ވާހަކަޔަށް ފާޑު ކިއުން
ޝަކީލާ ޙާމިދު
ތަޢާރަފް
އަދަބިއްޔާތަކީ އަސަރާ ޖަޒުބާތާ އިމޯޝަން އޭގައި
އެކުލެވޭ ވަރައްރީތި ފަންނެކެވެ. އެއީ ހުނަރާއި ފަންނުވެރިކަމުގެ އަގުކުރުމަކުން
ވަޒަންކުރެވޭ އުފެއްދުންތެރި ލިޔުންތަކެވެ. އަދަބިއްޔާތަކީ، މީހެއްގެ ލިޔުމުގައި
ވިޔަސް އަދި ބުނުމެއްގައި ނަމަވެސް އެއަށް އިތުރު ފުރިހަމަކަން ގެނައުމަށްޓަކައި
ލައްވާ ފޭރާމެކެވެ. ހަމައެއާއެކު މިއީ މީހާ ދެކޭ ނަޒަރިއްޔާތުގެ މައްޗަށް
ބިނާކޮށް، ދުނިޔޭގެ ފަންނާއި ހުނަރުވެރިކަން ދެނެގަތުމަށް މާނައަކާއިއެކު މިސްރާބެއް ކަނޑައަޅައިދޭ ޙަޔާތުގެ
ޞަފްޙާއެކެވެ. އެހެންކަމުން އަދަބުން އަސަރުނުކުރާ ހިތަކީ މަރުވެފައިވާހިތެއްކަމުގައިވެސް
ދެއްނެވިދާނެއެވެ.
އަދަބީ ފާޑުކިޔުމަކީ އަދަބީގޮތުން ޢިލްމީ
ހަމަތަކުން ވިސްނުމަށްފަހު ކަނޑައަޅާ އަދަބީ ނިޔާއެކެވެ. މިކަމުގެ ސަބަބުން އަދަބީ
އުފެއްދުމެއްގެ ޙަޤީގަތް ކިޔާމީހުންގެ ކުރިމަތީގައި ހާމަވެއެވެ. އަދި އަދަބީގޮތުން
އޭގައިވާ ފުރިހަމަކަމާއި އުނިކަންކަން އެނގޭނެއެވެ.
މިގޮތުން އަދަބީ ފާޑުކިޔުންތެރިން ކުރާމަސައްކަތަކީ
އަދަބީއުފެއްދުމެއް ޝަރަޙަކޮށް ތަޙުލީލުކޮށް އެއަށް އަދަބީ ނިޔާއެއް ކަނޑައަޅަނީއެވެ.
އޭގައިވާ މުތީތައް ކިޔުންތެރިންނަށް ދައްކައިދީ ހަމަކޮށްދެނީއެވެ. އަދި
ހަމައެއާއެކު އޭގައިވާ ކަމުނުދާ އުނިކަންތައް ކިޔުންތެރިންނަށް ހާމަކޮށްދެނީއެވެ.
މިއުސޫލުން
މިއެސައިންމަންޓްގައި ބިންމާ އިބުރާހީމްވޙީދުގެ "ޙައްޤު" މިވާހަކަޔާއި
ޢަބުދުއްﷲ ޞާދިގު ތަރުޖަމާކުރައްވާފައިވާ "ގެއްލުނު ދުނިޔެ"
މިވާހަކައިގައި ކެރެކްޓަރުން ޑިވޮލޮޕް ކުރުމުގައި ބޭނުންކޮއްފައިވާ އުކުޅުތަކާ،
ޑައިލޮގު އަދި މޮނޮލޮގު ތަކުގެ ސަބަބުން ވާހަކަޔަށް ގެނެސްދިން ދިރުމާ،
ޕޮއިންޓްއޮފްވިޔު ނުވަތަ ވާހަކަ ހުށަހަޅައިދީފައިވާ ގޮތުގެ ސަބަބުން
ކިޔުންތެރިނަށް ކުރިއަސަރާ މެޓަފަރ، ސިމިލީ، އައިރަނީ އަދި ފޯޝެޑޯއިންގެ ސަބަބުން
ވާހަކަޔަށް ގެނެސްދީފައިވާ ދިރުމުގެ މައްޗަށް ބަލައިލާ މިރޮގުން ދެވާހަކަ
އަދަބީނަޒަރަކުން މިންކުރެވިފައިވާނެއެވެ.
ދެވާހަކައިގެ ޚުލާޞާ
ގެއްލުނުދުނިޔެ
ނޯތޭޖު ބީ.އޭ
ފާސްނެގުމަށްފަހު ވަޒީފާއެއް ހޯދަންކުރި އެތައްބައިވަރު މަސައްކަތް ނާކާމިޔާބުވީ
އޭނާގެނަން އެވަޒީފާތަކަށް ހުށަހަޅާނެ މިނިސްޓަރަކު ނުވަތަ މުއްސަނދި މަހުޖަނަކު
ނެތިގެންނެވެ. އެންމެފަހުން އެތައް މަސައްކަތަކުން އޭނާއަށްލިބުނު ޕަރސަނަލް
ސެކްރަޓަރީގެ މަގާމުދިން ސަރުޖުއާލާ ޕްރަޝާދުގެ މައްޗަށް އޭނާގެ ހިތްނުބައިވެ
މުއްސަނދިންނަށް އޭނާ ނަފުރަތު ކުރަންދިމާވި ސަބަބަކީ ސަރުޖުއާލާ ޕްރަޝާދުގެ
ކުރިމަތީގައި ބުޅަލެއްގެ ފުރާނަޔަށްވުރެ ނޯތޭޖުގެ ދަރިފުޅުގެ ފުރާނައިގެ އަގުދައްވި
ދައްވުމެވެ. އަދި މިއީ ނޯތޭޖު (ތީޖު ސިންގް) ޑާކޫއަށް ވުމަށް މެދުވެރިވި
ސަބަބުވެސްމެއެވެ.
ގީތާ (ނޯތޭޖުގެ
އަންހެނުން) ނޯތޭޖުގެ މިކުއްލި ގެއްލުމުގެ ސަބަބުން ހިތްހަލާކުވެފައިވާ ޙާލު
އަމިއްލަ ވަޒަންދޫކޮށް ބޮންބޭއަށް ބަދަލުވީ ފަހަރެއްގައިވެސް އެތަނުން އޭނަގެ
ފިރިމީހާއާ ބައްދަލުވެދާނެ ކަމުގެ އުއްމީދުގައެވެ. ބޮންބޭގައި ގީތާއާ އޭނާގެ
ދޮށީދަރިފުޅު ދީޕު ދިރިއުޅުމަށްޓަކައި ގީތާ މުއްސަދިންގެ ގޭގެއަށްގޮސް މަސައްކަތް
ކޮށްދީ ހެދިއެވެ. އެހެނަސް އެފަދަ ގޭގޭގައި އޭނާއަށް މަސައްކަތް ނުކުރެވުނީ
އެގޭގޭގައި ހުދުހެދުން އަޅައިގެން ސާފުތާހިރުކަމަށް ހެދިގެންއުޅޭ މުއްސަނދިންގެ
ވަޚުޝީ ޢަމަލުތަކުގެ ސަބަބުންނެވެ. އެންމެފަހުން ގީތާ އޭނާގެ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި
ލާރިހޯދުމަށް ތަންތަނުންނާއި މީސްމީހުންގެ ގޭގެއިން މަސައްކަތް ހޯދައިގެން ގޭގައި
އިދެގެން އެމަސައްކަތް ކުރިއެވެ.
ދީޕް ކިޔަވާ
ފިލާވަޅުދަސްކުރަން އިންނަތަން ލާލްބަހާދުރް ހަރްބީންސް ލާލަށް ފެނި
އެކުއްޖާފުޅުގެ މައްޗަށް އޭނާގެ ހިތުގައި ރަޙުމާއި ހަމްދަރުދީ އުފެދި ދީޕްގެ
ދެމައިން އޭނާގެގެއަށް ގެންދިޔުމުގެ ސަބަބުން އެދެމައިންގެ ދުނިޔެ މުޅިންބަދަލުވެ
ދީޕަށް ކިޔަވާނެ ފުރުސަތު ލިބުނެވެ. އެހެނަސް ގީތާއަށް އޭނާގެ ފިރިމީހާގެ
ހަނދާންތަކާ ޚިޔާލުތަކާ ވަަތްކެއްނުވެވުނެވެ. މިގޮތުގައި ނުހަނު އުފަލާ އަރާމުގައި
ދީޕް ބޮޑުވެ ސަބްއިނިސް ޕެކްޓަރަކަށް ވީއިރު ޕޮލިސް މަހުކަމާއަށް ކުރިމަތިވެފައިވާ
އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ތީޖްސިންގް ޑާކޫ ހައްޔަރުކުރުމުގެ ޒިންމާއާ
ދީޕް އަމިއްލަޔަށް ޙަވާލުވިއެވެ.
ނޯތޭޖް ނުވަތަ
ތީޖްސިންގ ޑާކޫ މުއްސަދި މަހުޖަނުން، ނިކަމެތި ފަގީރުންނަށް ދެމުންދާ އަނިޔާތަކުގެ ބަދަލު އެމުއްސަދިންގެ
ފަރާތުން ހޯދައިދިނުމުގެ ބޭނުމުގައި އެމީހުންގެ މުދާތައްއަތުލައިގަނެ ނިކަމެތިންގެ
ބޭނުންތައް ފުއްދައިދީގެން އޭނާގެ ހިތަށް ހަމަޖެހުން ހޯދައެވެ. މިމަސައްކަތުގައި
ތީޖްސިންގް ސިފައިންނާއި ޕޮލިހުންނަށް ފާޅުގައި
ގޮންޖަހަމުން ދަނީ އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށްބުނަމުންނެވެ. މިމަސައްކަތުގެ
ތެރޭގައި އުޅެނިކޮށް ގީތާއަށް އޭނާގެ ފިރިމިހާ ނޯތޭޖް ޑާކޫއެއްގެ ސިފައިގައި
ފެނެއެވެ.
ހަމައެއާއެކު ދީޕް
ތީޖުސިންގް ދަރިއެއްގެ ގޮތުގައި ބަލާބޮޑުކުރި ޝަޝީ އޭނާގެ ލޯބީގެ އަވައިގައި ޖައްސައި
ތީޖްސިންގއާއި ބެހޭ މަޢުލޫމާތު ޝަޝީގެ ފަރާތުން ހޯދައިގެން ތީޖްސިންގގެ
މަރުކަޒުތަކަށް ޙަމަލާދީ ދީޕްގެނަމާ މަޤާމު މައްޗަށް ދިއުމުގެ އިތުރުން ޕޮލިސްމަހުކަމާޔަށް
ރީތިނަން ހޯދައިދެއެވެ.
