Monday, June 29, 2020

މަ ހިތް އެދޭ

މަ ހިތް އެދޭ

ޝަކީލާ ޙާމިދު


ޤައުމިއްޔަތުގެ އަޑު އުފުލުމަށް އަހަރެން ނުލާހިކު ހިތްއެދޭ 
                                    އައުދާނަ ކާބަފައިން ފަދައިން ހިތްމަތްކުރަން  ހަމަ  ހިތްއެދޭ     
ދީނާއި ވަޠަނުގެ ޙައްޤުގައި ކެރިގެން ޖިހާދަށް ނުކުމެގެން
                                     އީމާނުގައި ސާބިތުވެހުރެ ހިތްވަރުކުރަން      އަދު  ހިތްއެދޭ

މިނިވަންކަމާ ޤައުމިއްޔަތުގެ ފަޚުރާ ޝަރަފު ދަމަހައްޓަމުން  

                                     ހިނިތުންވެ ހުރެ  ޙައްޤަށް ނަސްރު ދިނުމަށް ނުލާހިކު ހިތްއެދޭ
ދިވެހިންގެ ރީތި ސަޤާފަތާ އަސްލާ އުސޫލާ ހަމަތަކާ
                   ދިވެހިންގެ އަތްމައްޗަށް އިއާދަ އަލުން ވުމަށް ހަމަ   ހިތްއެދޭ
ފިކުރާ ސިޔާސީ ޙިކުމަތުން އަބުރާއި ޢިތްޒަތް ވިއްކަމުން
                                          މަކަރާއެކީ ދެފުށަށްކެޑުން ފަރުދާކަހަން  އަދު   ހިތްއެދޭ       
ޤައުމުގެ ޒުވާނުން މަސްތުގައި އަދަމުން ދުވާތީ ގިސްލަމުން
                                         ޤައުމާއި ދީނުގެ ޙައްޤުގައި އިސްލާޙު ކުރުމަށް   ހިތްއެދޭ

 ތެދުވެރިކަމާ އީމާންކަމާ ކިޔަމަންކަމުގެ ގަހަނާ އަޅާ 

                     މެދު މިންވަރެއްގައި ހެޔޮހިތުން ސާބިތުވުމަށް ހަމަ ހިތްއެދޭ

ޤައުމުގެ ދަރީންތައް އަދުތިބީ މާއްދިއްޔަތަށްގޮސް ގެއްލިފައި

                     ޤައުމުގެ  މިޙާލަތު ބަދަލުކޮށް އިސްލާޙް ކުރުމަށް  ހިތްއެދޭ

ޤައުމުގެ ދުލުން އަސަރާއެކީ އެދި އިލްތިމާސު ކުރާކުރުން    

                     ޤައުމީ  ނިދާގެ  ބަހާއެކޭ  ދަންނާށެ  ބުނެލަން  ހިތްއެދޭ 

އެހެނަސްކުރާނެ ކަމެއްނެތޭ ތެދުވެރިކަމުގެ ޤަދަރެއްނެތޭ  

                     ކެހިވެރި ކަމުގެ ފަރުދާއެކޭ  އެ  ކަހާލުމަށް އަދު  ހިތްއެދޭ 


No comments:

Post a Comment