވެ.
ރެފަރެންސް ލިސްޓް
ކަޅުވަކަރު މިސްކިތް. (2009، އޭޕްރީލް 19). ނެގީ މާޗް.
23، 2009،
http://nclhr.gov.mv/events/2009/kalhuvakaru-miskih.phpން.
އިބުރާހީމް ރުޝަދީ. (1359). ސުއްލަމުލްޢަރީބު. މާލެ:
ވުޒާރަތުއްދާޚިލިއްޔާ.
އިބުރާހީމް ޙުސައިން މަނިކު. (2008). އިބުރާހީމް
ޙުސައިން މަނިކުގެ ކުރުވާހަކަތައް2. މާލެ ނޮވެލްޓީ ބުކުސް.
ޢަބުދުﷲ ޞާދިގު. (1993). ބަހުގެ ހަމައިގެ އަތްމަތީފޮތް.
މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.
މުޙައްމަދު އަމީނު.
(1368). ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ. މާލެ: ގޯލްޑަންބުކްސް.
މުޙައްމަދު ޖަމީލު.
(1389). ފިޔަވަޅު
1،2،3. (ޗާޕުކުރިތަންނޭގެ).
މޫސާފަތުޙީ، މުޙައްމަދުޖަމީލު، ޢަބުދުﷲ ޞާދިގު، ފާރޫޤު ޙަސަން. (2004). ދިވެހިބަހުގެ
ޤަވާޢިދު 1،2،3،4.
މާލެ: ދިވެހިބަހާ
ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.
ދިވެހި ބަސްފޮތް. (2000). މާލެ:
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.
No comments:
Post a Comment