ނޯތޭޖަށް ގީތާފެނުނު
ރެއިންފެށިގެން އެކިއެކި މީސްމީހުންގެ މޭކަޕްކޮށްގެން ރަށުތެރެއަށް ނިކުމެ ގީތާއާއި
ދީޕް ހޯދަން ކުރިމަސައްކަތުން ގިތާފެނި ދީޕަށް އޭނާގެ ބައްޕަޔަކީ ކާކުކަން
ނޭންގުމަށް ގިތާލައްވާ ވައުދުކުރުވައެވެ. އެންމެފަހުން ނޯތޭޖު އެނާގެ ދަރިފުޅު
ދީޕަށް ރީތިނަމާ މަޤާމުގެ ކުރިއެރުން ހޯދައިދިނުމުގެ މަޤްޞަދުގައި އޭނާއަމިއްލައަށް
އޭނާގެ ދަރިފުޅު ދީޕްގެ އަތުން ހައްޔަރުވެއެވެ.
ދިޕަށް
ތީޖްސިންގްއަކީ ކާކުކަން އެގުމުން އަމިއްލައަށް ލަދުގަނެ ދެރަވެގެން އޭނަގެ ބައްޕަ
ދޫކޮށްލަން އުޅުމުން ނޯތޭޖް އެކަން މަނާކުރެއެވެ. ނޯތޭޖު މުއްސަނދިން
ނިކަމެތިންނަށް ކުރާއަނިޔާތަކުގެ ކުރިމަތީގައި ޤާނޫނު ނިދަފައިވާ މިންވަރު
ޝަރީޢަތުގެ މަޖްލިސްގެ ކުރިމަތީގައި ހާމަކޮށްދީ އޭނަ އެފަދަ ޑާކޫއަކަށް
ވާންމެދުވެރިވި ސަބަބު އޮޅުން ފިލުވައިދީ ޤާނުނާ މީސްތަކުންގެ ލޯހުޅުވައިދެއެވެ.
އެންމެފަހުން ފުލުހުން ކުރިއެތައް މަސައްކަތަކުންވެސް އޭނާގެ މައްޗަށް އެވެސް
ޤަތުލެއް ސާބިތުނުވުމުގެ ސަބަބުން ނޮތޭޖު ބުރަމަސައްކަތާއެކު ފަސްއަހަރުދުވަހަށް
ޖަލަށްލުމަށް ޙުކުމްކުރެއެވެ. މިނިޔާ އަޑުއަހާފައި ނޯތޭޖް ނުވަތަ ތީޖްސިންގް
ޤާނޫނުގެ ކުރިމަތީގައި ބޯލަނބައެވެ.
ޙައްޤު
ޝާހިދުއާ ޢަރީޝާއާ ކައިވެނިކުރުވަން
އެދެމީހުންނަ ނޭނގި ދެފަރާތުގެ ޢާއިލާމީހުން ރާވައެވެ. މިއީ ޢަރޫޝާ ކިތައްމެ
އެދިއެދިހުރި ކަމެއްކަމުގައި ވިޔަސް ޝާހިދު އެއްގޮތަކަށްވެސް ބޭނުންކަމެއްނޫނެވެ. އަނެއްކޮޅުން
ޝާހިދަށް ލަމްހާފެނި އޭނާދެކެ ލޯބިވެވުނެވެ. އެހެނަސް މައިންބަފައިންގެ
ކުރިމަތީގައި ސާފު ޢިބާރާތުން ޝާހިދު ޢަރީޝާއާ ކައިވެނިކުރުމަށް ދެކޮޅެއްނަހަދައެވެ.
އަދި ޝާހިދު އޭނާ ލަމްހާދެކެ އިންތިހާއަށް
ލޯބިވާއިރުވެސް މައިންބަފައިން ބޭނުންވާގޮތަށް ޢަރީޝާއާާ ކައިވެނިކުރެއެވެ.
ޝާހިދު ޢަރީޝާއާ
އިދެގެން އުޅެނީ ނަމެއްގައެވެ. އެހެނަސް ޝާހިދުގެ ލޯތްބާއި އަޅާލުމާ ޚުދު ޝާހިދުގެ
ޙައްޤުވެރިއަކަށްވެސް ވެފައިވަނީ ލަމްހާއެވެ. ލަމްހާގެ ފަރާތުން ޝާހިދަށް ނުލިބޭ
ޝާހިދުގެ ފަރާތުން ލަމްހާއަށް ނުލިބޭ އެއްވެސް އުފަލެއް އަރާމެއް
މީރުކަމެއްނެތެވެ. ޢަރީޝާއަކީ ޝާހިދުގެ އަނބިމީހާ ކަމަށްވާއިރުވެސް ޢަރީޝާއަށް
އިންނަންޖެހުނީ ޝާހިދުގެ ފަރާތުން ލިބެންޖެހޭ މިފަދަ ހުރިހާކަމަކުން
މަޙުރޫމްވެފައެވެ. ޢަރީޝާއަށް ޝާހިދުގެ ލޯބިވެރިޔަކު ހުންނަކަމާ އެއީ ލަމްހާކަން
އެނގިގެން ލަމްހާކައިރިއަށް ގޮސް ޝާހިދު އެނާއަށްޓަކައި ދޫކޮށްލައިދިނުމަށް އެދި
ސަލާންޖަހައެވެ.
އެންމެފަހުން ލަމްހާ
މިކަމުގައި ޝާހިދުގެ ރަޙުމަތްތެރި ޙަމީދުގެ އެހީހޯދައެވެ. އެގޮތުން ލަމްހާ
އެހެންފިރިހެނަކާ ގުޅުންއޮންނަކަން ޝާހިދަށް ދައްކައިދީގެން ލަމްހާގެ މައްޗަށް
ޝާހިދުގެ ހިތުގައި ރުޅިޔާ ނަފްރަތު އުފައްދުވާ ޢަރޫޝާގެ މައްޗަށް ޝާހިދުގެ
ހިތްލަންބުވައެވެ. އެގޮތުން ޢަރޫޝާއަށް ނުލިބިފައިވާ ފިރިއެއްގެ ލޯތްބާއަޅާލުން އޭނާއަށް
ހޯދައިދެއެވެ. އަދި މިދުވަސް ކޮޅުގެ ތެރޭގައި އެެމަފިރިންނަށް ކުއްޖަކުލިބެއެވެ.
އެހެނަސް ޝާހިދަށް
ޙަމީދާއި ލަމްހާގެ ރޭވުންފަޅާއަރައެވެ. އަދި އެކަމާ ޢަރީޝާއާ ސުވާލުކުރުމުން
ކުރިންވެސް ހިތުގެ މައްސަލައެއް ހުންނަ ޢަރީޝާ ހާޓްއެޓޭކެއްގައި މިދުނިޔެ ދޫކުރެއެވެ.
އަދި އެންމެފަހުން ލަމްހާއާ ޝާހިދު ކައިވެނީގެ ގުޅުމުންގުޅެއެވެ.
1.
ކެރެކްޓަރުން ޑިވޮލޮޕް ކުރުމުގައި ބޭނުންކޮށްފައިވާ އުކުޅުތައް
ގެއްލުނު ދުނިޔެ
މެއިންކެރެކްޓަރ
ގެއްލުނު ދުނިޔެ މިވާހަކައިގައި ކެރެކްޓަރުން
ޑިވޮލޮޕްކުރުމުގައި ލިޔުންތެރިޔާ ބޭނުންކޮށްފައިވާ އުކުޅުތަކަށް ބަލާއިރު މިވާހަކައިގެ
މެއިންކެރެކްޓަރ ނޯތޭޖް ނުވަތަ ތީޖުސިންގް ގެ ކެރެކްޓަރ ޑިވޮލޮޕް ކުރުމަށް
ލިޔުންތެރިޔާ ތަފާތު ހުނަރުތަކެއް (ކަންތައްތަކެއް) ބޭނުންކޮށްފައިވެއެވެ.
(ހ) ކުޅަދާނަ ލިޔުންތެރިޔެއް
ނޯތޭޖަށް ވަޒީފާއެއް ނުލިބިގެން އޭނާ ވަޒީފާއެއް ހޯދަން
އެކިއެކި މީސްމީހުންގެ ކައިރިއަށް ގޮސްގެން ކުރިއާދޭސްތަކަށްފަހުން ލިބުނު ޕަރސަނަލް
ސެކްރަޓަރީގެ ވަޒީފާގައި އޭނާގެ ހުނަރުވެރިކަން ދައްކާދީފައިވާ މިންވަރު
ވާހަކައިން ވަރަށް ރީތިކޮށް ހާމަވެއެވެ. އެގޮތުން އޭނާ ތައްޔާރުކުރި އެޑްރެސް (ތަގުރީރު)
ސަރުޖުއާލާ ޕްރަޝާދު ދިނުމާގުޅިގެންސަރުޖުއާލާ ޕްރަޝާދަށް ލިބުނު ރީތިނަމާ
ތަޢުރީފުތަކުގެ ހައްގުވެރިޔަކީ ނޯތޭޖްއެވެ. މިކަމުން ނޯތޭޖުގެ
ލިޔުންތެރިކަމުގައިހުރި ކުޅަދާނަކަމާ އެފަންނުގައި އޭނާގެހުރި ކުޅަދާނަކަން ލިޔުންތެރިޔާ، ކިޔުންތެރިންނަށް އޮޅުންފިލުވައިދީފައިވަނީ އަންނަނިވި
ޢިބާރާތް ތަކުންނެވެ.
"ކޮލެޖު
ޖަލްސާ ވަރަށްކާމިޔާބެވެ. ސަރުޖުއާލާ ޕްރަޝާދުގެ ތަގުރީރު ކޮޅެއްނެއްހާވެސް
ރަނގަޅެވެ. އޭގެކުރިން އެއްވެސް ޖަލްސާއެއްގައި އޭނާގެ އެއްވެސް ތަގުރީރެއް މިހާ
ކާމިޔާބުވެފައި އަދި ފުރިހަމަވެފައެއްނެތެވެ. މީސްތަކުން ވަރަށް
ތަޢުރީފުކުރިއެވެ. ނޫސްތަކުގައި އޭނާއަށް ތަޢުރީފާއެކުގައި އެއެޑްރެހުގެ
ތަންތައްކޮޅު ނަކަލުކޮށްފައިވެސް ހުއްޓެވެ." |
މިޢިބާރާތްތަކުން އޮޅުމެއްނެއްނެތި ނޯތޭޖް އެފަންނަށް
އަރާހުރިމިންވަރާ ލިޔުންތެރިކަމުގެ ހުނަރު އޭނާއަށް ލިބިފައިވާ މިންވަރު ކިޔުންތެރިންނަށް
ހާމަކޮށްދެނީ ލިޔުންތެރިޔާގެ ކުޅަދާނަކަމުންނެވެ.
(ށ) ހުޝިޔާރު ޑާކޫއެއް
ހަމައެފަދައިން ލިޔުންތެރިޔާ މިވާހަކައިގެ
މެއިންކެރެކްޓަރގެ ކެރެކްޓަރ ޑިވޮލޮޕް ކުރުމަށް ދައްކާފައިވާ އަނެއް އުކުޅަކީ
ނުވަތަ ހުނަރަކީ އޭނާ ނޯތޭޖް ޑާކޫއެއްގެބައި އަދާކޮށްފައިވާގޮތެވެ. އެހެނީ މުޅި
ބޮންބޭގެ ހުރިހާ ސިފައިންނާ ޕޮލިހުންތިބީ ތީޖުސިންގޑާކޫ ކުރިން އިޢުލާން
ކުރުމަށްފަހު ތަންތަނަށް ޙަމަލާދީ މުއްސަނދިންގެ މުދާތައް ލޫޓްވަމުންދާއިރުވެސް
އޭނާ އަތުލައިގަތުން ފިޔަވައި އޭނާގެ ފިޔަވަޅުގެ ނިޝާނެއްވެސް ހޯދުމަށް
ޢުޒުރުވެރިވެފައެވެ. އެގޮތުން ޕޮލިސްމަހުކަމާޔަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ
ނޯތޭޖް ހަމަޖެހިފައިވާ މިންވަރު ދައްކުވައިދީގެން ލިޔުންތެރިޔާ ތީޖްސިންގ އަކީ
ކުޅަދާނަ ޑާކޫއެއްކަން ކިިޔުންތެރިންނަށް ސާބިތުކޮށދެއެވެ.
1. "ބޮންބޭގެ ސަރުކާރުން އަހަރެމެން
ހައްޔަރުކުރަން ބޭރުންވެސް ފުލުހުން ގެންނަ ވާހަކަ އެބައަޑުއަހަން. އެމީހުން
މުޅި ދުނިޔޭގެ ހުރިހާ ފުލުހުންވެސް ގެނަޔަދީ." 2.
"ތީޖްސިންގއާއި
އޭނާގެ މީހުން އަހަރެމެންމީ ކުޅޭއެއްޗަކަށް ހަދައިފި. އަނެއްކާ އަހަރެމެންގެތެރޭގައި
ތީޖްސިންގގެ މީހުން ނެއްބާވައޭ ހިތަށްއަރާފަ މިހާރު ޝައްކުވާންޖެހޭ." 3.
"ތީޖްސިންގ
ގެ ހިތްވަރު މިގޮތަށް ބޮޑުވަމުންދާކަމުގައި ވަނީވިއްޔާ އޭނާއާ އޭނާގެ
މީހުންއައިސް އަހަރެމެންގެ މޫނުމައްޗަށް ދެކަމު
ހާޖިތައްދާނީ މާދަމާ ނޫންކަމެއްވެސްނޭނގެ." 4.
"އަޅުގަނޑުމެންނަށް
އަދި އެއްފަހަރު ފުރުސަތު ދެއްވާ." 5.
"އަލިފާން
ދޭންވީ." 6.
"ސިފައިންނާ
ފުލުހުން ރެޔާދުވާލު ތީޖްސިންގ ހައްޔަރުކުރުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކުގައި
ތީޖްސިންގ އަތުލެވުން އެއްކިބައިގައިއޮއްވާ އެމީހުންނަށް އޭނާގެ ހިޔަނިވެސް
ނުފެނުނު." |
މިފަދަ ޢިބާރާތްތަކުން ލިޔުންތެރިޔާ ތީޖްސިންގ ގެ ކެރެކްޓަރ
ޑިވޮލޮޕް ކޮށްދީފައިވަނީ ކިޔުންތެރިންގެ ހިތްތަކަށް ތީޖްސިންގްގެ ކެރެކޓަރއިން
އަސްލު ޑާކޫއެއްގެ ކުޅަދާނަކަމާ ބިރުވެރިކަމާ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް އިޙްސާސް
ކުރެއްވޭނެ މިންވަރަކަށެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި ސިފައިންގެ ޢަމަލުތަކާ
ބަހުރުވަތައްވެސް ހުރީ ތީޖްސިންގްގެ މައްސަލައިގައި ގޮތްހުސްވުމާ ކަންބޮޑުވުމުގެ
އިންތިހާ ގައިކަން ހާމަވެއެވެ. އެހެންކަމުން
ތީޖްސިންގގެ ކުޅަދާނަ ކެރެކްޓަރ ލިޔުން ތެރިޔާ ކިިޔުންތެރިންނަށް
ވަރަށްފުރިހަމަޔަށް ހުށަހަޅައިދީފައިވާކަމުގައި ދަންނަވަންޖެހެއެވެ.
(ނ) ގަދަފަދަ
ޑާކޫއެއް
ހަމައެއާއެކު ލިޔުންތެރިޔާ ތީޖްސިންގ ގެ ގަދަފަދަކަމާ ކުޅަދާނަކަމާ
އޭނާގެ ހިތްވަރާ ޢަޒުމްގެ ސާބިތުކަން އޭނާ އަމިއްލައަށް އައިސް އޭނާގެ ދަރިފުޅު
ދީޕްގެ ކުރިމަތީގައި ދެއަތް އުފުލައިލައިގެން ހުއްޓިހުރެ ދެއްކިވާހަކަ ތަކުން
ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ.
"ޒުވަނާއެވެ!
ޒިންދާބާދެވެ! ކަލޭ ޙަގީގަތުގައި ވަރަށް ހިތްވަރު ގަދަވެފައި ނަސީބުވެސް
ގަދައެވެ. ކަލެއަށް އަހަރެން ކަހަލަ ސިންގާއެއްގެ ގައިގައި ހިލިހިލާ
އަޅާލެވިއްޖެއެވެ. ކަލޭނެތްނަމަ ތީޖްސިންގގެ މައްޗަށް ފަތަޙަ ހޯދޭވަރުގެ
އެއްވެސް ފިރިހެންދަރިޔަކު އަދި އެއްވެސް މަޔަކަށް ނުވިހެއެވެ." |
އެހެންކަމުން ތީޖްސިންގ ގެ ގަދަފަދަ ކަމާ އާރާބާރު ލިޔުންތެރިޔާގެ
މިޢިބަރާތް ކޮޅުންވެސް ވަރަށް ރަނގަޅަށް ސާބިތުކުރެވެއެވެ.
(ރ) ހެޔޮކަންތައްތައް
ހަނދާންކުރާ އިންސާނެއް
ނޯތޭޖަކީ ޑާކޫއަކަށްވިޔަސް
އެހެންމީހުން ކޮށްދޭ ހެޔޮކަންތައްތައް މަތިން އޭނާ އެއްގޮތަކަށްވެސް
ހަނދާންނުނެތޭކަން އަދި އެކަމުގެ ބަދަލު އަދާކުރަން ބޭނުންވާކަން އެމީހުންގެ
ކުރީގެ ސަރުދާރުގެ ދަރިފުޅު ޝަޝީ މަރާލުމަށް ނޯތޭޖުގެ އެކުވެރިން ނޯތޭޖަށްދޭ
ނަސޭޙަތާގުޅިގެން އޭނާ އެކަމާ ހިތްހަމަނުޖެހޭކަމާ ދުވަހަކުވެސް އޭނާ ހެޔޮކަން
ހަނދާންނައްތާލާ ބަތާޙަރާމީނުވާނެކަމަށް ބުނާބުނުމުން ދޭހަވެއެވެ.
(ބ)
ނިކަމެތިންނަށް އެހީތެރިވާ އިންސާނެއް
ނޯތޭޖަކީ
މުއްސަދިންގެ މުދާތައް ފޭރޭމީހެއްކަމުގައިވިޔަސް އޭނާ އެމުދާތަކުން ފަގީރުންގެ
ބޭނުންތައް ފުއްދައިދެއެވެ. ބޭނުމެއްޖެހި ފައިވާ އެއްވެސް ނިކަމެއްޗަކު ފަގީރަކުހުރިތޯ ބަލާއެފަދަމީހުންގެ
ބޭނުންތަކާ މުހުތާދުތައް ފުއްދައިދޭދިނުމުން ނޯތޭޖަކީ ފަގީރުންނަށް އެހީތެރިވާ
އެންސާނެއްކަން ވަރަށް ރަނގަޅަށް ވާހަކައިން ލިޔުންތެރިޔާ ހާމަކޮށްދީފައިވެއެވެ. އަދި
މިކަމުގެ ސަބަބުން ނޯތޭޖު ބޭނުންވަނީ މުޖުތަމަޢުގައި ޖަރީމާތައްހިންގައި މިހުންގެ
މުދަތައްފޭރުން ނޫންކަން، އެކަމަކު ނިކަމެތިންގެ ޙައްގުތަކަށް އަރައިގަނެ
އެމީހުންނަކީ އިންސާނުންކަމުގައި ހީނުކުރާ މުއްސަނދީ މަހުޖަނުންނަށް ފިލާވަޅެއް
ދިނުންކަން ލިޔުންތެރިޔާ ވާހަކައިން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ.
ދެންމިބަލައިލަނީ "ހައްގު" މިވާހަކައިގެ
މެއިންކެރެކްޓަރ ގެ ޝަޚުސިއްޔަތު ޑިވޮލޮޕް ކުރުމަށް އެވާހަކަ ލިޔުންތެރިޔާ ބޭނުންކުރައްވާފައިވާ
އުކުޅުތަކަށެވެ.
ޙައްޤު
މެއިންކެރެކްޓަރ
މިއީ މިވާހަކައިގެ މެއިން ކެރެކްޓަރކަމުގައިވާ ޝާހިދުގެ
ކެރެކްޓަރ ޑިވޮލޮޕްކުރުމަށް ލިޔުންތެރިޔާ ބޭނުންކޮށްފައިވާ އުކުޅުތަކުގެ ތެރޭގައި
ޑައިލޮގާއި، މޮނޮލޮގު ގެ އިތުރުން އިވެންޓްވެސް ފާހަގަކުރެވެއެވެ. ތިރީގައިމިވަނީ
އެގޮތުން ބޭނުންކޮށްފައިވާ ބައެއްއުކުޅުތަކެވެ.
(ހ) ރުޅިގަދަ ރުންކުރު މީހެއް
ޢަރީޝާ ޝާހިދުގެ ގައިގާ ބައިސްކަލުން ޖެއްސުމުން ޝާހިދު
މޫދަށް ވެއްޓުމުން މޫދުން އަރައިގެން ދަމުން ރުޅިއައިސްގެން ޢަރީޝާއާ ދިމާއަށްކީއެއްޗެހިން
ޝާހިދަކީ ރުޅިގަދަ ރުންކުރުމީހެއްކަން ހާމަވިއެވެ. ޝާހިދުގެ ރުޅިވެރިކަން
ހާމަކޮށްދޭ ޑައިލޮގުކޮޅެކެވެ.
1. "ބުރަކި ހަލާކުވެފަ. އެހެންނޫނީ
ސިކުނޑިން ނަރެއް ކަނޑައިގެން ގޮއްސަ. އެންމެ ފަހުން އަހަންނަކަށްނު ހުރިހާ
ކަމެއްމިޖެހުނީ. އަހަރެން ހިތައްއަރާ ހެނދުނު ހެނދުނާ ނިދަންނޯވެވިގެން
ކޮންތަނަކުން އައި މުސީބާތެއްބާއޭ. ލޮނުވެސް ބޮވިއްޖޭ." 2. "ބުނަންވާހަކައެއް! އަހަރެންވާ
ބަނޑުން ވެލިފޮޅާފަ މިދަނީ ގެއަށް. އެހެންމީހެއްނަމަ..." |
މިޢިބާރާތްތަކަށް ބަލާއިރު "ބުރަކި ހަލާކުވެފަ.
އެހެންނޫނީ ސިކުނޑިން ނަރެއް ކަނޑައިގެން ގޮއްސަ"
މިހެން ބުނުމުން މިކުރަނީ ސަމާސާއެއްނޫންކަން މިއުޅެނީ ހިތްހަމަ ނުޖެހިގެންކަން
ދޭހަވެއެވެ. ސަބަބަކީ މިފަދަ ޢިބާރާތްތަކަކީ އާދަކޮށް މީހުން މީހުންނާ
ވާހަކަދެއްކުމުގައި ބޭނުންކުރާ ޢިބާރާތްތަކަކަށް ނުވެފައި މަލާމާތާ ރުޅިވެރިކަމުގެ
ތެރޭގައި ބޭނުންކުރާ ޢިބާރާތްތައް ކަމުގައިވާތީ
މިޢިބާރާތް ތަކުން ޝާހިދުގެ ރުންކުރު ރުޅިބވެރި މިޒާޖު ހާމަވެއެވެ.
(ށ) މައިންބަފައިންގެ ބަސްއަހާ
ކިޔަމަންތެރިކުއްޖެއް
ޝާހިދުގެ
މައިންބަފައިން ޢަރީޝާއާއެކު އޭނާގެ ކައިވެނި ހަމަޖެއްސުމުން އެއްވެސް
ދެކޮޅުވެރިކަމެއްނެތި އެކައިވެނި ކުރާނެކަމުގައި ބުނާބުނުމުން ލިޔުންތެރިޔާ
ހާމަކޮށްދޭން ބޭނުންވަނީ ޝާހިދަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަމެވެ. އެހެނަސް
ލިޔުންތެރިޔާއަށް ޝާހިދުގެ މިކެރެކްޓަރ (ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ
ކެރެކްޓަރ) އެކަށީގެންވާ ގޮތެއްގައި ހާމަކޮށްދެވިފައިނުވާކަން ފާހަގަ ކުރަމެވެ.
(ނ) ލަމްހާގެ ލޯބީގައި
އޭނާގެ ފަތިފުއްނޭގޭ މިންވަރަށް ދީވާނާވެފައިވާ އިންސާނެއް
ޝާހިދު ލަމްހާދެކެވާ އިންތިހާއީ ލޯބީގެ ސަބަބުން ރަށުގެ އެންމެންނަށް
ލަމްހާއަކީ ކޫޑި ކުއްޖެއްކަން އެނގޭއިރުވެސް ޝާހިދަށް އެކަންނޭގޭކަން ފާހަގަ
ކުރެވެއެވެ. ލިޔުންތެރިޔާ ބޭނުންވަނީ މިކަމުގެ ސަބަބުން ޝާހިދު ލަމްހާދެކެވާ
އިންތިހާއީލޯބި ނުވަތަ ލަމްހާގެ ލޯބީގައި ޝާހިދު ދީވާނާ ވެފައިވާ މިންވަރު
ކިޔުންތެރިންނަށް ހާމަކޮށްދޭށެވެ. އެހެނަސް ރަށުގައި ކާޅު ގޮވާހެން ގޮވާކަމެއްގެ
މަޢުލޫމާތު ޝަހިދު ކަހަލަ ޒުވާނަކަށް ނޭގުމަކީ ފިތުރީ އުސޫލާ ޚިލާފު
ކަމެއްކަމުގައި ފާހަގަ ކުރެވެއެވެ.
(ރ) ދީނުގައި ޙަރާމް ކުރައްވާފައިވާ
ފާފަތައް ތަކުރާރުކޮށްކުރާ އިންސާނެއް
ޝާހިދު ކައިވެނީގެ ކުރިން ލަމްހާޔާއެކު ތަފާތު
ތިންފަހަރެއްގެ މަތިން ޖިންސީ ގުޅުން ހިންގައިފައިވާކަމުގައި ލިޔުންތެރިޔާ
ހާމަކުރައްވައެވެ. މިއީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމަކަށްވާތީ
ޝާހިދަކީ އިސްލާމްދީނުގައި ޙަރާންކުރައްވާފައިވާ ފާފަތަކަށް އަރައިގަތުގައި
ކުޑަވެސް ޖެހިލުމެއްނެތް ދީނާމެދު އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ
އިންސާނެއްކަން ހާމަކޮށްދެއެވެ.
ޙަޤީޤަތުގައި މިކަމުން ލިޔުންތެރިޔާ ބޭނުންވީ ލަމްހާދެކެ
ޝާހިދުވާ ހިފެހެއްޓުމެއްނެތް އިންތިހާއީ ލޯބިދައްކައި ދިނުންކަމުގައިވިޔަސް
ލިޔުންތެރިޔާއަށް މިކަމުން ކިޔުންތެރިންނަށާ މުޖުތަމަޢަށް ހާމަކޮށްދެވުނީ ޝާހިދުގެ
ގޮތެއްފޮތެއްނެތްކަމެވެ. އެހެންކަމުން މިއީވެސް ދިވެހި އިސްލާމީ މުޖުތަމަޢަށް
ނުފެތޭ ފިތުރަތާ ޚިލާފު ކަމެއްކަމުގައި ފާހަގަ ކުރަންޖެހެއެވެ.
ގެއްލުނު ދުނިޔެ
ކެރެކްޓަރ ސަރުޖުއާލާ ޕްރަޝާދު
(ހ) މުދާވެރި
މުއްސަންޖެއް
ސަރުޖުއާލާ
ޕްރަޝާދަކީ މުއްސަނދި މުދާވެރިއެއްކަން އޭނާގެންގުޅޭ އާސާމީ ބުޅާބަލިވެގެން
ރަށުގައިތިބި އެންމެ އަގުބޮޑު ޑަކްޓަރުން ގެނެސްގެން ދެއްކި ދެއްކުމުންނާއި އެބުޅާ
ރަނގަޅުކޮށްދީފިނަމަ ދިހަހާސް ރުފިޔާދޭންބުނި ބުނުމުން ދޭހަކޮށްދެއެވެ.
(ށ) އެހެންމީހުންގެ ޚިދުމަތުގެ އަގުވަޒަންނުކުރާ ނެއްފެންވަރު ދައްކާ
މީހުންގެ ކުރިމަތީގައި މަގުބޫލުވާން ބޭނުންމީހެއް
ނޯތޭޖުގެ ތަގުރީރުތަކުގެ
ސަބަބުން ރީތިނަން ލިބުމުންވެސް އޭނާއަށް އެއިންއެއްވެސް ޚަބަރެއްނުދިންތާ
ކުޑަމިނުން ހިތްވަރެއްވެސްނުދީ އެކަމުގެ ރީތިނަން ނޯތޭޖު އަމިއްލައަށް ލިބިގަނެ
އަދިވެސް އިތުރަށް މަޝްހޫރުވުމަށް ތަގުރީރުތަކުގައި ޅެންބައިތުތައް ހިމަނައިގެން
ތަގުރީރުތައް މޮޅުކޮސް މީހުންނަށް ދައްކަން މަސައްކަތް ކޮއްފައިވާތީ އެހެންމީހުންގެ
ޚިދުމަތުގެ އަގުވަޒަންނުކުރާ ނެއްފެންވަރު ދައްކާމީހެއްކަން ވަރަށްރަނގަޅަށް ސާބިތުވެއެވެ.
(ނ) އިންސާނިއްޔަތު ކަމެއްނެތް އެހެންމީހުންނަކީ އެއްވެސް ބަޔަކަށްނުހަދާ ނުލަފާމީހެއް
ނޯތޭޖުގެ ދަރިފުޅުބަލިވެގެން އެދަރިފުޅު
ޑޮކްޓަރަށް ދައްކަން ފައިސާކޮޅެއްދޭށޭ ބުނާނެ ފުރުސަތެއް ނޯތޭޖަށް ނުދިނުމުންނާއި
އޭނާގެ އާސާމީ ބުޅަލަށްޓަކައި އެހެން ބަލިމީހުންގެ ގަޔަށް ފިސްތޯލަޖަހަން
ޑޮކުޓަރުންގެ ގާތުގައި ބުނިބުނުމުން ސަރުޖުއާލާ
ޕްރަޝާދުގެ ކިބައިގައި އިންސާނުންޚާއްޞަކޮށް އެހެންމީހުންނަކީ އެއްވެސް ބަޔަކަށް
ނުހަދާ ނުބައިނުލަފާ މީހެއްކަން ލިޔުންތެރިޔާ ވަރަށް ރަނގަޅަށް ކިޔުންތެރިންނަށް
ހާމަކޮށްދީފައިވެއެވެ.
ޙައްޤު
ކެރެކްޓަރ ޢަރީޝާ
(ހ) ކެއްތެރި
އަންހެން ކުއްޖެއް
ޝާހިދު ޢަރީޝާއާ
ކައިވެނި ކުރުމަށްފަހު ޝާހިދު އެއްވެސް ގުޅުމެއް ޢަރީޝާއާ ނުބާއްވާ އިރުވެސް
އެއްވެސް ޝަކުވާއެއްނެތި ޝާހިދުގެ ހުރިހާކަމެއްކޮއްދީ އަދި ޝާހިދުގެ އެއްވެސް
ވާހަކައެއް އެއްވެސްމީހެއްގެ ގާތުގައި ނުދައްކާ ކެއްތެރިކަމާއެކު މަޑުންއިންއިނުމުން
ޢަރީޝާއަކީ ކެއްތެރި އަންހެން ކުއްޖެއްކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ.
(ށ) އަޚުލާޤު ރަނގަޅު
ކިޔަމަންތެރި ކުއްޖެއް
ވާހަކަ
ފެށޭހިސާބުގައި ލިޔުންތެރިޔާ ޢަރީޝާގެ ކެރެކްޓަރ ދައްކައިދީފައިވަނީ
މީހުންރުޅިއަރުވާ މީހުންނަށް ޖެއްސުންކުރާ މީހެއްގެ ގޮތުގައެވެ. އެހެނަސް
ވަކިހިސާބަކުން ލިޔުންތެރިޔާ ދައްކައިދޭންބޭނުންވީ ޢަރީޝާއަކީ އަޚުލާގުރަނގަޅު
ކިޔަމެންތެރިކުއްޖެއްގެ ގޮތުގައި ކިޔުންތެރިންނަށް ހުށަހަޅައިދޭށެވެ. މިކަން
އެނގެނީ އެހެންމީހުން ޚާއްޞަކޮށް ޝާހިދުގެ މައިންބަފައިން ޢަރީޝާއަކީ އަޚުލާޤު
ރަނގަޅު ކިޔަމަންތެރި ކުއްޖެއްކަމުގައި ބުނާބުނުމުންނެވެ. ފާހަގަ ކޮއްލަންޖެހޭ
އަނެއްކަމަކީ ޢަރީޝަގެ އުޅުމުން މިކަން ދައްކައިދެވިފައިނުވާކަމެވެ.
(ނ) އަމިއްލަ އެދުންބޮޑުމީހެއް
ޝާހިދުއާ ލަމްހާ
އެކަކު އަނެކަކުދެކެ އިންތިހާޔަށް ލޯބިވާކަން އެނގޭއިރުވެސް ޢަރީޝާ އޭނާގެ
އަމިއްލަ އުފަލާ ހިތްހަމަޖެހުން ހޯދުމަށްޓަކައި ލަމްހާގެ ކިބައިން އޭނަގެ ފިރިމީހާ
ދޫކޮށްދިނުމަށް އެދިފައިވާތީ އޭނާގެ އަމިއްލަ އެދުންބޮޑުކަން ހާމަކޮށްދެއެވެ.
އެހެންކަމުން ގެއްލުނު ދުނިޔެއާ ޙައްގު ވާހަކައިގައި ކެރެކްޓަރުން ޑިވޮލޮޕް ކުރުމުގައި ގެންގުޅެފައިވާ އުކުޅުތައް ވަރުގަދަ ވެފައި ހަރުދަނާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ޖުމްލަކޮށް ދަންނަވަނަމަ ދަންނަވަންޖެހެނީ ދަންނަވަންޖެހެނީ "ގެއްލުނު ދުނިޔެ" މިވާހަކަޔާ "ޙައްޤު" މިވާހަކަޔާ އަޅާބަލާއިރު ޙައްޤު ވާހަކައިގައި ލިޔުންތެރިޔާ ބޭނުންވާ ކެރެކްޓަރ ލިޔުންތެރިޔާ ބޭނުންވާ ގޮތަށް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދެވިފައި ނުވާކަމުގައެވެ. އެހެނަސް ގެއްލުނު ދުނިޔޭގައި ލިޔުންތެރިޔާ ބޭނުންވި ކެރެކްޓަރ ވަރަށްރަނގަޅަށް ޑިވޮލޮޕްކޮށް ކުރިއަރުވާފައިވާކަން ފާހަގަކުރަމެވެ.
2.
ޑައިލޮގާއި މޮނޮލޮގު ތަކުގެ ސަބަބުން ވާހަކަޔަށް ގެނެސްދިން ދިރުން
·
ޑައިލޮގް
ގެއްލުނު ދުނިޔެ
މިވާހަކަޔަށް ބަލާއިރު ވާހަކައިގައި ބޭނުންކޮށްފައިވާ
ޑައިލޮގު ތަކުގެ ސަބަބުން ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުވެގެންދިޔުމުގެ
އިތުރުން ވާހަކައިގައި ޑްރެމެޓިކްގޮތް އެކުލެވިފައިވެއެވެ. މީގެއިތުރުން
ޑައިލޮގުތަކުގެ ސަބަބުން ވާހަކަ ކުރިޔަށްގެންދިޔުމުގެ ބާރަކަށްވެ، ޙާދިސާތަކަށް އަލިއެޅިގެން ގޮސްފައިވާކަންވެސް
ފާހަގަކުރެވެއެވެ. ހަމައެއާއެކު ކަރެކްޓަރުންގެ ޖަޒުބާތުތަކާއި އެމީހުންގެ
އިޙުސާސްތަކާ ޝުޢޫރުތަކާ އެމީހުން ގަސްތުކުރާ ގޮތުގެ އިތުރުން ކަންކަމާމެދު
ކަރެކްޓަރުން ފާޅުކުރާ ޚިޔާލުވެސް ހާމަކޮށްދީފައިވެއެވެ.
(ހ) ވާހަކަ ކުރިޔަށް ގެންދިޔުމުގައި ޑައިލޮގު
އަދާކޮށްފައިވާ ދައުރު
ޝައުގުވެރިކަމާއެކު ވާހަކަ ކުރިޔަށް ގެންދިޔުމުގައި
ޑައިލޮގު ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން
ބޭނުންކުރެވިފައިވާ ޑައިލޮގުތަކުގެ ސަބަބުން ދެންވާނީ ކިހިނެއްތޯ ބެލުމުގެ ޝައުގުވެރިކަން
ލިޔުންތެރިޔާ ކިޔުންތެރިންގެ ހިތުގައި އުފައްދާފައިވެއެވެ. މިސާލަކަށް:
"ކޮންނަމެއްތަ ކިޔަނީ
ކަލެއަށް؟" "މިއީ ކަލާގެ
ތަނެއްތޯ؟" "ބިރުނުގަނޭ
ދަރިފުޅާ!" "ކަލޭވަރަށް ކިޔަވާ
ހިތްވޭތަ؟" "ކަލޭކަހަލަ ދަރިއެއް
ލިބިފައި ތިބި މަންމަޔަކާ ބައްޕައެއް ވަރަށް ވެސް ނަސީބުރަނގަޅު." "ނޫން އަޅުގަނޑުގެ
ބައްޕައެއް ނެތް." |
މިފަދައެތައް އެތައް ޑައިލޮގެއް ހިމެނޭއިރު މިއިން
ކޮންމެޑައިލޮގަކީވެސް އެޑައިލޮގް ކޮޅެއްގެ ސަބަބުން ދެންވާނީ ކިހިނެއްތޯ؟ އިތުރަށް ބުނާނީ ކީކޭތޯ އަހާ އޮޅުންފިލުވަން
ޖެހޭކަހަލަ ޑައިލޮގު ކޮޅުތަކެކެވެ.
(ށ) ޙާދިސާތަކަށް އަލިއަޅުވައި ދިނުމުގައި
ޑައިލޮގު އަދާކުރާ ދައުރު
މިވާހަކައިގެ ބައެއް ޑައިލޮގުތަކުން ވާހަކައިގައި ކުރިން
ހިނގާފައިވާ ކަންތައްތަކަށް އަލިއެޅިގެން ގޮސްފައިވެއެވެ، އަދި އަނެއްބައި
ޑައިލޮގުތަކުން ކުރިޔަށް ހިނގަންހުރި ޙާދިސާތަކަށް އަލިއަޅުވާލެވިފައިވެއެވެ. މިސާލު:
ކުރިންހިނގާފައިވާ ޙާދިސާއަކަށް އަލިއެލޭ:
"އެކަމަކު އޭނާއަށް
އެފިލުނީ ކިހިނަކުން." "އޭނާފިލުމުގައިވެސް
އަހަންނަށް ފެންނަނީ ޝަޝީގެ ކަންތައް." "ބަލަ ޚުދު ޝަޝީ އިނީ
ހައްޔަރުވެފައެއްނޫންތަ؟" "ކަލެއަކަށްނެގޭތަ ޝަޝީއާ
ދީޕްގެ ދެކޮޓަރީގައި ހަމައެކަނި ފަރަގަކަށް ހުރީ ފާރެއްކަމެއް." |
މިޑައިލޮގުތަކުން ކުރިން ގޮސްފައިވާ އިވެންޓުގައި
ހިނގާފައިވާ ޙާދިސާއަށް ވަރަށްފުރިހަމަޔަށް އަލިއެޅިގެން އެބަދެއެވެ. އެހެނީ
ކޮންމެވެސް މީހަކު ފިލައިގެން ގޮއްސިކަމާ އެމީހަކު ފިލައިގެން ދިއުމުގައި ޝަޝީކިޔާ މީހެއްގެ
އަތެއްވާކަމާއި ޝަޝީއާ ދީޕާ ދެމީހުންތިބީ
ޖެހިޖެހިގެން ހުރި ދެކޮޓަރީގައިކަންވެސް އެނގެއެވެ.
ޖެހިގެން އޮންނަ ޙާދިސާއަށް އަލިއެލޭ:
"ކަލޭދޭ. ގޮސް ކަލޭގެ
ދީޕަށް އަހަރެމެންގެ މި ސިއްރު މަރުކަޒު ހުރިތަން ބުނެދީ" "ތިޔަބުނުއްވީ ކީކޭތޯ؟
ބައް..." "އަހަރެން ބުނާއެއްޗެއް
މިބުނަނީ ހަމަ ރަނގަޅަށް" "ދަރިފުޅާ ލަސްނުކުރޭ.
ދީޕް މަދަމާ ދޭއް ޖަހާއިރު ނަމްބަރުދޭކަށް ހަމަލާދޭނެ. ކަލޭ ގޮސް އޭނާގާތުގައި
ބުނޭ އެތަނަކުން އެއްވެސް އެއްޗެއް އަތަކުނުޖެހޭނޭ. އެޚަބަރު ރޯގޯހޭ. ކަލޭ
އޭނާގޮަވައިގެން މިރޭ 10 ޖަހާއިރު މިތަނަށްބަހީ. |
މަތީގައިވާ ޑައިލޮގު ކޮޅުތަކުން ވާހަކައިގައި ދެން
ކުރިޔަށްއޮތް އިވެންޓާ ބެހޭގޮތުން މައުލޫމާތުލިބި އެ އިވެންޓަށް
އަލިއެޅިގެންދެއެވެ.
(ނ) ކެރެކްޓަރުންގެ ހިތުގައި އުފެދޭ ޖަޒުބާތާ
ޝުޢޫރު ޑައިލޮގުން ހާމަކޮއްދޭ
"ބައްޕާ ބައްޕަގެ ފަރުޟު
ދަރިފުޅަށްޓަކައި އަދާކޮށްފީމު. ދެންމިހާރު ދަރިޔަކު އޭނާގެ ފަރުޟުން
އެއްކިބާކުރައްވަން ނޫޅުއްވާ..." "ކަލެޔަށް ތިޔަ ގޯސް ވާހަކަ
ބުނެދިނީ ކާކު...؟" "އަޅުގަނޑަށް ތިޔަވަރަށް
އަނިޔާދެއްވަން ނުހައްދަވާ..." "އަޅުގަނޑަށް ބައްޕަ
ބައްޕަގެ ދަރިފުޅާއޭ ގޮވާނުލައްވާ ތިޔަހިތުގައި ޖައްސުވަނީ ވަރަށް ވެސް
ބޮޑަށް..." |
މި ޑައިލޮގު ކޮޅުތަކުން ދަރިޔަކު އޭނާގެބައްޕަގެ ދުލުން
އެދަރިފުޅާ ދިމާޔަށް ދަރިފުޅާއޭ ކިޔާ ގޮވާލާ އަޑުއަހަން ކެތްމަދުވެފައިވާ މިންވަރާއި އެހެން ގޮވައިނުލައިގެން އޭނާގެ ހިތަށް ކުރާ އަސަރާއި އެކަމަށް އޭނާގެ ހިތް
އެދިގޮވާ މިންވަރު ލިޔުންތެރިޔާ ވަރަށް ރަނގަޅަށް ހާމަކޮށްދީފައިވެއެވެ. އަދި
މިކަމުން އިންސާނީ ދިރިއުޅުމުގެ ޙަގީގީ ފަސްމަންޒަރެއް ސިފަވެގެންދެއެވެ.
· މޮނޮލޮގު
މޮނަލޮގުތަކުގެ ސަބަބުން މިވާހަކަޔަށް ދިރުން
ގެނެސްދީފައިވެއެވެ. އެގޮތުން މޮނޮލޮގުގެ އެހީގައި ވަހަކައިގައި އުޅޭ މީހުންގެ
ޚިޔާލުތަކާ ޝުޢޫރުތައް އަދި އެމީހުންގެ އިޙުސާސްތައް ކިޔުންތެރިންނާ ހަމަޔަށް
ފޯރުކޮށްދޭ ހަތިޔާރެއްގެ ގޮތުގައި މޮނޮލޮގު ގެ ބޭނުން ލިޔުންތެރިޔާ އެކަށޭނަ
ދަނޑިވަޅުތަކުގައި ހިފައިފައިވާކަން ފާހަގަކުރެވެއެވެ.
"ގީތާ...!" "ކަލޭ ވަނީކޮންތަނެއްގައި.
ކަލެޔާނުލާ އަހަރެންގެ ޙަޔާތުގެ ކޮންމެ ހިދުކޮޅެއްވަނީ ބޭކާރުވެފަ. މާނައެއް
ނެތިފަ." އަހަރެން މިވަނީ ކަލޭގެ
ވަކިވުމާހުރެ މޮޔަވެފަ." "ކަލޭ ނުލިބިއްޖިއްޔާ
އަހަރެން މުޅިދުނިޔޭގައި އަލިފާން ޖަހާނަން." |
މަތީގައި އެވާ މޮނޮލޮގު ކޮޅަކީ ނޯތޭޖް އޭނާގެ އަންހެނުން
ވީތަނެއް ނޭގިގެން އެކަމުގެ ފިކުރުގައި އިނދެ އަމިއްލަ އަމިއްލަޔަށް ދައްކާފައިވާ
ވާހަކަކޮޅެކެވެ. މި މޮނޮލޮގު ކޮޅުން ނޯތޭޖުގެ ހިތުގެ ޙާލަތު ވަރަށްރަނގަޅަށް
ހާމަކޮށްދެއެވެ. އޭނާ ގީތާއަށް ބޭނުންވާ މިންވަރާ ގިތާއާ ނުލާ އޭނާއަށް ނޫޅެވޭނެކަމާ
ގިތާ ނުލިބިއްޖެނަމަ އޭނާމޮޔަވެދާނެކަމާ އަދި އެހެންވެއްޖެނަމަ އޭނާ
މުޅިދުނިޔޭގައި އަލިފާން ޖަހާނެކަމެވެ.
ހަމައެފަދައިން އެތައް އަހަރަކަށްފަހު ގީތާއަށް ނޯތޭޖު
ފެނުމުން ލިބުނު އުފަލާ ކުރެވުނު އިޙްސާސްތައް ހާމަކޮށްފައި ވަނީވެސް މޮނޮލޮގުންނެވެ.
"އަޅުގަނޑުގެ ލޯބިވާ
ފިރިމީހާއެވެ. ކަލާތިޔަހެދީ ކިހިނެއްހެއްޔެވެ؟ އަހަންނަށްޓަކައި ތިޔައީ ކިހާބޮޑު
ބޭޒާރެއް ހެއްޔެވެ؟ އަދި ކިހާބޮޑު ވޭނެއްހެއްޔެވެ؟ "ލޯބިވެރިޔާއެވެ...!
އަހަރެންގެ ނޯތޭޖްއެވެ...! ކަލޭ ދުނިޔެގައި ދިރި އެބަހުރީމު ދޯއެވެ؟ ތިޔައީ
އަހަންނަށް ޓަކައި ކިހާބޮޑު އުފަލެއްހެއްޔެވެ؟ އަހަރެންގެ ޙަޔާތުގެ
އެކުވެރިޔާއެވެ. އަންނާށެވެ. އޭރުން އަހަރެން ކަލާދެކިގެން އަހަރެންގެ އެތައް
އަހަރެއްގެ ކަރުހިއްކައިގަންފައިވާ ދެލޮލަށް ހަޔާތުގެ ނޫރުދޭނަމެވެ." |
ގީތާގެހިތުގެ ޖަޒުބާތުތަކާއި ގީތާގެ ހިތް ނޯތޭޖަށް
އެދިގޮވާމިންވަރާ އޭނާ ނޯތޭޖަށް ބޭނުންވެފައިވާ މިންވަރު ލިޔުންތެރިޔާ
ހަމަކޮށްދީފައިވަނީ ކިޔުންތެރިޔާޔަށްވެސް އެނާގެ އިޙުސާސް ތަކަކީ އެއީކަން
ހާމަކޮށްދޭފަދަ ގޮތަކަށް ވަރަށް ފުރިހަމައަށެވެ. އެހެންކަމުން ދަންނަވަންޖެހެނީ
މޮނޮލޮގުގެ ސަބަބުން މިވާހަކަޔަށް ދިރުމާ ޝައުގުވެރިކަން ނެނުވާފައިވަނީ ވަރަށް
ވެސް ފުރިހަމަށް ކަމުގައެވެ.
·
ޑައިލޮގް
ޙައްޤު
(ހ) ވާހަކަ ކުރިޔަށް ގެންދިޔުމުގައި ޑައިލޮގު
އަދާކޮށްފައިވާ ދައުރު
"އިމާދު! އަޅުގަނޑު
މިއުޅެނީ ކަމެއް ހަމަޖައްސާލަންވެގެންނޭ. ސެހެރި ނުދަމާ ކުރުކޮށްލާފައި ބުނަންޏާ....
އަޅުގަނޑު މިއުޅެނީ ޝާހިދުއާ ޢަރީޝާއާ ދެކުދިން...." "މިއަދު މިއީ މާރަނގަޅު
ދުވަހަކީތާ. އަޅުގަނޑުވެސް މިއައީ ހަމަ ތިޔަކަމައިގެން." |
ވާހަކައިގެ ފެށޭ ހިސާބުގައިވާ މިޑައިލޮގު ކޮޅަކީ ޝާހިދުގެ
މައިން ބަފައިން ޢަރީޝާއާ ޝާހިދުގެ ކައިވެނީގެ ވާހަކަ ދައްކަނިކޮށް ޢަރީޝާގެ
ބައްޕައަމުން އެދެމެދުގައި ބަދަލުކޮށްލެވުނު ވާހަކަ ކޮޅެކެވެ. މިޑައިލޮގު ކޮޅުގެ
އެހީގައި ވާހަކަ ކުރިޔަށް ގެންދިއުމަށް ބާރުއަޅައިދެއެވެ.
އެހެނަސް ގެއްލުނު ދުނިޔެ މިވާހަކައިގައި ހުރިމިންވަރަށް
ޝައުގުވެރިކަމާއެކު ވާހަކަ ކުރިޔަށްގެންދިއުމަށް ބާރުއަޅައިދޭ ޑައިލޮގްތަކެއް
"ހައްގު" ވާހަކައިގައި ނެތްކަން ފާހަގަކުރަންޖެހެއެވެ.
(ށ) ޙާދިސާތަކަށް އަލިއަޅުވައި ދިނުމުގައި
ޑައިލޮގު އަދާކުރާ ދައުރު
މިވާހަކައިގެ ބައެއް ޑައިލޮގުތަކުން ވާހަކައިގައި ކުރިން
ހިނގާފައިވާ ކަންތައްތަކަށް އަލިއެޅިގެން ގޮސްފައިވެއެވެ، އަދި އަނެއްބައި
ޑައިލޮގުތަކުން ކުރިޔަށް ހިނގަންހުރި ޙާދިސާތަކަށް އަލިއަޅުވާލެވިފައިވެއެވެ. މިސާލު:
ކުރިންހިނގާފައިވާ ޙާދިސާއަކަށް ޑައިލޮގުން އަލިއެޅޭ:
"އަހަރެންމީ ނުދަންނަ
ބީރައްޓެއްސެއްނަމަ އަހަރެން ފެންނައިރަށް ފިލުމުގެ ބޭނުމެއްނެތް. އަހަރެންމީ
ދަންނަ ރައްޓެއްސެއް ނަމަވެސް ހުއްޓި ވާހަކަ ދައްކަންވީނު. އިހަށްރޭވެސް ފިލީ.
އަހަރެން ކިހާވަރަކަށް ހޯދިން. ކީއްވެގެންތަ ފިލަނީ." |
މަތީގައިވާ ޑައިލޮގު ކޮޅުން ވާހަކައިގައި ކުރިން
ހިނގާފައިވާ ކަމެއްގެ އިޝާރާތް އެބަލިބެއެވެ. އެހެންކަމުން މިވާހަކައިންވެސް
ކުރިން ހިނގާފައިވާ ޙާދިޘާއަށް ވާހަކައިގެ ޑައިލޮގުތަކުން އަލިއެޅޭކަން
ފާހަގަކުރަމެވެ.
އެހެނަސް ގެއްލުނު ދުނިޔޭގައި މިބައި ގެނެސްދީފައިވާ
މިންވަރަށް އެހާފުރިހަމަޔަށް "ޙައްޤު" ވާހަކައިގައި މިބައި
ގެނެސްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ކުރިމަގުގައި ހިނގާފާނެ ޙާދިސާއަކަށް ޑާއިލޮގުން އަލިއެޅޭ:
"އެކަމަކު ދެން
އަހަރެންގާތަށް ނާންނާތި. ހެޔޮނުވާނެ. އަހަރެން ތަކުރާރުކޮށްވެސް މިބުނަނީ
ޝާހިދަށް ދެރައެއްލިބިދާނެތީ. މީހަކަށް އަހަރެމެން ފެނިގެން ހުތުރު އަޑެއް
ފެތުރިއްޖެއްޔާޔޯ؟ މާދަމާވެސް ޝާހިދުތިއީ މީހެއްގެ ފިރިއެއް އުފާވެރި
ޢާއިލާއެއްގެ ބައްޕައެއް." "ލަމްހާ ތަގުރީރު ދެނީތަ
އަހަންނަށް." |
މިޑައިލޮގުކޮޅުތަކުން ފަހުންވެދާނެ ކަމެއްގެ އިންޒާރު ނުވަތަ
އެފަދަ ކަމެއް ހިނގާފާނެކަން ހާމަވެއެވެ.
އެހެނަސް ގެއްލުނު ދުނިޔެއާ އަޅާބަލާއިރު މިވާހަކައިގައި މިފަދައިން މައުލޫމާތު
ފޯރުކޮށްދޭ ޑައިލޮގުތައް މަދުކަމަށް ފާހަގަކުރެވެއެވެ.
(ނ) ކެރެކްޓަރުންގެ ހިތުގައި އުފެދޭ ޖަޒުބާތާ
ޝުޢޫރު ޑައިލޮގުން ހާމަކޮއްދޭ
"އެންމެފަހުން ކަލޭގެ
ޙަގީގަތް އެނގިއްޖެތާ. ހުރި ނުލަފާކަން ބަލާބަލަ." "ޝާހިދު ކީއްވެގެން
ތިއުޅެނީ." "ކީއްވެތަ ކަލޭ އަހަންނަށް
ލަނޑުދިނީ. ކީއްވެކަލޭ އަހަންނަށް ދޮގުހެދީ. ކީއްވެތަ ކަލޭ ތިހާ
ލަދުކުޑައީ." |
މިޑައިލޮގު ކޮޅުން ޝާހިދު ލަމްހާދެކެ ރުޅިއަސްފައި
ހުރިމިންވަރު ހާމަވެއެވެ. އަދި މީގެއިތުރުން ޝާހިދު ހިތުގައި ލަމްހާގެ މައްޗަށް
އޮތްލޯބި ރުޅިޔާ ނަފްރަތަށް ބަދަލުވެފައިވާތީ އެޝުޢޫރުތައް މިޑައިލޮގު ކޮޅުން
ހާމަކޮށްދެއެވެ.
ޖުމްލަކޮށް މިދެވާހަކަޔަށް ބަލާއިރު "ޙައްޤު"
ގައި ވާ ޑައިލޮގުތަކަށްވުރެ "ގެއްލުނު ދުނިޔެ" މިވާހަކައިގައިވާ ޑައިލޮގް
ތަކުގެ ސަބަބުން ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުކުރުވައެވެ. އަދި
ޑައިލޮގްތަކުގެ އެހީގައި ވާހަކަ ކުރިޔަށްގެންދިޔުމުގެ ބައިވެސް ބޮޑުވެފައި
"ޙައްޤު" ވާހަކައިގައިވާ ޑައިލޮގުތަކަށްވުރެ ބޮޑަށް ގެއްލުނު
ދުނިޔޭގައިވާ ޑައިލޮގުތަކުން ޙާދިސާތަކަށް އަލިއެޅިގެން ގޮސްފައިވާކަންވެސް
ފާހަގަކުރެވެއެވެ. އެއީ ވަރަށް މަދުފަހަރެއްގައި ނޫނީ ޙާދިސާތަކަށް އަލިއެޅުވުމުގެ
ގޮތުން ޙައްގު ވާހަކައިގައި ޑައިލޮގު ބޭނުންކޮށްފައެއްނުވެއެވެ. ހަމައެއާއެކު
ކަރެކްޓަރުންގެ ޖަޒުބާތުތަކާއި އެމީހުންގެ އިޙުސާސްތަކާ ޝުޢޫރުތަކާ އެމީހުން
ގަސްތުކުރާ ގޮތުގެ އިތުރުން ކަންކަމާމެދު ކަރެކްޓަރުން ފާޅުކުރާ ޚިޔާލުވެސް "ހައްގު"
ވާހަކަޔަށްވުރެ ބޮޑަށް ހާމަކޮށްދީފައިވަނީ ގެއްލުނު ދުނިޔޭގައެވެ.
· މޮނަލޮގު
"ޙައްްޤު" ވާހަކައިގައި މޮނަލޮގު ބޭނުންކޮށްފައިވާލެއް
ވަރަށްމަދެވެ. އަދި ބޭނުންކޮށްފައިވާ މޮނޮލޮގުތަކުންވެސް ކެރެކްޓަރުންގެ ޚިޔާލާ
ޝުޢޫރު އެންމެ އެކަށީގެންވާގޮތުގައި ބަޔާންކޮށްދެވިފައި ނުވާކަން
ފާހަގަކުރެވެއެވެ.
"ޢަރީއެދުނު ހުރިހާ
ކަމެއްވެސް އަހަރެން ހަނދާން ބަހައްޓާނަން...! ޝާޑުއެއީ ޢަރީގެވެސް ޙައްޤެއް." |
މަތީގައި އެވާ މޮނޮލޮގު ކޮޅަކީ ޢަރީޝާ ލަމްހާޔަށް
ލިޔެފައިވާ ސިޓީކިޔުމަށްފަހު ލަމްހާ ހިތާހިތުން ބުނި ވާހަކަކޮޅެކެވެ. މިމޮނޮލޮގު
ކޮޅުން އެންމެ އެކަށީގެންވާ ޖަޒުބާތު ކިޔުންތެރިންގެ ހިތުގައި ލިޔުންތެރިޔާއަށް
އުފެއްދިފައެއް ނުވެއެވެ.
އެހެނަސް ޢަރީޝާގެ ސަބަބުން ޝާހިދު މޫދަށް ވެއްޓެން ދިމާވި
ޙާދިޘާޔާ ގުޅިގެން އައި ގަދަ ރުޅިގަނޑު ގެއަށްއައިސް ފެންވަރައިގެން
ނިކުތްއިރުވެސް މައިތިރި ނުވާކަން ޝާހިދު ފެންވަރައިގެން ނިކުމެ އޭނާގެ އަމިއްލަ
ނަފުސާ ދެއްކި ވާހަކަތަކުންވެސް ދޭހަވެއެވެ.
"މާލެވެސް ކުޑަވެގެން ގޮސް މިހާރު
މީހަކަށްނޯވޭ ތޮށިގަނޑު މަތީގައިވެސް ހުރެވޭކަށް. އެއޮއް އަގުބޮޑު ޓެނިހުގެ
ދުވަސްވެސްދިޔައީ." "ވޯޓަރ ޕްރޫފް. ހުނ! ކޮން ޕްރޫފެއް؟
ވަގުމަރުކާތަކާ އެއްޗެހި ގިނަވެގެންގޮސް ނުވާންވީ ކަންތައްތައްވެސް މިވީ. މިވެސް
އެއްލާލަކަށްނު މިޖެހުނީ." |
ޝާހިދު މިހާ ރުޅިއެއް އައިސްފައިމިވަނީ އޭނާގެ ޓެނިހާ
ގަޑިހަލާކުވެގެންކަމާ އަދި ގަޑިހަލާކުވުމުން އެގަޑިއުފެއްދި ކުންފުންޏަށްވެސް
އެރުޅިގަނޑު ބާލާފައިވެއެވެ. އެހެންކަމުން މިދެ މޮނޮލޮގުގެ އެހީގައިވެސް ޝާހިދުގެ
ރުޅިވެރި ރުންކުރު ކެރެކްޓަރ ހާމަވެގެންދެއެވެ.
އެހެނަސް ޖުމްލަކޮށް ދަންވާނަމަ މިބައިގައިވެސް ދެންނެވޭނީ
"ގެއްލުނު ދުނިޔެ" މިވާހަކައިގައި މޮނޮލޮގުން ވާހަކަޔަށް
ގެނެސްދީފައިވާފަދަ ދިރުމެއް "ޙައްޤު" ވާހަކައިގައި ލިޔުންތެރިޔާއަށް
މޮނޮލޮގުން ގެނެސްދެވިފައި ނުވާކަމުގައެވެ.
3.
ޕޮއިންޓް އޮފް ވިއު ނުވަތަ ވާހަކަ ހުށަހަޅައިދިން
ނަޒަރިއްޔާތުގެ ސަބަބުން ވާހަކަ ކިޔުންތެރިންނަށް ކުރި އަސަރު
ގެއްލުނު ދުނިޔެ
"ގެއްލުނު ދުނިޔެ" ހުށަހަޅައިދީފައިވަނީ ތިންވަނަ މީހާގެ ނަޒަރުންނެވެ.
އެހެންނަމަވެސް ވާހަކައިގެ ވަކިހިސާބަކުން އޮމޮނިސަންޓް ލިމިޓެޑަށް ބަދަލުވެ، އަދި
އޭގެ ފަހުން މެދަކާހިސާބަށްދާންވީއިރު މާބޮޑަށްވެސް އޮމޮނި ސަންޓަށް ވެއްޖެއެވެ. އެހެނީ
މިވާހަކައިގައި ވަރަށްގިނަފަހަރަށް އެހެންމީހުންގެ ޢިލްމުގެ ތެރެޔަސް
ވަދެގެންގޮސްފައިވެއެވެ. މިގޮތަށްދާނީ ތަރޑްޕަރސަން އޮމޮނިސަންޓް ވާހަކަތަކުގައި ކަމުގައި
ކްއިސްޗަން އެބައުޓް ތާރޑްޕަރސަން (2009) ހާމަކުރައްވައެވެ. އެހެންކަމުން ދެންނެވޭނީ
މިއީ ތަރޑުޕަރސަން އޮމޮނިސަންޓް ވާހަކައެއްކަމުގައެވެ. މިކަމުގެ ސަބަބުން
ކިޔުންތެރިންނަށް ކެރެކްޓަރުންގެ ޝުޢޫރުތަކާއި އެމީހުންބޭނުންވާގޮތް ވަރަށް ރަނގަޅަށް
ހާމަކޮށްދީފައިވެއެވެ. އަދިމިކަމުގެ ސަބަބުން ކިޔުންތެރިންވާހަކަ ކިޔުމަށް
ޝައުގުވެރިކުރުވައެވެ.
ޙައްޤު
"ގެއްލުނު ދުނިޔެ" އާ އެއްގޮތަށް "ޙައްޤު" ވެސް ހުށަހަޅައިދީފައިވަނީ ތިންވަނަ
މީހާގެ ނަޒަރުންނެވެ. އެހެނަސް "ޙައްޤު" އޮމޮނިސަންޓަށް ވުމުގެ
ބަދަލުގައި ވަނީ އޮމޮނިސަންޓް ލިމިޓެޑް ވާހަކަޔަކަށެވެ. އެހެންކަމުން
މިވާހަކައިގައި އުޅޭ އެހެން ކެރެކްޓަރުންނަށް ނޭގޭ ކަންތައްތައް "ގެއްލުނުދުނިޔެ"
އަށްވުރެ މަދުކަމުގައި ފާހަގަކުރެވެއެވެ.
4.
މެޓަފޯރ، ސިމިލީސް، އައިރަނީ، ފޯޝެޑޯއިންގ، ގެސަބަބުން ވާހަކަޔަށް ލިބުނު
ދިރުން
·
މެޓަފޯރ
ގެއްލުނު ދުނިޔެ
މެޓަރފަރ އަކި ތަފާތު ދެއްއެއްޗެއް އަޅާބެލުންކަމުގައި
މެޓަފަރ އާންސަރކޮމް (2009) ހާމަކުރައްވައެވެ. އެގޮތުން ގެއްލުނު ދުނިޔެ
މިވާހަކަޔަށްބަލާއިރު ދެމާނައެކުލެވޭ ވަރަށްއަސަރުގަދަ ރީތި މެޓަރފޯތަކެއް
ބޭނުންކޮއްފައި ވާކަން ފާހަގަކުރެއެވެ. އެގޮތުން މިތާގައި އެފަދަ ދެމިސާލެއް
ހިމަނާލާނަމެވެ.
މިސާލު:
1. ރާޅުޖަހަޖަހާއޮތް ޒުވާންކަމުގެ
ކޯރެކެވެ. 2. ތިޔަ ޝަޝީ އަތުކުރީގެ ހަރުފަޔަކަށް
ވެގެން ގެ ހަލާކުކުރާ ފަންޏަކަށްވެއްޖެއެވެ.
|
މަތީގައިވާ ފުރަތަމަ
މިސާލަށްބަލާއިރު "ރާޅުޖަހަޖަހާއޮތް ޒުވާންކަމުގެ ކޯރެކެވެ." ލިޔުންތެރިޔާ މިޢިބާރާތް ބޭނުން
ކުރައްވާފައިއެވަނީ އަންހެންކުއްޖެއްގެ ކިބައިގައި ޒުވާންކަމުގެ ޝަބާބު
ހުރިމިންވަރު ކިޔުންތެރިންގެ ހިތައް ތަޞައްވަރު ކޮށްދިނުމަށެވެ.
ދެވަނަ މިސަލުގައި
" ތިޔަޝަޝީ އަތުކުރީގެ ހަރުފަޔަކަށް ވެގެން ގެހަލާކުކުރާ
ފަންޏަކަށްވެއްޖެއެވެ." މިހެން މިޢިބާރާތް ލިޔުންތެރިޔާ
ބޭނުންކުރައްވާފައިއެވަނީ ޝަޝީ އަކީ ދުރުމީހެއްނޫންކަމާ އެމީހުންގެ މިހެއްކަމާ
އެހެނަސް ޝަޝީގެ ހުރި ނުރައްކާތެރިކަން ކިޔުންތެރިންނަށް ހާމަކޮށްދިނުމަށެވެ.
ވީމާ މަފަދަ މެޓަފޯރ ތަކުގެ ސަބަބުން ވާހަކައިގައި އަދަބީ
ކުލަޖެހުމުގެ އިތުރުން ޝައުޤުވެރިކަން
އިތުރުވުމުގެ ބާރަކަށްވެސް ވެގެންދެއެވެ.
ޙައްޤު
މިވާހަކައިގައިވެސް މެޓަފޯރ ކޮންމެވެސް ވަރަކަށް
ބޭނުންކޮއްފައިވާކަން ފާހަގަކުރަމެވެ. އެހެނަސް ގެއްލުނު ދުނިޔޭގައި ލިޔުންތެރިޔާ
ބޭނުންފައި ވާފަދަ ރީތި އަސަރުގަދަ މެޓަރފަރ ތަކެއް ޙައްގުގެ ލިޔުންތެރިޔާއަކަށް
ބޭނުން ކުރެވިފައެއްނެތެވެ.
1. "ޝާޢިރެއްގެ
ހުވަފެނެއް" 2. "ޕަރީއެއްބާވައެވެ." |
ފުރަތަމަ ޖުމްލަޔަ ދެވަނަޖުމްލައިންވެސް ލިޔުންތެރިޔާ
ކިޔުންތެރިންނަށް އަންގައިދޭން އުޅެފައިއެވަނީ އަންހެން ކުއްޖެއްގެ ރީތިކަމެވެ.
ފާހަގަ
ކޮއްލަންޖެހެނީ ލިޔުންތެރިޔާއަށް ތަފާތު މެޓަފަރތަކެއް އަސަރުގަދަ ކޮތަކަށް
މިވާހަކައިގައި ހިމަނާލެވިފައިނުވާކަމެވެ.
ސިމިލީ
ގެއްލުނު ދުނިޔެ މިވާހަކައިގައި ލިޔުންތެރިޔާ ހިތްގައިމު ސިމިލީތަކަކުން ވާހަކަޔަށް މުއްސަނދިކަން ގެނެސްދީފައިވެއެވެ. މިސާލު:
1. "ހިތް އޭނާގެ ކުރިމަތީގައި
ކަތިލެލެވިފައިވާ ކުކުޅެއްހެން ތެޅެންފަށައިފިއެވެ." 2. "އޭނާގެ ހިތަށް
ނޫފުރޭކަހަލަ ކައްޓެއް ހެރިއްޖެއެވެ." |
މިއިބަރާތްތަކުންލިޔުންތެރިޔާ ބޭނުންވަނީ ހިތައްވިތަދާ
ހިތްޒަހަމްވި މިންވަރު ލިޔުންތެރިންނަށް ސިފަކޮއްދޭށެވެ. އެހެންކަމުން
މިކަންވަރަށްކުޅަދާނަކޮއް ލިޔުންތެރިޔާ ކޮއްފައިވެއެވެ.
ޙައްގު މިވާހަކައިގައިވެސް ލިޔުންތެރިޔާ ސިމިލީ
ބޭނުންކޮއްފައިވާލެއް ވަރަށްވެސްމަދެވެ.
މިސާލު:
1. "ހަމަ ހީވަނީ
ކޯކުތައްޓެއްހެން." 2. "ހުދު ބޯކިރު ފޮދެއްފަދަ
ދޮންވެލިގަނޑު ނަށަނީއެވެ." |
ފުރަތަމަ ޢިބާރާތުން
ލިޔުންތެރިޔާ ހާމަކޮއްދޭން އެއުޅެނީ އަންހެން ކުއްޖެއްގެ ޒުވަކަމެވެ. ދެވަނަ
ޢިބާރާތުން ލިޔުންތެރިޔާ އެހާމަކޮއްދެނީ ދޮންވެލިގަނޑުގެ ހުދުކަމެވެ.
އެހެނަސް ގެއްލުނު ދުނިޔޭގައި ސިމިލީބޭނުން
ކޮއްފައިމިންވަރަށް އެފަދަ ފުރިހަމަގޮތަކަށް މިވާހަކައިގެ ލިޔުންތެރިޔާއަށް
ސިމިލީތައް ބޭނުންކުރެވިފައެއް ނެތެވެ.
އައިރަނީ
ގެއްލުނު ދުނިޔެ މިވަހަކަޔަށް ބަލާއިރު އައިރަނީ
ބޭނުންކޮއްފައިވަކަން ފަހަގަ ކުރެވެއެވެ. މިސާލު:
" އަހަރެން ހުވަފެނުންވެސް މިފަދަ
ދުވަހެއްއަތުވެދާނެކަމަށް ހިއެއްނުކުރަމެވެ." މިޢިބާރާތުން އަންގައިދެނި
ލިޔުންތެރިޔާ އުއްމީދުނުކޮއްހުރި ކަމެއްލިބުނުކަމެވެ.
ހައްގު މިވަހަކައިގައި "ބަލާބެލުމަށްހީވަނެ
ވަރަށްރަނގަޅު ކުއްޖެއްހެން" މިޢިބާރާތުން އެ އިޝާރާތްކުރާ ކުއްޖައަކީ
ޙަގީގަތުގައި ރަނގަޅުކުއްޖެއްނޫންކަން ދޭހަވެއެވެ.
ފޯޝެޑޯއިންގ
ގެއްލުނު ދުނިޔެ މިވާހަކައިގައި މަނަވީ ގޮތްގޮތަށް
ފޯޝެޑޯއިން ބޭނުންކޮއްފައިވާ ކަންފާހަގަ ކުރަމެވެ. މިސާލު: "ފުލުހުންގެ އަތާ
ތީޖުސިންގ ގެ ކަދުރާޔާ ދެމެދު މިހާރު މާބޮޑު ދުރުމިނެއްނެއް." އެހެނަސް
ހައްގު މިވަހަކައިގައި ފޯޝެޑޯއިން ބޭނުންކޮއްފައިވަނީ ސިދާސީދާކޮށެވެ. އެހެނަސް
މިވަހަކައިގައިވެސް ކޮންމެވެސް ވަރަކަށް ފޯޝެޑޯއިން ބޭނުންކޮއްފައިވެއެވެ. މިސާލު:
"ލަމްހާ ނުލިބިއްޖެނަމަ އަހަރެންމަރުވެދާނެ."
ނިންމުން
ޖުމްލަގޮތެއްގައި ދެވާހަކައިގައި ހުރި އަދަބީ
ސިފަތަކައްބަލާއިރު ދެންނެވޭނީ ކެރެކްޓަރުން ޑިވޮލޮޕް ކުރުމުގައި ބޭނުންކޮއްފައިވާ
އުކުޅުތަކާ ޑައިލޮގު މޮނޮލޮގުގެ ސަބަބުން ވާހަކަޔަށް ގެނެސްދިން ދިރުމާ
ޕޮއިންޓްއޮފްވިއު ވާހަކަ ހުށަހަޅައިދީފައިވާ ގޮތުގެ ސަބަބުން ކިޔުންތެރިނަށް
ކުރިއަސަރާ މެޓަފަރ، ސިމިލީ، އައިރަނީ އަދި ފޯޝެޑޯއިންގެ ސަބަބުން ދެވާހަކަޔަށް
ވެސް ދިރުން ލިބުނު ކަމުގައެވެ. އެހެނަސް ހައްޤު މިވާހަކަޔާ ގެއްލުނު ދުނިޔެއާ
އަޅާބަލާއިރު ކިތުންތެރިން ޝައުޤުވެރިވާފަދަ ގޮތަކަށް އިންސާނީ ދިރިއުޅުމުގެ
ޙަޤީޤީ ފަސްމަންޒަރެއް ދައްކައިދެވިފައިވަނީ ގެއްލުނު ދުނިޔޭގައިކަމުގައެވެ.
ވީމާ ގެއްލުނު ދުނިޔެއަކީ ރީތި އަސަރުގަދަ ފުރިހަމަ
ވާހަކައެއްކަމުގައި އެއްވެސް ޖެހިލުމެއްނެތި ދަންނަވަންޖެހެއެވެ.